ކްރޮއޭޝިއާ: ގެއެއްގެ ތެރޭގައި ހަދާފައިވާ އެހެން ގެއެއް

ގޭގެއެއްގެ ތެރޭގައި އިތުރު އެހެން ގެއެއް ހުރި މަންޒަރު ދުވަހަކުވެސް ދުށިން ހެއްޔެވެ؟ މިކަން ގަބޫލުކުރަން ދަތިވި ނަމަވެސް، ޔޫރަޕްގެ ގައުމެއް ކަމަށްވާ ކްރޮއޭޝިއާގެ ބޯލް ކިޔާ ރަށެއްގައި މިފަދަ އާދަޔާ ޚިލާފު ޢިމާރާތެއް އެބަހުއްޓެވެ.

ފެންނަ ފެނުމަށް މި ޤަދީމީ ގެއަކީ މާ ޚާއްޞަ ތަނެއްހެން ހީނުވެދާނެއެވެ. ބޮޑަށް ވައްތަރީ ހަލާކުވެފައިވާ ބާ ގެއަކާއެވެ. ނަމަވެސް، އެ ގޭގެ އެތެރެއަށް ވަދެއްޖެނަމަ، އެތަނުގެ ތެރޭގައި އެހެން ގެއެއް ފޮރުވިފައިވާކަން އިހުސާސް ކުރެވޭނެއެވެ. މަތިން ބަލާއިރު، ނުނިމި ހުރި ބޮޑު ޢިމާރާތެއްގެ ތެރޭގައި ކުޑަ ގެއެއް ފިތިފައި އޮންނަ މަންޒަރު ފެނެއެވެ.

މި ގެއެއްގެ ތެރޭގައި އެހެން ގެއެއް ހުރީ ކީއްވެގެންކަން އެކަކަށްވެސް ސާފުކޮށް ބުނެދޭކަށެއް ނޭނގެއެވެ. ނަމަވެސް، މި ގެއާ ގުޅިގެން މި މިހިސާބުގެ މީހުން ބުނެ އުޅޭ ވާހަކައެއް އޮވެއެވެ.

ތުންތުން މަތިން އައިސްފައިވާ ގޮތުން، 19 ވަނަ ގަރުނުގެ ފަހުކޮޅު، ވޫކޮވިޗް އާއިލާއިން އެ ރަށުގައި އަގުބޮޑު ގަނޑުވަރެއް އެޅުމަށް ނިންމިއެވެ. އެ މީހުން ރަށުން ބިން ގަނެ، ބާޒާރުގެ އަގަށް ވުރެ ބޮޑު އަގެއް ދީގެން ބިންތައް ހޯދަމުން ދިޔައެވެ. ރަށުގެ މީހުން އުފަލުން ބިންތައް ވިއްކަމުން ދިޔަ ނަމަވެސް، މާކޯ" ކިޔާ މީހަކު އޭނާގެ ބިން ވިއްކަން ދެކޮޅު ހެއްޖެވެ. ވޫކޮވިޗް އާއިލާއިން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް، މާކޯ އޭނާގެ ނިންމުމުގައި ސާބިތުވެ ހުއްޓެވެ.

އެ އާއިލާއިން އެންމެ ފަހުން ނިންމީ މާކޯއަށް މަޖުބޫރު ކުރުމުގެ ގޮތުން، އޭނާގެ ގޭގެ ވަށައިގެން ގަނޑުވަރު ބިނާކުރާށެވެ. އެމީހުން ބެލީ، އެ ގަނޑުވަރު އޭނާގެ ގެ ވަށާލުމުން މަޖުބޫރުވެގެން މާކޯ އޭނާގެ ގެ ވިއްކާލާނެ ކަމަށެވެ. ނަމަވެސް، އެ މަސައްކަތުގެ ތެރޭގައި ވޫކޮވިޗް އާއިލާގެ ތިން މީހަކު ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި ކަނޑުވިިއެވެ. މިއާއެކު، ވޫކޮވިޗްގެ ގަނޑުވަރުގެ މަސައްކަތް ހުއްޓި، އެއީ ނުނިމި ހުރި ޢިމާރާތަކަށް އެތަން ވިއެވެ. މާކޯ އޭނާގެ ގޭގައި ހަމަޖެހިލައިގެން ދިރިއުޅެމުން ދިޔައެވެ.

މި ވާހަކައިގެ ހަޤީޤަތަކީ ކޮބައިކަން ކަށަވަރުކުރަން ދަތި ނަމަވެސް، މި ޢިމާރާތް މިއަދު ވެފައިވަނީ މާކޯގެ ޢަޒުމުގެ ރަމްޒަކަށެވެ.

ހިއްސާ ކުރައްވާ!