އިސްރާއީލުގެ އިންޓެލިޖެންސް އިދާރާތަކުން ފަލަސްތީނުގެ ރައްޔިތުން ޖާސޫސުންގެ ގޮތުގައި ރެކްރޫޓްކުރުމަށްޓަކައި ވަރަށް ނުރައްކާތެރި އަދި އަޚްލާޤީ ހަމަތަކުން ބޭރު އުކުޅުތަކެއް ބޭނުންކުރެއެވެ. ޚާއްސަކޮށް ފަލަސްތީނު ރެޑް ކްރެސެންޓްގެ ނަމުގައި ހަރަކާތްތެރިވި ފަރާތްތައް މެދުވެރިކޮށް، ފަލަސްތީނުގެ ޒުވާނުންނާއި އަންހެނުންގެ ދިރިއުޅުމުގެ އެންމެ ބަލިކަށި ހާލަތްތަކުގެ ފައިދާ ނަގާފައިވެއެވެ.
އިސްރާއީލުން މިފަދަ ޖާސޫސީ ވިއުގަތައް ގާއިމުކުރުމަށްޓަކައި ގެންގުޅޭ އެންމެ ހުތުރު އެއް އުކުޅަކީ ޖިންސީ ގޮތުން ބްލެކްމެއިލް ކުރުމެވެ. މިގޮތުން، މާލީ ގޮތުން ދަތި ހާލުގައި އުޅޭ ޒުވާނުންނަށް އެހީތެރިކަން ދިނުމުގެ ނަމުގައި ގާތްކަން އުފައްދައި، އެމީހުންގެ ޖިންސީ ގުޅުންތަކުގެ މަންޒަރުތައް ސިއްރުން ރެކޯޑްކޮށް، އެ ވީޑިއޯތައް ދައްކައިގެން އެމީހުން ބްލެކްމެއިލް ކުރެއެވެ. މިފަދަ މަޅިތަކުގައި ޖެހޭ މީހުންނަށް އިސްރާއީލުގެ އިންޓެލިޖެންސަށް ޖާސޫސްކުރަން މަޖުބޫރުކުރަނީ، އެމީހުންގެ އަބުރު ވެއްޔާ މޮޑެލާނެ ކަމުގެ އިންޒާރު ދީގެންނެވެ.
މީގެ އިތުރުން، އިސްރާއީލުން ފަލަސްތީނުގެ މުޖުތަމައު އެތެރެއިން ހަލާކުކުރުމަށް މަސްތުވާތަކެތީގެ ވިއުގަތައް ވެސް ބޭނުންކުރެއެވެ. އަންހެނުން މަސައްކަތްކުރާ ބިއުޓީ ސެލޫންތަކާއި ހެއާ ސެލޫންތައް މެދުވެރިކޮށް މަސްތުވާތަކެތި ފެތުރުމުގެ އިތުރުން، އެތަނަށް އަންނަ ކަސްޓަމަރުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހޯދައި، އެމީހުންނަކީ ވެސް ޖާސޫސީ ވިއުގަތަކުގެ ބައެއްގެ ގޮތުގައި ބޭނުންކުރެއެވެ. ޚާއްސަކޮށް، ވަރިވެފައިވާ އަންހެނުންނާއި، ހުވަފަތްވެފައިވާ މީހުންނާއި، އަދި ނިކަމެތި ހާލަތްތަކުގައި އުޅޭ މީހުންނަކީ އިސްރާއީލުން އެންމެ ބޮޑަށް އަމާޒުކުރާ ފަރާތްތަކެވެ.
މިފަދަ ނުރައްކާތެރި މިޝަންތައް ނިންމުމަށްފަހު، އެމީހުންނަށް ދެނީ 500 ޝެކެލް އާއި ދުންފަތުގެ ޕެކެޓެއް ފަދަ ވަރަށް ކުޑަ އެއްޗެކެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މިފަދަ ޖާސޫސުންގެ ބޭނުންހިފައިގެން އިސްރާއީލުން ފަލަސްތީނުގެ ހަނގުރާމަވެރިން ފާހަގަކޮށް، އެމީހުންނަށް އަމާޒުކޮށްގެން ހަމަލާތައް ދީ، އެތައް ބަޔަކު މަރާލާފައިވެއެވެ. މިކަމުގެ ސަބަބުން ފަލަސްތީނުގެ މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކަށް ކުރާ އިތުބާރު ކުޑަވެ، އިޖުތިމާއީ ގުޅުންތައް ވަރަށް ބޮޑަށް ބަލިކަށިވެގެންދެއެވެ. އިސްރާއީލުގެ އަމާޒަކީ ވެސް ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި، ޝައްކު އުފައްދައި، އެމީހުންގެ ޤައުމީ އަޒުމް ލޮޅުވައިލުމެވެ.






