އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވޭންސް އަޒުލުކޮށް، މަގާމުން ވަކިކުރުމަށް ގޮވާލައި އެމެރިކަގެ ގާނޫނުހަދާ މަޖިލިސް އިމާރާތް ކުރިމަތީގައި ވާހަކަދެއްކި އެމެރިކާ ވައިގެ ސިފައިންގެޚިދުމަތުގައި އުޅޭ މޭޖަރަކު ހައްޔަރުކޮށްފިއެވެ.
މޭޖަރ ޖޭސަން ވޮޓްސަން ހައްޔަރުކޮށްފައިވަނީ، ޓްރަމްޕް މަގާމުން ދުރުކުރުމަށް ގޮވާލާ "ރިމޫވަލް ކޯލިޝަން" ކިޔާ އެކްޓިވިސްޓް ގްރޫޕަކުން އިންތިޒާމުކުރި ނިއުސް ކޮންފަރެންސެއްގައި ސިފައިންގެ ޔުނީފޯމްގައި ހުރެ ވާހަކަދެއްކުމަށް ފަހުގައެވެ. މި ހަރަކާތުގައި ޓެކްސަސްގެ ޑިމޮކްރެޓިކް މެންބަރެއް ކަމަށްވާ އާލް ގްރީން ވެސް ބައިވެރިވެވަޑައިގަތެވެ.
ކޮންގްރެސް އިމާރާތް ބަލަހައްޓާ ޕޮލިހުން ބުނިގޮތުގައި، ކޮންގްރެސްގެ މެންބަރަކު ހާޒިރުވެ ނެތް ނަމަ، ގާނޫނު ހަދާ މަޖިލީހުގެ ކރުިމަތީ މަތީގައި މުޒާހަރާކުރުމަކީ އާންމުންނަށް މަނާކަމެކެވެ.
ވޮޓްސަން އެ ސަރަހައްދަށް ދިޔައީ ކޮންގްރެސް މެންބަރަކާއެކު ކަމަށްވިޔަސް، އެ މެންބަރު އެތަން ދޫކޮށް ދިއުމުން، މުޒާހަރާ ހުއްޓާލުމަށް ފުލުހުން އެންގިއެވެ. ނަމަވެސް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން އޭނާ ހައްޔަރުކުރީ މަގު ބަންދުކުރުމާއި، އަމުރށް ނުކުިޔަމަންތެރިވުމުގެ ކުށުގެ ތުހުމަތުގައެވެ.
ވޮޝިންޓަނުގެ ދަށު ކޯޓުގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި، ވޮޓްސަން މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި އޭނާއާ ދެކޮޅަށް ރަސްމީކޮށް ދައުވާ ނުއުފުލުމަށް ވަނީ ނިންމާފައެވެ.
މި ނިއުސް ކޮންފަރެންސްގައި ވޮޓްސަން ވަނީ ވެނެޒުއޭލާ އަދި އީރާނުގައި ޓްރަމްޕްގެ ސަރުކާރުން ހިންގި ލާއިންސާނީ އަސްކަރީ ހަރަކާތްތަކަށާއި، ހިޖުރަވެރިން ހައްޔަރު ކުރުމާއި ތަފާތުކުރުމުގެ ސިޔާސަތުތަކަށް ފާޑުކިޔާފައެވެ. އޭނާ ބުނިގޮތުގައި މި އަމަލުތަކަކީ ގާނޫނުއަސާސީއާ ޚިލާފު އަމަލުތަކެކެވެ.
އެމެރިކާގެ ސިފައިން ސިޔާސީ ކަންކަމުގައި ފާޅުގައި ޚިޔާލުފާޅުކުރުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ. ޔުނީފޯމް އެމްއޭ ގާނޫނުގެ މައްދާ 88 ގެ ދަށުން، ރައީސާއި، ނައިބު ރައީސާއި އަދި ކޮންގްރެސްއަށް ކުޑައިމީސްވާ ގޮތަށް ސިފައިން ބަސްބުނުމަކީ ޖިނާއީ ކުށެކެވެ. އަދި ސިޔާސީ އެއްވުންތަކުގައި ޔުނީފޯމް އަޅައިގެން ބައިވެރިވުމަކީ ވެސް މަނާކަމެކެވެ.
"ރިމޫވަލް ކޯލިޝަން" ގެ ބާނީ ޖެސިކާ ޑެންސަން ބުނީ، ވޮޓްސަން މި ފިޔަވަޅު އެޅީ މީގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތައް ރަނގަޅަށް ދަނެގެން ހުރެގެންނެވެ. އަދި ކޮންގްރެސް މެންބަރު އާލް ގްރީން ވެސް ވަނީ ސޯޝަލް މީޑިއާގައި ވޮޓްސަންގެ އަމަލަށް ތައުރީފު ކުރައްވައި ވީޑިއޯއެއް ހިއްސާކުރައްވާފައެވެ.






