ވައިޓް ހައުސްގެ ކުރީގެ ވަކީލު ޓައި ކޮބް، އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އޭނާގެ ދެވަނަ ދައުރުގައި ކްރިޕްޓޯކަރަންސީގެ ވިޔަފާރިތަކުން 1.2 ބިލިއަން ޑޮލަރު ހޯއްދަވާފައިވާތީ އެކަން ކުށްވެރިކުރައްވައިފި އެވެ.
ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ކޮބް ވިދާޅުވީ، 2025 ވަނަ އަހަރު ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގަތް ފަހުން މިހާ ބޮޑު އާމްދަނީއެއް ހޯއްދެވުމަކީ އިންސާނީ ތާރީޚުގައި ވެސް ފެނުނު އެންމެ ބޮޑު ކޮރަޕްޝަން ނުވަތަ ޚިޔާނާތް ކަމަށެވެ.
މި ފާޑުކިއުންތައް އައީ ޓްރަމްޕްގެ މާލީ ބަޔާންތައް ހާމަވުމާ ގުޅިގެންނެވެ. އެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އޭނާ ވަނީ އާއިލީ ކްރިޕްޓޯ ކުންފުންޏެއް ކަމަށްވާ "ވޯލްޑް ލިބަޓީ ފައިނޭންޝަލް" އިން 594 މިލިއަނަށްވުރެ ގިނަ ޑޮލަރު އަދި "ޓްރަމްޕް މީމް ކޮއިން" މާކެޓްކުރާ ކުންފުންޏަކުން 635 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯއްދަވާފަ އެވެ.
ކޮބް ވިދާޅުވި ގޮތުގައި މިއީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. އަދި އެމެރިކާގެ ގާނޫނުއަސާސީ އެކުލަވައިލި ބާނީން، ސަރުކާރުގެ އިސްވެރިން ބޭރުގެ ވަސީލަތްތަކުން މަންފާ ހޯދުން މަނާކުރާ މާއްދާ ހެދިއިރު، ރައީސްއަކު މިފަދަ ގޮތަކަށް އަމިއްލަ ތަަސްވީރާއި ނަން ބޭނުންކޮށްގެން ފައިސާ ހޯދާނެ ކަމަށް ތަސައްވުރު ކުރައްވާފައެއް ނުވެ އެވެ.
ޓްރަމްޕް އަމިއްލައަށް ވެސް ވަނީ 2024 ގެ އިންތިޚާބަށްފަހު ތަފާތު ގޮތްގޮތުން 1.5 ބިލިއަނަށްވުރެ ގިނަ ޑޮލަރު އެއްކުރެއްވި ކަމަށް ފާޅުގައި ވިދާޅުވެފަ އެވެ. މީގެ އިތުރުން ގަތަރުން ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ މަތިންދާބޯޓެއް ގަބޫލުކުރެއްވުމަށްފަހު، އެ ގައުމަށް އެމެރިކާ ސަރުކާރުގެ ފަރާތުން ދިފާއީ ކަށަވަރުކަން ދެއްވި މައްސަލައާއި، އޭނާގެ ދަރިންނަށް ކޮމާސް ޑިޕާޓްމަންޓް މެދުވެރިކޮށް ބޮޑެތި މާލީ މަންފާތައް ލިބޭ ގޮތް ހެއްދެވި މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.
ކޮބް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރިޕަބްލިކަން ޕާޓީން ޖޯ ބައިޑަންގެ ދަރިފުޅު ހަންޓާ ބައިޑަންގެ ކޮރަޕްޝަނުގެ ވާހަކަ ދެއްކި ނަމަވެސް، ޓްރަމްޕް މިހާރު ކުރައްވަމުންދާ ކަންކަމާ އަޅާބަލާއިރު އެއީ މާ ކުޑަ މިންވަރެކެވެ. ހަންޓާ ބައިޑަން އުޅުއްވީ މިލިއަނުން ފައިސާ ހޯއްދަވަން ކަމަށާއި، ނަމަވެސް ޓްރަމްޕް މިހާރު ކުޅުއްވަނީ ބިލިއަނުން ކަމަށް ވިދާޅުވެ، މިއީ އިންތިހާއަށް ސިހުން ލިބޭ ފަދަ ބޮޑު މާލީ މަކަރުވެރި ރޭވުންތަކެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.







