އީރާނު ހަނގުރާމައާ ހުރެ އެމެރިކާ އާއި ސައުދީގެ އަސްކަރީ ގުޅުމަށް ބޮޑު ލޮޅުމެއް

އީރާނުގައި ހިންގި ސޮލީބީ ހަނގުރާމައާ ގުޅިގެން އެމެރިކާ އާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫއަރައި، ދެގައުމުގެ މެދުގައި އޮތް ބަދަހި ގުޅުން ހީނަރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ވޯލް ސްޓްރީޓް ޖާނަލް އަށް މައުލޫމާތު ދިން އޮފިޝަލުން ބުނިގޮތުގައި، ވޮޝިންގޓަނާއި ރިޔާޟްއާ ދެމެދު ޚިޔާލުތަފާތުވުންތައް އުފެދުނީ، މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ސޮލީބީ ސަހުޔޫނީ ހަމަލާތަކަށް ފަހު، ހަނގުރާމައިގެ ކަންކަން ރައީސް ޑޮނަލްޑް ޓްރަމްޕް މެނޭޖްކުރައްވާ ގޮތާ މެދުގައެވެ.

މި މައްސަލައިގައި ހިތްހަމަނުޖެހިގެން، ސައުދީގައި ތިބޭ އެމެރިކާގެ އަސްކަރީ ސިފައިންގެ އަދަދު މަދުކޮށް، އެ ސިފައިން މި ހަނގުރާމައިގައި އެމެރިކާއަށް މާބޮޑަށް އެއްބާރުލުންދޭ އިސްރާއީލާއި ޖޯޑަން ފަދަ ގައުމުތަކަށް ބަދަލުކުރުމަށް ވޮޝިންގޓަނުން މިހާރު ދަނީ ވިސްނަމުންނެވެ. ނަމަވެސް ވައިޓް ހައުސްއިން ބުނަމުންދަނީ ދެގައުމުގެ ގުޅުން އަދިވެސް ވަރުގަދަ ކަމަށެވެ.

ދެގައުމުގެ މެދުގައި އުފެދުނު އެންމެ ބޮޑު ކޯޅުމަކީ، ހަނގުރާމަ ފެށުމާއެކު ހުރްމުޒް ކަނޑުއޮޅީގެ މައްސަލައެވެ. ސައުދީއަކީ ތެޔޮ އެކްސްޕޯޓް ކުރުމަށް ފާރިސީ ކަނޑުއޮޅިއަށް ބަރޯސާވާ ގައުމެކެވެ. ނަމަވެސް، އީރާނާއި އެގައުމުގެ ބާރުގެ ދަށުގައިވާ ހޫޘީން ދެމުންދާ ހަމަލާތަކުގެ ސަބަބުން ސައުދީން ތެޔޮ ބޭރުކުރަން ގެންގުޅޭ ރެޑް ސީގެ މަގުތަކަށް ވެސް ވަނީ ނުރައްކާވެފައެވެ.

އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ސައުދީގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ސައުދީން ނުދިނެވެ. އެހެންނަމަވެސް، އީރާނުގެ ރައްދު ހަމަލާތަކުގެ އަމާޒަކަށް ސައުދީ ވެގެންދިޔައެވެ.

މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އަސްކަރީ ހިމާޔަތް ދިނުމަށް ޓްރަމްޕް ރޭއްވެވި ބޮޑު މަޝްރޫއު ކަމަށްވާ "ޕްރޮޖެކްޓް ފްރީޑަމް" އަށް ވެސް ސައުދީގެ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދޭން ރިޔާޟްއިން ދެކޮޅު ހެދިއެވެ.

ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާ ރައީސް ޓްރަމްޕް ފޯނުން ގުޅުއްވައި ސީދާ ވާހަކަދެއްކެވުމުން ވެސް ސައުދީން އެ ނިންމުން ބަދަލެއް ނުކުރިއެވެ. އެކަމުގެ ސަބަބުން، ޓްރަމްޕް އިޢުލާންކުރެއްވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ މަޝްރޫއު ކުއްލި ގޮތަކަށް ހުއްޓާލަން ޖެހުނެވެ. މިއީ ޓްރަމްޕްގެ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.

އަރަބި އޮފިޝަލުން ވޯލް ސްޓްރީޓް ޖާނަލްއަށް ކިޔައިދިން ގޮތުގައި، ސައުދީން އެމެރިކާގެ ސިފައިންނަށް އޮތް ހުރަސްތައް ނައްތާލީ، އެމެރިކާއިން ދޭ ދިފާއީ ހަތިޔާރު ފޯރުކޮށްދޭ ލިސްޓުން ސައުދީ އުނިކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ އޮފިޝަލުން ދިނުމުންނެވެ. ސައުދީން ބޭނުންވީ ހަމަލާތައް ދިނުމުގެ ބަދަލުގައި ސިޔާސީ މަޝްވަރާގެ ބޭނުންކޮށްގެން ހަނގުރާމަ ހުއްޓުވާށެވެ.

މި ހާދިސާތަކަށް ފަހު ދެގައުމުގެ ސަރުކާރުން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ފާޅުގައި ހިތްހަމަނุޖެހުން ފާޅުކުރަމުންނެވެ.

  • އެމެރިކާއިން އީރާނު ހަނގުރާމަ ކުރިއަށްގެންދިޔަ ގޮތާ މެދު އިހުތިޖާޖު ކުރުމުގެ ގޮތުން، ފްރާންސްގައި އޮތް ޖީ7 ސަމިޓުގައި ބައިވެރިވުމަށް ލިބުނު ދައުވަތު ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ގަބޫލުނުކުރައްވައި ދޫކޮށްލައްވާފައެވެ.

  • ވޭތުވެދިޔަ ހަފުތާގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ގަލްފް ގައުމުތަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި ސައުދީއަށް ވަޑައިނުގެން ދޫކޮށްލެއްވިއެވެ. އެމެރިކާއިން ބުނީ އެއީ ހަނގުރާމައިގެ އަސަރުކުރި ގައުމުތަކަށް ކުރި ދަތުރެއް ކަމަށެވެ. ނަމަވެސް ސައުދީން އެކަން ބެލީ އެމެރިކާއިން ގަސްތުގައި ސައުދީ ބާކީކޮށްލުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައެވެ.

މި ރިޕޯޓާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު އެނާ ކެލީ ނިއު ޔޯކް ޓައިމްސް އަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ޓްރަމްޕްގެ ސައުދީއާ އޮތް ގުޅުން އަދިވެސް ވަރަށް "ބަދަހި" ކަމަށެވެ.

"ކޮންމެ މައްސަލައެއްގައި ވެސް ރައީސް ޓްރަމްޕް އެކި ޚިޔާލުތައް އަޑުއައްސަވާ، އަދި ސަރަހައްދީ ބައިވެރިންގެ ޚިޔާލުތަކަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ. ނަމަވެސް، އެންމެ ފަހުގެ ނިންމުންތައް ނިންމަވާނީ އެމެރިކާގެ ރައްޔިތުންނަށާއި ގައުމީ ސަލާމަތަށް އެންމެ ފައިދާހުރި ގޮތަށް ބައްލަވާފައި،" ކެލީ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!