އީލޮން މަސްކްގެ ކުންފުނި 'ސްޕޭސްއެކްސް' އިން އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީއަށް ބިނާކޮށް ޚާއްސަ ޑިވައިސްއެއް އުފައްދަމުން އަންނަ ކަމަށާއި، އޭގެ ޕްރޮޓޯޓައިޕް މޮޑެލްއެއް އިންވެސްޓަރުންނާއި ހިއްސާދާރުންނަށް ދައްކާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓެއްގައިވާ ގޮތުން، މި ޑިވައިސްއަކީ ވަރަށް ތުނި އަދި އާދައިގެ ސްމާޓްފޯނަކާ ވަރަށް އެއްގޮތް ޑިޒައިނަކަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. އާދައިގެ ސްމާޓްފޯނުތަކުގައި ހުންނަ ފީޗާތަކުގެ އިތުރުން، މި ޑިވައިސްގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އޭއައި ޓޫލްތަކަށެވެ. ސްޕޭސްއެކްސްގެ މައިގަނޑު އަމާޒަކީ އޭއައި ހާޑްވެއާ އާންމުންނާ ހަމައަށް ފޯރުކޮށްދީ، މުސްތަގުބަލުގައި އެޕަލް ކުންފުންޏާ ބާޒާރުގައި ވާދަކުރުމެވެ.
ސްޕޭސްއެކްސްގެ މި އޭއައި ޑިވައިސް އަދި އޮތީ ތައްޔާރުކުރުމުގެ އެންމެ ކުރީކޮޅުގެ މަރުހަލާގަ އެވެ. މި ޑިވައިސް އެހެން ސްމާޓްފޯނުތަކާ ތަފާތުވާނެ އެންމެ ބޮޑު އެއް ސަބަބަކީ، މިއީ އެންޑްރޮއިޑް ނުވަތަ އައިއޯއެސްގެ ބަދަލުގައި މުޅިން އާ ކަސްޓަމް އޮޕަރޭޓިން ސިސްޓަމެއްގައި މަސައްކަތްކުރާނެ ޑިވައިސްއަކަށް ވުމެވެ. މީގައި ބޭނުންކުރާނީ ކުއަލްކޮމް ޕްރޮސެސަރެއް ކަމަށާއި، މި ޑިވައިސް ގުޅިފައި އޮންނާނީ އެކްސްއޭއައިގެ އޭއައި މޮޑެލްތަކާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
މި ޕްރޮޓޯޓައިޕް ޑިވައިސް ފަރުމާކޮށްފައިވަނީ އީލޮން މަސްކްގެ "އެވްރީތިންގް އެޕް" ނުވަތަ "ސުޕަރ އެޕް" ގެ ތަސައްވުރާ ވެސް ގުޅޭގޮތަށެވެ. އެގޮތުން، އެންމެ ޕްލެޓްފޯމެއްގެ ތެރެއިން ގިނަ ޑިޖިޓަލް ޚިދުމަތްތަކެއް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ އެވެ. މާނައަކީ، މިއީ މެސެޖުކުރުމާއި، ޑިޖިޓަލް ޕޭމަންޓް ހެދުމާއި، ވިޔަފާރިކުރުމާއި، ރައިޑް ޝެއަރިން އަދި ސޯޝަލް ނެޓްވޯކިން ފަދަ އާންމު ދިރިއުޅުމުގެ ގިނަ ކަންކަން އެއްތަނަކުން ފުރިހަމަކޮށްދޭނެ މައި ހަބަކަށް ވެގެންދާނެ އެވެ.
މިފަދަ ރިޕޯޓުތަކެއް ފެތުރެމުން ދިޔަ ނަމަވެސް، މި ރިޕޯޓުގެ ސައްހަކަން އަދި ކަށަވަރުކުރަން ދައްޗެވެ. ސަބަބަކީ އީލޮން މަސްކް ވަނީ މިގެ ކުރިން މިފަދަ ރިޕޯޓުތަކަށް އިންކާރުކުރައްވައި، އެއީ ދޮގެއް ކަމަށް ވިދާޅުވެފަ އެވެ.
އެހެންނަމަވެސް، މިއީ ތެދު ވާހަކައަކަށް ވެއްޖެނަމަ، އޭއައި ޑިވައިސް އުފެއްދުމުގެ ރޭހުގައި އުޅޭ ބޮޑެތި ކުންފުނިތަކުގެ ލިސްޓަށް ސްޕޭސްއެކްސް ވެސް އިތުރުވެގެންދާނެ އެވެ. މި ދާއިރާގައި އޯޕަންއޭއައިއިން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރަމުން އަންނައިރު، ދުނިޔޭގެ އެންމެ ބޮޑު ޓެކް ކުންފުނި ކަމަށްވާ އެޕަލް އިން ވެސް ދަނީ އޭއައި ޑިވައިސްތަކާއި ފީޗާތަކުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރަމުންނެވެ.






