އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުމާ އެކު އެއް ހަފުތާ ތެރޭގައި 10،000 މީހުން ހައްޔަރުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ހިޖުރަވެރިންނާ ދެކޮޅު ނަސްލީ ތަފާތު ކުރުމުގެ ހަރުކަށި ސިޔާސަތުތަކަށް ސުޕްރީމް ކޯޓުން ތާއީދުކޮށް، ސަރުކާރަށް ކާމިޔާބީތަކެއް ދިންތާ އެއް ހަފުތާ ތެރޭގައި، އެމެރިކާގެ ސަލާމަތީ ބާރުތަކުން 10,000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ. މީގެ ތެރޭގައި ހަމައެކަނި އެއް ދުވަސް ތެރޭގައި ހައްޔަރުކުރި 2,400 އަށްވުރެ ގިނަ ހިޖުރަވެރިން ވެސް ހިމެނެއެވެ.

ނިއު ޔޯކް ޓައިމްސް އިން މިކަމުގެ މައުލޫމާތު ހުރި ތިން އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިޖުރަވެރިން ހައްޔަރުކުރުމުގެ މި ބޮޑު ހަރަކާތަކީ ސީދާ ވައިޓް ހައުސްގެ އަމުރަށް ހިންގާ މަސައްކަތެކެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ދަ އިންޑިޕެންޑެންޓް ނޫހަށް ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރުން މި ފުއްދައިދެނީ ރައީސް ޓްރަމްޕް އިންތިޚާބުވުމަށް ވެވަޑައިގަތް އެންމެ ބޮޑު ވައުދު ކަމަށެވެ. އެއީ ބޭރު މީހުން ގައުމުން ބޭރުކުރުމުގެ ސިޔާސަތެވެ.

އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސް ގެ އޮފިޝަލުންނަށް މިހާރު އަންގާފައިވަނީ ކޮންމެ ދުވަހަކު މަދުވެގެން 2,000 މީހުން ހައްޔަރުކުރުމުގެ އާ މިންގަނޑަކަށް ވާސިލުވުމަށެވެ. މިހާރު އައިސްގެ ބަންދުގައި ތިބި މީހުންގެ އަދަދު ވަނީ 63,000 އަށްވުރެ މައްޗަށް ޖެހިލާފައެވެ. މިއާއެކު، ޖަލުތަކުގެ ގޮތުގައި ހިންގާ ބޮޑެތި ޑިޓެންޝަން ސެންޓަރުތަކެއް ކަނޑައަޅައި އިތުރު އެތައް ހާސް ބަޔަކު ބަންދުކުރަން ޖެހިފައި ވެއެވެ.

މި އަހަރުގެ ކުރީކޮޅު ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީގެ މަގާމާ ހަވާލުވެވަޑައިގަތް މާކްވޭން މުލިންގެ އަމާޒަކީ، މީޑިއާގެ ސަމާލުކަމެއް ނުލިބޭނެ ގޮތަށް، ރައީސް ތްރަމްޕްގެ ވައުދު ކަމުިގައިވާ އަހަރަކު 1 މިލިއަން ބިދޭސިން ބޭރުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމެވެ. އެހެންކަމުން، ކުރީގެ ބައެއް އޮޕަރޭޝަންތަކާ ޚިލާފަށް، މިފަހަރު ޑިމޮކްރެޓިކް ޕާޓީން ވެރިކަން ކުރާ ސިޓީތަކަށް އަސްކަރީ އޮފިޝަލުން ފޮނުވުން ފަދަ ފާޅުކަން ބޮޑު އުކުޅުތަކެއް ބޭނުންކޮށްފައެއް ނުވެއެވެ.

ގިނަ މީހުން އަނިޔާވެރިކޮށް ހައްޔަރުކުރުންތަކާ ގުޅިގެން ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ޕާޓީގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި، ހިޖުރަވެރިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ވަކީލުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ޓެކްސަސްގައި އުމުރުން 56 އަހަރުގެ ކެތަލިކް އަންހެން ފާދިރީއެއް އާދީއްތަ ދުވަހުގެ ފައްޅީގެ އަޅުކަމަށް ދަނިކޮށް ރޮއެރޮއެ ހުއްޓ ހައްޔަރުކޮށްލިއެވެ. .

މީގެ އިތުރުން، ނިއު ޔޯކް ސިޓީގެ އިމިގްރޭޝަން ކޯޓު އިމާރާތުގެ ތެރެއިން ވެސް މި ހަފުތާގައި ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ. މިއީ ކޯޓު އަޑުއެހުންތައް ނިންމާލާފައި ނުކުންނަ ވަގުތު ހިޖުރަވެރިން ހައްޔަރުކުރުން މަނާކޮށް، ކުރިން ނެރެފައިވާ ކޯޓު އަމުރުތަކާ ސާފުކޮށް ޚިލާފު އަމަލެއް ކަމަށް ވަކީލުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!