އެމެރިކާގެ މާލީ ޓެކްނޮލޮޖީގެ ބާރުގަދަ ކުންފުނި "އިންޓިއުޓް" ގެ މަސައްކަތުގެ މާހައުލު މިވަނީ ކުޅިވަރާއި ވިޔަފާރީގެ މައިދާނަކުން ހަނގުރާމައިގެ މައިދާނަކަށް ބަދަލު ވެފައެވެ. އެމެރިކާގެ އެތައް މިލިއަން ރައްޔިތުންގެ ޓެކްސް ފައިލްކުރަން ބޭނުންކުރާ "ޓާބޯޓެކްސް" ސޮފްޓްވެއަރގެ ފަހަތުގައިވާ މި ބިޔަ ކުންފުނީގެ މުވައްޒަފުން، ކުންފުނީގެ ރަސްމީ ބައްދަލުވުންތަކަށް ޒޫމް މެދުވެރިކޮށް ހާޒިރުވަމުންދަނީ ޔަހޫދީ ސިފައިންގެ ޔުނިފޯމުގައެވެ. މިއީ ހަމައެކަނި ޕްރޮފެޝަނަލް އަޚްލާޤާ ޚިލާފު ކަމެއް ނޫނެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުން ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމަށް އދން ކަނޑައަޅާފައިވާ ސިފައިންގެ ބަޔަކާ އެމެރިކާގެ ކުންފުންޏަކާ އޮތް ނުރައްކާތެރި ގުޅުމުގެ ހެއްކެކެވެ.
އިންޓިއުޓްގެ މުވައްޒަފުން، އެއްވެސް ލަދެއް ހަޔާތެއް ނެތި، އިސްރާއީލުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް މަސްތަކަކަށް ވަޒީފާއިން ޗުއްޓީ ނަގަމުންދެއެވެ. އެމެރިކާގައި ތިބި އެހެން މުވައްޒަފުންނަށް ޖެހެނީ އެމީހުންގެ މަސައްކަތުގެ ޕްރެޝަރު އުފުލާށެވެ. ކުންފުނީގެ އެތެރޭގެ ވާހަކަތައް ހާމަކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިސްރާއީލުގެ ސިފައިންނަށް ލިބޭ މިފަދަ ލުއި ފަސޭހަތަކުގެ ސަބަބުން، ކުންފުނީގެ އޮޕަރޭޝަންތަކަށް ބުރޫއަރައި، އެމެރިކާގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަނީ ނުރައްކާވެފައެވެ. "ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވާ މީހުންނާއެކު ޒޫމް ކޯލްތަކުގައި ބައިވެރިވާން ޖެހުމަކީ އެމެރިކާގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ބޮޑު ނިކަމެތިކަމެކެވެ،" ކުންފުނީގެ މުވައްޒަފަކު ބުންޏެވެ.
އިންޓިއުޓްގެ އިސްވެރިންގެ ތެރޭގައި އިސްރާއީލުގެ ސިފައިންނާއި ސިޔާސީ ނުފޫޒުގަދަ ފަރާތްތަކާ ގުޅުންހުރި އެތައް ބަޔަކު އެބަތިއްބެވެ. އެ ކުންފުނީގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް މަރިއާނާ ޓެސެލް އަކީ އިސްރާއީލު ސިފައންގެ އިންޓެލިޖެންސް ޔުނިޓެއްގައި ކުރިން މަސައްކަތްކުރި ފަރާތެކެވެ. ކުންފުނީގެ އޭއައި ޓެކްނޮލޮޖީ ތަރައްޤީ ކުރުމުގެ މައި މަރުކަޒަކަށް އިސްރާއީލު ހަދާފައިވަނީ ވެސް މިފަދަ ނުފޫޒުތަކުގެ ސަބަބުންނެވެ.

މިއީ ހަމައެކަނި ވިޔަފާރީގެ ކަމެއް ނޫނެވެ. މިއީ ލޮބީ ކުރުމާއި، ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އާންމު ރައްޔިތުންނަށް އޮތް ހިލޭ ޚިދުމަތްތައް ހުއްޓުވުމުގެ ރޭވުމެކެވެ. އިންޓިއުޓުން ވަނީ އެމެރިކާގެ ސަރުކާރުން ހިލޭ ޓެކްސް ފައިލްކުރެވޭނެ ނިޒާމެއް ގާއިމުކުރަން އުޅެނިކޮށް އެމީހުންގެ ފައިސާއިން ހޮވިފައިވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މެދުވެރިކޮށް ހުރަސް އަޅައި، އެތައް މިލިއަން އެމެރިކާ ރައްޔިތުންނަށް އެމީހުންގެ އަގުބޮޑު ޚިދުމަތްތައް ގަތުމަށް މަޖުބޫރުކޮށްފައެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން، ޓްރަމްޕްގެ އިފްތިތާހީ ރަސްމިއްޔާތަށް އެ ކުންފުނިން މިލިއަނުން ފައިސާ ހަދިޔާކޮށް، ސިޔާސީ ގޮތުން ކުންފުނީގެ މަސްލަހަތު ހިމާޔަތްކޮށްފައިވެއެވެ.
އިންޓިއުޓްގެ މި ވާހަކައަކީ މިއަދު އެމެރިކާގެ ކޯޕަރޭޓް ދުނިޔޭގައި ހިނގަމުންދާ ނުރަނގަޅު ކަންކަމުގެ ކުޑަ މިސާލެކެވެ. ކުންފުނިތަކުން ހަނގުރާމައިގެ ޖަރީމާތަކަށް ވާގިވެރިވުމާއި، ސަހުޔޫނީ ނުފޫޒު އެމެރިކާގެ ސިޔާސީ މަސްރަޙަށް ފޯރުވުމަކީ އާންމު ކަމަކަށް ވެއްޖެއެވެ.





