ބަލޯޗިސްތާނުގައި އުމުރުން އެންމެ 15 އަހަރުގެ ކުޑަކުއްޖަކު ގާނޫނާ ޚިލާފަށް ހައްޔަރުކޮށް، ދައުލަތުން ބަންދުގައި ބަހައްޓައިގެން މަރާލާފައިވާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެން، އެ ސަރަހައްދުގެ އިންސާނީ ހައްގުތަކުގެ ހާލަތު އިންތިހާއަށް ގޯސްވަމުންދާތީ 'ބަލޯޗް ޔަކްޖެހްތީ ކޮމިޓީ' އިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ. މި ހާދިސާ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ 'ދަ ބަލޯޗިސްތާން ޕޯސްޓް' ނޫހުންނެވެ.
ފާއިޒް މުހައްމަދުގެ އުމުރުން 15 އަހަރުގެ ފިރިހެން ދަރިފުޅު ގެއްލުވާލާފައި ވަނީ ރަމަޟާން މަހުގެ ތެރޭގައި ސަލާމަތީ ބާރުތަކުން ކަމަށް ބުނެއެވެ. މި ކުއްޖާ ގަދަކަމުން ހައްޔަރުކޮށްގެން ގެންދިޔުމަށްފަހު، ވީނުވީއެއް ނޭނގި ގާތްގަނޑަކަށް ތިން މަސް ދުވަހު ބަންދުގައި ބޭންދި އެވެ.
އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ޖޫން 29 ވަނަ ދުވަހު އެއާޕޯޓް ރޯޑުންނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި ކުއްޖާގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކުން އެއީ ޝަރީއަތުން ބޭރުން ދީފައިވާ އަނިޔާތަކެއްކަން އެނގެ އެވެ.
ބީވައިސީއިން ވަނީ މި ލޭއޮހޮރުވުން ބޮޑު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެކްޓިވިސްޓުން ތުހުމަތުކުރާ ގޮތުގައި މިކަމުގެ ފަހަތުގައިވަނީ ދައުލަތުގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ ހަތިޔާރުއެޅި ގްރޫޕްތައް ނުވަތަ "ޑެތު ސްކޮޑްސް" ތަކެވެ.
މި ހާދިސާއަކީ ޖޫން މަހުގެ ތެރޭގައި ވެސް، ގަދަކަމުން ގެއްލުވާލުމަށްފަހު ފަހުން މަރާލާފައި އޮއްވާ ފެނުނު ކަމަށް ބީވައިސީއަށް ރިޕޯޓްކޮށްފައިވާ 10 ވަނަ މައްސަލައިގެ ތެރޭން މައްސަލައެކެވެ. މީގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑުން ލާއިންސާނީ އަނިޔާގެ ނިޝާންތައް ފެންނަން ހުރިއިރު، ބައެއް މީހުންނަކީ ސަލާމަތީ ބާރުތަކުން ކުރިމަތިލުމެއްގެ ސިފަ ދައްކައިގެން މަރާލާފައިވާ މީހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މި ޖަމިއްޔާއިން ސުވާލު އުފައްދާފައިވަނީ، މިފަދަ ލާއިންސާނީ މަރުތަކަށް ޒިންމާވާންޖެހޭ ފަރާތްތަކަށް އެއްވެސް އަދަބެއް ނުލިބި މިނިވަންކަމާއެކު އުޅެމުންދާއިރު، ހައްގުތަކަށް ވަކާލާތުކުރާ ބީވައިސީގެ އިސްވެރިންނާ ދެކޮޅަށް ސަރުކާރުން ގާނޫނީ ފިޔަވަޅު އަޅަމުންދަނީ ކީއްވެގެންތޯ އެވެ. ބީވައިސީން ވަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާތަކަށާއި ދުނިޔޭގެ ބޮޑެތި ބާރުތަކަށް މި މައްސަލައިގެ ތެރެއަށް ވަދެ، ބަލޯޗިސްތާނުގައި ވޭތުވެދިޔަ 20 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ހިނގަމުންދާ މި ބޮޑު ކްރައިސިސް ހުއްޓުވައިދިނުމަށް އިލްތިމާސްކޮށްފަ އެވެ.




