އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) ގެ އެކްޓިން ކޮމާންޑަރު އަޙްމަދު ވަޙީދީ ފުރަތަމަ ފަހަރަށް ޒަމާންގަނޑަކަށް ފަހު އާންމުކޮށް ފެނިއްޖެއެވެ. އަޙްމަދު ވަޙީދީ ވަނީ ތެހެރާނުގައި، އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަން އިންތިޒާމު ކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފައެވެ.
އެމެރިކާއާއި އިސްރާއީލުގެ ސޮލީބީ ހަނގުރާމައަށް ފަހު އައިއާރުޖީސީގެ އެކްޓިން ކޮމާންޑަރު އަޙްމަދު ވަޙީދީ އާންމުކޮށް ފެނިފައި ނުވާތާ މިހާރު ޒަމާނެއް ވެއްޖެއެވެ. މިދިޔަ މާރިޗު މަހުގެ 1 ވަނަ ދުވަހު، ސޮލީބީ ސަހުޔޫނީ ހަމަލާއެއްގައި އައިއާރުޖީސީގެ ކުރީގެ ކޮމާންޑަރު މުޙައްމަދު ޕާކްޕޫރު ޝަހީދުވުމާ ގުޅިގެން، އޭނާގެ ބަދަލުގައި އެކްޓިން ކޮމާންޑަރަކަށް އައްޔަން ކުރީ އަޙްމަދު ވަޙީދީއެވެ. ހަނގުރާމަ ފެށުނު ފަހުން އޭނާ މަސައްކަތް ކުރެއްވޫީޫ ފަރުދާގެ ފުރަގަހުންނެވެ.
ޝަހީދު ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ ފަސްދާނުލުމުގެ ތައްޔާރީތައް އީރާނުގައި ދަނީ ކުރިއަށެވެ. ކުރީގެ ސުޕްރީމް ލީޑަރުގެ ހަށިކޮޅު ބުރާސްފަތި ދުވަހުގެ ހަވީރު ވަނީ ދެކުނު ތެހެރާނުގައި ހުންނަ އިމާމް ޚުމައިނީ ޙުސައިނިއްޔާ ކައިރީގައި ހުންނަ ޖަނާޒާގެ މަރުކަޒަށް ގެންގޮސްފައެވެ. އެތަނުގައި އީރާނުގެ އިސް އޮފިޝަލުން ވަނީ ހާޒިރުވެ، ޝަހީދު އާޔަތުالله ޚާމަނާއީއަށް އިޙްތިރާމު އަދާކުރައްވައިފައެވެ.
ނޯޓު: ހުސައިނިއްޔާއަކީ ޝީޢީ މުޖުތަމައުތަކުގައި ދީނީ އަދި ސަގާފީ ޝިއާރުތައް ދިރުވުމަށްޓަކައި ބޭނުންކުރާ ވަރަށް މުހިންމު ކޮމިއުނިޓީ ހޯލެވެ. ޝިއީން އުޅޭ ކޮންމެ އަވަށެއްގައި ހުސައިނިއްޔާއެއް ނުވަތަ އެތަކެއް ހުސައިނިއްޔާއެއް ހުންނާނެއެވެ. އީރާނުގައި ރަސްމީ ދައުލަތުގެ ކަންކަމުގައި ބޮޑެތި ޖަލްސާތަކާއި އަދި ކުރީގެ ލީޑަރުންގެ ހަނދާނީ ހަރަކާތްތައް ފަދަ ކަންކަމަށްވެސް ހުސައިނިއްޔާތައް ބޭނުންކުރެއެވެ. ހުސައިނިއްޔާއެއް ތަޅާލެވިދާނެއެވެ. ނަމަވެސް ޝީޢީ ފިޤުހުގައި މިސްކިތެއް ތަޅައެއް ނުލެވޭނެއެވެ.






