ދުނިޔޭގެ މަޝްހޫރު އިގްތިސާދީ މާހިރު އަދި ނޯބެލް އިނާމު ހާސިލުކުރައްވާފައިވާ ޕޯލް ކްރޫގްމަން ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އާއިލާއިން ވެރިކަމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދަމުންދާ ދިއުމުގެ ސަބަބުން އާންމު ރައްޔިތުންނަށް އޭގެ އަގު އަދާކުރަންޖެހޭ ގޮތް ވަރަށް ސާފުކޮށް ވިދާޅުވެދެއްވާފަ އެވެ.
އެންމެ ފަހުން ޓްރަމްޕް އާންމުކުރި މާލީ ބަޔާންތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރު ޓްރަމްޕްގެ އާމްދަނީ ވަނީ 2 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފަ އެވެ. އަދި މީގެ ތެރެއިން ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރަކީ ކްރިޕްޓޯކަރަންސީގެ ވިޔަފާރިން ހޯއްދަވާފައިވާ ފައިސާ އެވެ.
މިފަދަ ކޮރަޕްޝަންގެ ސަބަބުން މުޖުތަމައުއަށް ލިބޭ ގެއްލުންތައް ކިޔައިދެއްވަމުން، ކްރޫގްމަން ވަނީ ޓްރަމްޕްގެ ސަރުކާރުގެ އަމަލުތައް ފިލިޕީންސްގެ ކުރީގެ ޚުދުމުހުތާރު ވެރިޔާ ފާޑިނަންޑް މާކޯސްގެ ވެރިކަމާ އަޅާކިޔުއްވާފަ އެވެ. މާކޯސްގެ ވެރިކަމަކީ ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ދައުލަތުގެ ތެރެއިން މަންފާ ހޯދައިދިނުމުގެ ސަގާފަތެއް ނުވަތަ "ކްރޯނީ ކެޕިޓަލިޒަމް" އަށް މަޝްހޫރުވެފައިވާ ވެރިކަމެކެވެ.
ކްރޫގްމަން ފާހަގަކުރެއްވި ގޮތުގައި އެ ޒަމާނުގައި އޮންނަ އުސޫލަކީ ކާމިޔާބުވުން ބިނާވެފައި އޮންނަނީ މީހާއަށް އެނގޭ އެއްޗެއްގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި މުހިންމުވަނީ މީހާ ދަންނަ މީހުންނާއި ވެރިންނާ އޮންނަ ގުޅުމެވެ.
ވިޔަފާރީގެ ދާއިރާގައި ކާމިޔާބު ހޯދުމަށްޓަކައި ގައުމުގެ އެންމެ އިސް ވެރިޔާގެ ރުހުން ހޯދަން މަޖުބޫރުވުމަކީ އިގްތިސާދަށް އޮތް ވަރަށް ބޮޑު ނުރައްކާއެއް ކަމަށް ކްރޫގްމަން ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނިޒާމުގެ ތެރެއިން ވިޔަފާރިތަކުން އިސްކަންދޭނީ އުފެއްދުންތެރިކަން އިތުރުކޮށް ރަނގަޅު ޚިދުމަތެއް ދިނުމުގެ ބަދަލުގައި، ސަރުކާރުގެ ވެރިންނަށް ޚުޝާމަދުކޮށްގެން މަންފާ ހޯދުމަށެވެ. އަދި ރައީސްގެ އާއިލާއާއި ރައްޓެހިންނަށް އެންމެ ގިނައިން ފައިސާ ޕަމްޕުކޮށްދޭ ނުވަތަ ފޯރުކޮށްދޭ ބަޔަކަށް ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެން ދިއުމަކީ މުޅި ނިޒާމު ހަލާކުވެގެންދާނެ ކަމެކެވެ.
ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އިގްތިސާދީ އުސޫލުތައް ކުއްލިއަކަށް ދަށަށް ވެއްޓިގެން ގޮސްފައިވާ ކަމަށް ކްރޫގްމަން ތުހުމަތުކުރެއްވި އެވެ. ކުރިން އޮތް، ބުރަ މަސައްކަތާއި އުފެއްދުންތެރިކަމަށް ހިތްވަރުދޭ ނިޒާމު މިހާރު ވަނީ ވައިޓް ހައުސްއާއި ރައީސް ރުއްސުމަށް ބިނާވެފައިވާ ނިޒާމަކަށް ބަދަލުވެފަ އެވެ. މިއީ ހަމައެކަނި އަޚުލާގީ މައްސަލައެއް ނޫން ކަމަށާއި، މީގެ ހިތި ނަތީޖާ އާއި މާލީ އަގު އަދާކުރަންޖެހޭ ބަޔަކީ ގައުމުގެ އާންމު ރައްޔިތުން ކަމަށް އޭނާ ވަނީ އިންޒާރު ދެއްވާފަ އެވެ.






