ފަރުވާ ހޯދުމަށް ފަލަސްތީނުގެ 20 ކުޑަކުދިންނާއި އެކުދިންގެ އާއިލާތައް ސްޕެއިނުން ބަލައިގެންފި

ޣައްޒާއިން ފަލަސްޠީނުގެ ޖެނޮސައިޑާ ހެދި ގެންދާ މީހުންގެ 6 ވަނަ ބެޗުގެ ތެރެއިން، ފަލަސްތީނުގެ 20 ކުޑަކުދިންނާއި އެކުދިންގެ އާއިލާތައް ސްޕެއިނަށް އަތުވެއްޖެއެވެ. މިކަން ހާމަކުރައްވަމުން ސްޕެއިންގެ ހެލްތު މިނިސްޓަރު 'އެކްސް' ގައި ލިޔުއްވާފައިވަނީ، އެކުދިން ޣައްޒާގައި ޔަހޫދީންގެ އަނިޔާވެރިކަމުން ސަލާމަތްވެ، ސްޕެއިންގެ ހޮސްޕިޓަލްތަކުން ބޭނުންވާ ފަރުވާ ލިބޭނެ ކަމަށެވެ. އަދި އެކުދިންގެ ހިތްތަކުގައި ބިރުވެރިކަން ހުރި ނަމަވެސް، އުންމީދުތަކެއް ވެސް އެބަހުރި ކަމަށާއި މިއީ   ސްޕެއިންއަށް ލިބޭ ފަޚުރެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، ޣައްޒާގައި ހިންގަމުންދާ ޖެނޮސައިޑްގެ ބިރުވެރި އަނިޔާތައް އެއްވެސް އިންސާނަކަށް، ޚާއްސަކޮށް ކުޑަކުއްޖަކަށް ތަހައްމަލު ކުރަން ޖެހިގެން ނުވާނެ ކަމަށެވެ. "މި ކުދިންނަށް ފަރުވާ ދިނުމަކީ އަހްލާޤީ ވާޖިބެއް. އަދި އެކުދިންގެ ގެދޮރަށް ސަލާމަތުން އެނބުރި ދިއުމުގެ ހައްގު ދިފާއު ކުރުމަކީ ވެސް ޒިންމާއެއް،" ސަންޗޭޒް ވިދާޅުވިއެވެ.

ޔޫރަޕްގެ އެހެން ގައުމުތަކާ ޚިލާފަށް، ސްޕެއިނުން ވަނީ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާ ދެކޮޅަށް ހަރުކަށި ސިޔާސީ މައުޤިފެއް ނަގާފައެވެ. މިގޮތުން އެޅި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި:

  • ތެލްއަވީވްގައި ހުރި ސްޕެއިންގެ ސަފީރު ދާއިމީކޮށް އަނބުރާ ގެންދިއުން.

  • ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ސްޕެއިނަށް އެތެރެވުން މަނާކުރުން.

  • އިސްރާއީލު ޖެނޮސައިޑް ސިފައިންނާ ގުޅުންހުރި އެއްވެސް ހަރަކާތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކުރުން.

  • ޔޫރަޕިއަން ޔޫނިއަނާއި އިސްރާއީލާ ދެމެދު އޮތް ޕާޓްނާޝިޕް އެއްބަސްވުން މެދުކަނޑާލުމަށް ސަންޗޭޒް ގޮވާލުން.

ފަލަސްތީނުގެ ދައުލަތް ބަލައިގަތުން

މެއި 2024 ގައި ސްޕެއިނުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމާއެކު، ޔަހުދީ ދައުލަތާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. މީގެ އިތުރުން، އިސްރާއީލަށް ހަތިޔާރު އުފުލާ އުޅަނދުތައް ސްޕެއިންގެ ބަނދަރުތަކަށް ވަނުން ވެސް ވަނީ މަނާކޮށްފައެވެ. 2026 ވަނަ އަހަރުގެ ކުރީކޮޅު، އީރާނާ ދެކޮޅަށް ކުރާ ސޮލީބީ ސަހުޔޫނީ ހަނގުރާމައާ ގުޅުންހުރި މަތިންދާބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، އިސްރާއީލުން ވަނީ ސްޕެއިނަކީ ޔޫރަޕްގައި އޮތް އެންމެ "އަދާވާތްތެރި" ގައުމު ކަމަށް ސިފަކޮށްފައެވެ.

ހިއްސާ ކުރައްވާ!