2028 ވަނަ އަހަރުގެ އިންތިޚާބަށް ތައްޔާރު ވާން ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކާ ގުޅުން ބަދަހިކުރަނީ

އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ މަގުސަދުގައި، ޑިމޮކްރެޓިކް ޕާޓީގެ ޕްރޮގްރެސިވް ފަރާތްތަކާއި ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުންނާ އެކު ގުޅުންތައް ބަދަހިކުރައްވަން ފައްޓަވައިފިއެވެ. "އެކްސިއޯސް" އިން ރިޕޯޓުކުރާ ގޮތުގައި، މި މަސައްކަތުގެ ތެރެއިން ނިއު ޔޯކް ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީ އާއި އެހެނިހެން އިސް ލީޑަރުންނާ ހެރިސް މިހާރު ގެންދަވަނީ މުއާމަލާތްތައް ކުރައްވަމުންނެވެ.

ހެރިސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަމްދާނީއާ ފޯނުން ގުޅުއްވައި، ޑިމޮކްރެޓިކް ޕާޓީގެ ކުރިމަގާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިއީ މަމްދާނީ ތާއީދުކުރި ތިން ކެންޑިޑޭޓަކު ނިއު ޔޯކްގެ ކޮންގްރެސް އިންތިޚާބުތަކުގައި ކާމިޔާބީ ހޯއްދެވިތާ ދެ ދުވަސް ފަހުން ކުރެއްވި މަޝްވަރާއެކެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ތެރޭގައި ވެސް ހެރިސް އާއި މަމްދާނީގެ ދެމެދުގައި މެސެޖުތައް ބަދަލުކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން، ފަލަސްތީނުގެ މައްސަލައާ ގުޅިގެން ޖޯ ބައިޑަންގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އުފެދުނު "އަންކޮމިޓެޑް މޫވްމަންޓް"ގެ އިސް އެކްޓިވިސްޓް ޢައްބާސް ޢަލާވީއާ ވެސް ހެރިސް ވަނީ މިދިޔަ ހަފުތާގައި ޑިޓްރޮއިޓްގައި ބައްދަލުކުރައްވާފައެވެ. ޢަލާވީ ހެރިސްގެ ގާތުގައި ވިދާޅުވީ، އެމެރިކާގެ ޓެކްސް ފައިސާ ބޭނުންކޮށްގެން އާންމުންނަށް ހަމަލާދިނުމާއި މުޖުތަމައުތައް ސުންނާފަތި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ހެރިސްއަށް ގެއްލުނު އެއް މައިގަނޑު ސަބަބަކީ ޣައްޒާގެ ހަނގުރާމައާ ގުޅިގެން ގެންގުޅުއްވި ސިޔާސަތުތައް ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ސިއްރު ދިރާސާއަކުން ދައްކާފައިވެއެވެ. އިންތިޚާބުގެ ތެރޭގައި ފަލަސްޠީނު އެމެރިކާ މީހަކަށް ކޮންވެންޝަނުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިނުމުން، ގިނަ އެކްޓިވިސްޓުންތަކެއް ހެރިސްއާ ދުރުވިކަން ފާހަގަކުރެވެއެވެ.

ނަމަވެސް، 2025 ވަނަ އަހަރު ނެރުއްވި އަމިއްލަފުޅު ފޮތް "107 ޑޭސް" ގައި ހެރިސް ވިދާޅުވެފައިވަނީ، ޣައްޒާގައި މަރުވަމުންދާ އާންމުންނާ މެދު ހަމްދަރުދީ ފާޅުކުރުމަށް ބައިޑަންގެ އަރިހުން އޭނާ އެދިވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް، ބައިޑަންގެ ފަރާތުން އެފަދަ ހަމްދަރުދީއެއް ނުފެނުމުން އޭނާ ހިތްހަމަނުޖެހިވަޑައިގެންނެވި ކަމަށް އެ ފޮތުގައި ލިޔުއްވާފައިވެއެވެ.

ހެރިސް މިހާރު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ޑިމޮކްރެޓިކް ޕާޓީގެ އެކި ފެކްޝަންތަކާ އެކު އޮތް ގުޅުން އިއާދަކުރުމަށެވެ. 2028 ވަނަ އަހަރުގެ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރެއިން އެންމެ ކުރީގައި ހުންނެވި އެއް ބޭފުޅަކީ ހެރިސް ކަމަށްވިޔަސް، އޭނާއަށް ޕާޓީގެ ތެރެއިން ވަރުގަދަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މާހިރުން ދެކެއެވެ. ޚާއްސަކޮށް، މީގެ ކުރިން އޭނާ ގެންގުޅުއްވި ސިޔާސީ ކަންކަން ބަދަލުވަމުން ދިއުމަކީ ޕާޓީގެ ބައެއް މެންބަރުންގެ މެދުގައި ސުވާލު އުފެދޭ ކަމެކެވެ.

ހިއްސާ ކުރައްވާ!