މަޝްހޫރު ޗޮކްލެޓް އުފައްދާ ކުންފުނި "މާސް" އިން، އެ ކުންފުނީގެ އުފެއްދުންތަކުގައި ބޭނުންކުރާ ކުލަތައް ޤުދުރަތީ މާއްދާތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ބަދަލުގެ ދަށުން، އެމް އެންޑް އެމްސް ގެ ޚާއްސަ ޕެކެޓްތަކުން ނޫ އަދި މުށި ކުލަ ވަގުތީ ގޮތުން އުނިކުރަން އެ ކުންފުނިން ވަނީ ނިންމާފައެވެ.
"ވޯލް ސްޓްރީޓް ޖާނަލް" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މާސް އިން އެ ކުންފުނީގެ އެންމެ މަޝްހޫރު ހަތަރު އުފެއްދުމެއް (އެމް އެންޑް އެމްސް، އެކްސްޓްރާ، ސްޓާބަރސްޓް، އަދި ސްކިޓްލްސް) ޤުދުރަތީ ކުލަތައް ބޭނުންކޮށްގެން އުފައްދައި، އެމޭޒަން މެދުވެރިކޮށް ވިއްކަން ފެށުމަށް ވަނީ ތައްޔާރުވެފައެވެ. ނަމަވެސް، 2028 ވަނަ އަހަރާ ހަމައަށް އަންނައިރު، ޤުދުރަތީ މާއްދާތައް ބޭނުންކޮށްގެން ކުރިން ހުރި ހުރިހާ ކުލަތަކެއް އަލުން ގެނައުމަށް ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ބަދަލު ގެންނަން ޖެހުނު ސަބަބު:
އެމެރިކާގައި ކާބޯތަކެތީގައި ކެމިކަލް އަދި ސިނާއީ ކުލަތައް ބޭނުންކުރުމާ ދެކޮޅަށް އުފުލެމުންދާ އަޑުތައް ގަދަވުމަކީ މި ބަދަލުގެ މައިގަނޑު ސަބަބެވެ. ޚާއްސަކޮށް، "ލެޓްސް މޭކް އެމެރިކާ ހެލްތީ އަގެއިން" ކެމްޕޭނުގެ ދަށުން، ކުޑަކުދިންގެ ސިއްހަތަށާއި އަޚްލާޤަށް ސިނާއީ ކުލަތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މާސް އިން ފާހަގަކުރާ ގޮތުގައި، ނޫ ކުލަ އުފެއްދުމަށް ބޭނުންކުރާ "ސްޕިރުލީނާ" ގެ ޤުދުރަތީ މާއްދާއަކީ ކުލައިގެ ފެންވަރު ހިފެހެއްޓުމަށް އުނދަގޫ އެއްޗެކެވެ. މީގެ ސަބަބުން ޗޮކްލެޓްގެ ބޭރު ފަށަލަ ބޯވުމާއި އޭގެ ރަހައަށް ބަދަލު އައުން ފަދަ މައްސަލަތައް ދިމާވާތީ، އުފެއްދުމުގެ ލައިންތައް އަލުން ބަދަލުކުރަން ޖެހުނެވެ. އަދި މުށި ކުލައަކީ ވެސް ނޫ ކުލައިގެ ސިނާއީ މާއްދާއެއް އެކުލެވޭ ކުލައަކަށްވާތީ، އެ ދެ ކުލަ މިވަގުތަށް ވަނީ ނުއުފައްދައި ހިފަހައްޓާފައެވެ.
ކުންފުނިން ކަށަވަރުކޮށްދޭ ގޮތުގައި، މިހާރު ވެސް މާކެޓުގައި ހުރި ސިނާއީ ކުލަތައް އެކުލެވޭ އުފެއްދުންތައް ލިބެން ހުންނާނެއެވެ. އަދި ޤުދުރަތީ ކުލަތަކާއެކު އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ނެރުމަށް ބޭނުންވާ އިތުރު ދިރާސާތައް ކުންފުނިން ކުރަމުން ގެންދާނެއެވެ.







