ދިހަވަރަކަށް ފިރިހެނުންނަށް ޖިންސީ ފުރައްސާރަ ކުރި އުނގުޅޭ އަންހެނެއް

މިއީ އާންމުކޮށް ފެންނަ ވާހަކަތަކާ މުޅިން ޚިލާފު، ލަދުވެތި ވާހަކައެކެވެ. ތުރުކީގެ އިސްތަންބޫލްގެ ހަލަބޮލި މަގުތަކުގައި، 30 އަހަރުގެ އަންހެނަކު ހިންގި ޖިންސީ ފުރައްސާރައިގެ ޢަމަލުތަކުން މުޅި މުޖުތަމައު މިވަނީ ސިއްސުވާލާފައެވެ. އެކި ފިހާރަތަކާއި ފެކްޓަރީތަކަށް ވަދެ، މަސައްކަތްކުރާ ފިރިހެނުންނަށް އޭނާ ދިން އުނދަގޫތަކުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، އާންމުންގެ ރުޅިވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ.

ޒެޑް.އީ ކަމަށް ބުނާ މި އަންހެން މީހާގެ ޢަމަލުތައް ސްކިއުރިޓީ ކެމެރާތަކުގައި ރެކޯޑްވެފައިވަނީ ވަރަށް ވެސް ބިރުވެރިކޮށެވެ. އޭނާގެ އުކުޅަކީ ވަރަށް ފަސޭހަ ކަމެކެވެ. ދަރިވަރެއް ކަމަށް ބުނެ ސެންޓު ވިއްކުމުގެ ނަމުގައި ފިހާރަތަކަށް ވަނުމެވެ. ނަމަވެސް އެތަނަށް ވަދެ، އޭނާ ކުރާ ކަންތައްތަކަކީ އެއްވެސް މީހަކު އުންމީދުކުރާނެ ކަންކަމެއް ނޫނެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި، އެތައް ފިރިހެނުން އޭނާއާ މުޚާތަބުކޮށް "ޕްލީޒް! އަހަރެން ގައިގައި ނުޖެހޭ، ދޭބަލަ" އޭ ބުނެ ފޮޅާލާއިރުވެސް އޭނާ އެކަންކަމަށް ފަރުވާލެއް ނުބަހައްޓައެވެ. "އަހަރެންނަށް އުނގުޅިލަން ދީބަލަ، ތިބާގެ ސަބަބުން އަހަރެންގެ ޝުއޫރުތައް ހޭލައްވައިފި،" މިފަދަ ހުތުރު ބަސްތައް ބުނެ، މި އަންހެން މީހާ ދިޔައީ ފިރިހެނުންނަށް ޖިންސީ ފުރައްސާރަ ކުރަމުންނެވެ.

މި މައްސަލައަކީ ހަމައެކަނި ޖިނާއީ ޖިންސީ  ފުރައްސާރަ ކުރުމުގެ މައްސަލައެއް ނޫނެވެ. ޖިންސީ ފުރައްސާރައަކީ ހަމައެކަނި ފިރިހެނުން އަންހެނުންނަށް ކުރާ ކަމެއް ކަމަށް ދެކޭ މުޖުތަމައުގެ ވިސްނުމަށް ލިބުނު ބޮޑު ޝޮކެކެވެ. ޖިންސީ ފުރައްސާރައަކީ ކޮންމެ ޖިންސަކުން ކުރިޔަސް، ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަމިއްލަ ނަފްސުގެ ޙައްޤުތައް ދިފާއުކުރަން މަސައްކަތްކުރާ ފިރިހެނުންނަށް، އޭނާގެ މި އަމަލުތަކުން ލިބުނު ހާސްކަމާއި ނުތަނަވަސްކަމަކީ ކުޑަ ކަމެއް ނޫނެވެ.

އިސްތަންބޫލްގެ ފުލުހުން ވަނީ ވީޑިއޯތައް ފެތުރުމާ އެކު އަވަސް ފިޔަވަޅުތަކެއް އަޅައި، މިއުނގުޅޭ އަންހެންމީޙާ ހައްޔަރުކޮށްފައެވެ. މިހާރު އޭނާ ހުރީ ފުލުހުންގެ ބަންދުގައެވެ. މިއީ މުޖުތަމައުގެ އަޚްލާޤީ މިންގަނޑުތަކާ ކުޅޭ ކޮންމެ މީހަކަށް ވެސް އޮތް ބޮޑު އިންޒާރެކެވެ.

"ކޮންމެ މީހަކަށް ވެސް އަމިއްލަ ޖިސްމާނީ މިނިވަންކަމެއް އޮންނަންވާނެ. ގައި ގޯޅިވެ އެ މިނިވަންކަމަށް އަރައިގަތުމަކީ އިންސާނިއްޔަތާ ޚިލާފު ކަމެއް،" މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި މީހުން ޚިޔާލު ފާޅުކުރަމުން ދަނީ މިފަދައިންނެވެ.

ހިއްސާ ކުރައްވާ!