ވިހެއުމަށްފަހު އުކާލާ މަސް ބޭނުންކޮށްގެން އިންޖެކްޝަން އުފައްދާ ބޮޑު ނެޓްވޯކެއް އަތުލައިގަނެފި

ޕާކިސްތާނުގައި ކުދިން ވިހެއުމަށްފަހު ހޮސްޕިޓަލްތަކުން އުކާލާ މަސްތުރަވެފައިވާ ޕްލެސެންޓާ އެއްކޮށްގެން، ގަވާއިދާ ޚިލާފަށް ބޭރު ގައުމުތަކަށް ފޮނުވައިގެން އެތައް މިލިއަން ރުޕީސްއެއްގެ އަގުހުރި ޒުވާންކަން ދަމަހައްޓައިދޭ އިންޖެކްޝަން އުފައްދަމުންދާ ބޮޑު ނެޓްވޯކެއް ޕާކިސްތާންގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން އަތުލައިގަނެ، ބޮޑެތި ސިއްރުތަކެއް ހާމަކޮށްފި އެވެ.

އެފްއައިއޭއިން ބުނާ ގޮތުގައި އާންމުކޮށް މެޑިކަލް ވޭސްޓްގެ ގޮތުގައި އުކާލާ މި މަސް ބޭނުންކޮށްގެން އުފައްދާ އެންމެ އިންޖެކްޝަނެއް ވެސް ޕާކިސްތާނުގެ ބާޒާރުގައި 7 ލައްކަ ރުޕީސްއާ ހަމައަށް ވިކެ އެވެ. މި ނެޓްވޯކާ ގުޅުންހުރި އެޖެންޓުން ލާހޯރާއި، ޕެޝާވަރު އަދި ރާވަލްޕިންޑީގައި ހަރަކާތްތެރިވަމުންދާކަން ތަހުގީގަށް މިހާރު ވަނީ އެނގިފަ އެވެ.

މި ތަހުގީގުގެ ތެރެއިން އޮފިޝަލުން ވަނީ ވިއެޓްނާމަށް ފޮނުވަން ތައްޔާރުކޮށްފައި އޮތް މިފަދަ މަހުގެ ބޮޑު ޝިޕްމަންޓެއް އެއާޕޯޓުން ހިފަހައްޓާފަ އެވެ. ކޯޓަށް ހުށަހެޅި މައުލޫމާތުތަކުގައިވާ ގޮތުން 30 ގޮށީގައި ބަންދުކޮށްފައި ހުރި މި ޝިޕްމަންޓްގެ ބަރުދަނުގައި 580 ކިލޯ ހުއްޓެވެ. ތަހުގީގު އިދާރާތަކުން މިހާރު ދަނީ މި ކަމުގައި ކަސްޓަމްސްގެ އޮފިޝަލުންނާއި ހޮސްޕިޓަލްތަކުގެ ކުނި މެނޭޖްކުރާ ކުންފުނިތަކުގެ ބައިވެރިވުން އޮތްތޯ ބަލަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެކި ހޮސްޕިޓަލްތަކުން މަހަކު ގާތްގަނޑަކަށް 200 ކިލޯގެ މަސް މި ނެޓްވޯކުން އެއްކުރެ އެވެ. މިކަމުގެ ހެކި ހޯދުމަށްޓަކައި އެފްއައިއޭ އިން ވަނީ ރާވަލްޕިންޑީ، އިސްލާމްއާބާދު، ލާހޯރު އަދި ޕެޝާވަރުގެ 200 އެއްހާ ހޮސްޕިޓަލެއް ޝޯޓްލިސްޓްކޮށް، ތަހުގީގުގެ ދާއިރާ ފުޅާކޮށްފަ އެވެ. މި ކުށް ސާބިތުވެއްޖެނަމަ އިންސާނީ ގުނަވަންތަކާ ބެހޭ ގާނޫނާއި، މެޑިކަލް ކުނީގެ ގާނޫނު އަދި ސްމަގްލިންގެ ގާނޫނުތަކުގެ ދަށުން ހަރުކަށި ފިޔަވަޅު އެޅޭނެ އެވެ.

މި މައްސަލާގައި އިސްލާމްއާބާދުން ހައްޔަރުކުރި ފަސް މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރު އެއް ދުވަހަށް ޖަހާދީފަ އެވެ. އެފްއައިއޭއިން ހަތް ދުވަހުގެ މުއްދަތަކަށް އެދުނު ނަމަވެސް، ޖުޑީޝަލް މެޖިސްޓްރޭޓް ނިންމެވީ އިތުރަށް ސުވާލުކުރުމަށް އެއް ދުވަސް ދިނުމަށެވެ. މުއްދަތު ހަމަވުމުން މި އެންމެން އަލުން ކޯޓަށް ހާޒިރުކުރަން ޖެހޭނެ އެވެ.

މި ހާދިސާއާ ގުޅިގެން އިސްލާމްއާބާދުގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ 'ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް' (ޕިމްސް) އިން ވަނީ އެތަނުގައި މިފަދަ ތަކެތި ނައްތާލާ ގޮތް ސާފުކޮށްދީފަ އެވެ.

އެ ހޮސްޕިޓަލުގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. އަނީޒާ ޖަލީލް ވިދާޅުވީ، ދުވާލަކު 60 އަށްވުރެ ގިނަ ކުދިން ވިހާ އެ ހޮސްޕިޓަލުން އުކާލާ މަސް ނައްތާލަނީ ތިމާވެއްޓާ ރައްޓެހި ޒަމާނީ ނިޒާމެއްގެ ދަށުން ކަމަށެވެ. ކުނި އެއްކުރާ ވަގުތުން ފެށިގެން ނައްތާލުމާ ހަމައަށް ކޮންމެ މަރުހަލާއެއްގައި ބަރުދަން ބަލައި، ސީސީޓީވީ މެދުވެރިކޮށް ހުރިހާ ހަރަކާތްތަކެއް ވަރަށް ބޮޑަށް މޮނިޓަރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަރުދަނަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެއީ މުވައްޒަފުންގެ އިހުމާލެއް އޮވެގެން ކަމަށް ބަލައި ފިޔަވަޅު އަޅާ ކަމަށް ވެސް ވިދާޅުވި އެވެ.

މަސްތައް ބިމުގައި ވަޅުލައިގެން ނައްތާލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް، އެގޮތަށް ހަދައިފިނަމަ ޖަނަވާރުތަކާއި ދޫނިތަކުގެ ކިބައިން އެތަން ސަލާމަތްކުރުމަކީ ބޮޑު ގޮންޖެހުމަކަށް ވާތީ ޕިމްސްގައި އެގޮތް ބޭނުން ނުކުރާ ކަމަށް އޭނާ އިތުރަށް ފާހަގަކުރެއްވި އެވެ.

ހިއްސާ ކުރައްވާ!