އެމެރިކާގެ ބިމަށް އުފަންވާ ކޮންމެ ކުއްޖަކަށް އޮޓޮމެޓިކުން އެ ގައުމުގެ ރައްޔިތުކަން ލިބޭ ގޮތަށް އޮންނަ "ބާތުރައިޓް ސިޓިޒަންޝިޕް" ހައްގު އުވާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރު އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން، ކަނާތު ފިޔައިގެ ސިޔާސީވެރިންނާއި މީޑިއާގެ ފަރާތްތަކުން އާދަޔާޚިލާފު ބޮޑު ނުރުހުމެއް ފާޅުކުރަން ފަށައިފިއެވެ. ބައެއް ފަރާތްތަކުން ދަނީ ފަނޑިޔާރުން މަގާމުން ވަކިކުރުމަށާއި، ހިޖުރަވެރިންނަށް ދަރިން ނުލިބޭ ގޮތަށް ހޯޖާ ކުރުމަށާއި، އަދި އެމެރިކާގެ އިއްތިހާދު އުވާލުމަށް ވެސް ގޮވާލަމުންނެވެ.
ކޯޓުން ނިންމާފައިވަނީ ޓްރަމްޕްގެ ރިޔާސީ އަމުރަކީ އެމެރިކާގެ ގާނޫނުއަސާސީގެ 14 ވަނަ އިސްލާހާ ސާފުކޮށް ޚިލާފު، ޣައިރުގާނޫނީ އަމުރެއް ކަމަށެވެ. އެ އިސްލާހުގައި ބުނެފައިވަނީ އެމެރިކާގައި އުފަންވާ ނުވަތަ ރައްޔިތުކަން ގާނޫނީގޮތުން ހޯދާ ކޮންމެ މީހަކީ އެމެރިކާގެ ރައްޔިތެއް ކަމަށެވެ.
މި ނިންމުމާއެކު ޓްރަމްޕަށް ސަޕޯޓު ކުޜާ ހަރުކަށި ކަނާތު ފިޔައިގެ މީޑިއާގެ އިސް ފަރާތެއް ކަމަށްވާ "ދަ ފެޑެރަލިސްޓް" މަޖައްލާގެ ސީއީއޯ ސީން ޑޭވިސް ސޯޝަލް މީޑިއާގައި ބުނެފައިވަނީ، މި ނިންމުމަށް ފަހު ކުރިއަށް ދިއުމަށް ބައެއް ހަރުކަށި މަގުތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓަށް އިތުރު ފަނޑިޔާރުން އައްޔަންކުރުމާއި، އެމެރިކާއަށް އެތެރެވުމުގެ ކުރިން ހުރިހައި ހިޖުރަވެރިން ހޯޖާ ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.
އޭނާ އިތުރަށް ބުނީ، އަމިއްލަ ގައުމުގެ ރައްޔިތުންނަކީ ކޮބައިކަން ކަނޑަނޭޅޭ ގައުމަކީ ގައުމެއް ނޫން ކަމަށާއި، އެމެރިކާގެ އިއްތިހާދު އުވާލަން ޖެހޭ ކަމަށެވެ. މީގެ އިތުރުން، ހަރުކަށި ކަނާތު ފިޔައިގެ މީޑިއާ ޗަޚުސިއްޔަތެއް ކަމަށްވާ ޖެކް ޕޮސޯބިއެކް ބުނީ، ބޭރު މީހުން އެމެރިކާއަށް އެތެރެވާއިރު ކުއްލި ޕްރެގްނަންސީ ޓެސްޓެއް ހެދުން ގާނޫނުން މަނާ ނުކުރާ ކަމަށެވެ.
މި ނިންމުމުގައި ކޯޓުގެ ގިނަ ފަނޑިޔާރުންގެ ރައުޔާ ބައިވެރިވި ކޮންޒަވޭޓިވް ފަނޑިޔާރުންނަށް، ޚުދު ރިޕަބްލިކަން ޕާޓީގެ ބޭފުޅުންގެ ބޮޑު ނުރުހުމެއް ވަނީ އަމާޒުވެފައެވެ.
"ގާނޫނާ ޚިލާފަށް އަމަލުކުރާ އެކްޓިވިސްޓް ޖަޖުން މަގާމުން ވަކިކުރަން ޖެހޭ. އެމީ ކޯނީ ބެރެޓް، އަހަރެމެން މިތިބީ ކަލެއަށް ބަލަހައްޓައިގެން،" ސައުތު ކެރޮލައިނާގެ ރިޕަބްލިކަން މެންބަރު ނޭންސީ މޭސް ސޯޝަލް މީޑިއާގައި ލިޔުނެވެ.
މަޝްހޫރު ޕޮޑްކާސްޓް ހޯސްޓް މެގަން ކެލީ ވެސް ވަނީ ފަނޑިޔާރު ބެރެޓްގެ ނިންމުމަށް ވަރަށް ހަރުކަށި އިބާރާތުން ފާޑުކިޔާފައެވެ. އޭނާ ބުނީ ބެރެޓްގެ މިފަދަ ނިންމުންތަކާ މެދު އޭނާ މުޅިން މާޔޫސްވެއްޖެ ކަމަށެވެ.
މި ބޮޑު ނުރުހުމާ ގުޅިގެން، "ސޮސައިޓީ ފޯ ދަ ރޫލް އޮފް ލޯ" ގެ އެގްޒެކެޓިވް ޑިރެކްޓަރު ގްރެގް ނުންޒިއާޓާ ވިދާޅުވީ، ކޮންޒަވޭޓިވްސްގެ މި ހާސްކަމަކީ ހަގީގަތާ ޚިލާފު އަދި ނާޒާހަތްތެރި ކަމެއް ކަމަށެވެ. ސަބަބަކީ ކޯޓުގެ ނިންމުމަކީ ކުރިން ވެސް އެމެރިކާގައި އޮތް ގާނޫނީ ހާލަތު ދެމެހެއްޓުން ކަމަށްވާތީއެވެ.
އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް މެޖޯރިޓީ ރައުޔުގައި ލިޔުއްވާފައިވަނީ، ރައްޔިތުކަމަކީ ހުރިހާ ޙައްޤުތަކެއް ލިބުމުގެ އަސާސް ކަމަށެވެ. އަދި ގާނޫނުއަސާސީގެ 14 ވަނަ އިސްލާހުގެ މުސައްނިފުން އެ ވައުދު މި ބިމުގައި އުފަންވާ ކޮންމެ މިނިވަން އިންސާނަކަށް ދީފައިވާ ކަމަށާއި، ކޯޓުން މިއަދު އެ ވައުދު ދަމަހައްޓާ ކަމަށެވެ.
މި ނިންމުމަކީ ބޮޑު ނާކާމިޔާބީއެއް ނަމަވެސް، ނައިބު ރައީސް ޖޭޑީ ވޭންސް "ފޮކްސް ނިއުސް" ގައި ވާހަކަދައްކަވަމުން ވިދާޅުވީ، މީގެ ތެރެއިން އުންމީދެއް އެބައޮތް ކަމަށެވެ. ސަބަބަކީ ކޯޓުގެ 9 ފަނޑިޔާރުންގެ ތެރެއިން 4 ފަނޑިޔާރަކު ޓްރަމްޕްގެ އަމުރަށް ތާއީދުކުރައްވައި ރައުޔު ނެރުއްވާފައިވުމެވެ.
"އަހަރެމެން ޖެހޭނީ ހަނގުރާމަ ކުރިއަށް ގެންދަން. މާޒީގައި ވެސް ކޯޓުން ނިންމާފައިވާ ބައެއް ގޯސް ނިންމުންތައް އަހަރެމެން ބަދަލުކުރި ފަދައިން، މި ނިންމުން ވެސް ކުރިއަށް އޮތް ތަނުގައި ބަދަލުކުރުމުގެ ފުރުސަތު އެބައޮތް،" ވޭންސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޓްރަމްޕްގެ އަރިސް މީޑިއާ މީހެއް އެއް ކަމަށްވާ ސްޓީވް ބެނަން އޭނާގެ ޕޮޑްކާސްޓުގައި ބުނީ، މިއީ އެމެރިކާގެ ތާރީޚުގައި ލަދުވެތި ދުވަހެއް ކަމުގައި ވިނަމަވެސް، މިއީ ސަޕޯޓަރުން ހިރަފުސް ފޮޅާލުމަށްފަހު ސިޔާސީ ބޮޑު "ހަނގުރާމައަކަށް" ނުކުންނަންވީ ވަގުތު ކަމަށެވެ.






