ރަހީނުކުރި ދެ ބިދޭސީ އަންހެނުން ސަލާމަތްކޮށްފި

ޕާކިސްތާނުގެ ލާހޯރުން ރަހީނުކުރި ނެދަލޭންޑްސް އާއި ވެނެޒުއޭލާގެ ދެ އަންހެނަކު ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް، 1.5 މިލިއަން ޑޮލަރުގެ ފިދްޔައެއް ހޯދަން މަސައްކަތްކުރި ކަމަށާއި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެމީހުންގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ފުލުހުންގެ މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ފަހަތުގައި ވަނީ ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެކެވެ. މައިގަނޑު ތުހުމަތުކުރެވޭ ރަޒާ ދާރް ނަމަކަށް ކިޔާ މީހަކާއި އެ ދެ އަންހެނުންނަކީ ސިންގަޕޫރުގައި ވިޔަފާރީގެ ބައިވެރިންނެވެ. ވިޔަފާރިއަށް އިތުރު ފައިސާ އިންވެސްޓް ކުރުމަށް އެ އަންހެނުން އެދުމުން، ރަޒާ ދާރް އެމީހުންނަށް ވިސާ ހަމަޖައްސައިދީ ޕާކިސްތާނަށް ގެނައީ ކަމަށް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް، ޕާކިސްތާނަށް އައުމުން މަންޒަރު ބަދަލުވިއެވެ. ރަޒާ ދާރާއި އޭނާގެ އެކުވެރިން ގުޅިގެން އެ ދެ އަންހެނުން ރަހީނުކޮށް، އެމީހުންނަށް ޖިންސީ ގޯނާކޮށް، އަދި އިންވެސްޓްކުރި ފައިސާ އަނބުރާ ހޯދުމަށް ފިދްޔައިގެ ގޮތުގައި ބޮޑު އަދަދެއް ދިނުމަށް ބާރުއެޅިއެވެ.

"އެ އަންހެނުން އެމީހުންގެ އާއިލާއާ ގުޅައި ފައިސާ ފޮނުވަން އެދުމުން، ނެދަލޭންޑްސްގައި ހުރި އަންހެން މީހާގެ ބައްޕަ ވަގުތުން ފުލުހުންނަށް އެންގީ،" ފުލުހުންގެ މަސްދަރަކުން މައުލޫމާތު ދިނެވެ.

ޕަންޖާބުގެ ޗީފް މިނިސްޓަރުގެ ސީދާ ބެލުމުގެ ދަށުން ފުލުހުން ކުރިއަށްގެންދިޔަ ދެ ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު، އެ ދެ އަންހެނުން ސަލާމަތްކޮށް، މައްސަލައިގެ ތަހުގީގަށް އެމީހުން ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ.

ހިއްސާ ކުރައްވާ!