މެދުއިރުމަތީގެ ހަނގުރާމައިގައި އާންމު ރައްޔިތުންގެ ފުރާނަ ކުޅޭކުޅޭ އެއްޗަކަށް ވެފައިވާއިރު، އިސްރާއީލުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވި މީހުން އިންސާފު ހޯދުމަށް މިވަނީ ޕެރިހުގެ ކޯޓުތަކަށް އެދިފައެވެ. ބައިނަލްއަޤްވާމީ ކޯޓުތަކުން އިންސާފު ހޯދުމުގެ ދޮރުތައް ބަންދުވެފައިވުމުން، ފަރަންސޭސިވިލާތުގެ ޤާނޫނީ ނިޒާމު މެދުވެރިކޮށް އިސްރާއީލުގެ "ހަނގުރާމައިގެ ޖަރީމާތަކާ" ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތްތައް ފެށިގެން ދަނީއެވެ.
އެންމެ ފަހުން ޕެރިސް ކޯޓަށް ހުށަހެޅި މި މައްސަލައަކީ، ލުބުނާނުގެ ޠާއިރުގައި މިދިޔަ އޭޕްރީލް މަހު އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި އާއިލާގެ ހަތަރު މީހުން މަރުވި، ފަރަންސޭސި-ލުބުނާނުގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު އެޗް.ގެ ފަރާތުން ހުށަހެޅި ޝަކުވާއެކެވެ. އިސްރާއީލުގެ މި އަމަލަކީ ހަނގުރާމައިގެ ޖަރީމާއެއް އަދި އިންސާނިއްޔަތާ ޚިލާފު އަމަލެއް ކަމަށް ތުހުމަތުކުރެވެއެވެ.
ހަމަލާ ހިނގީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަންނަން ކުޑަތަންވެފައި ވަނިކޮށެވެ. އެއްވެސް އިންޒާރަކާ ނުލައި އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ޠައިރުގެ ރަށްވެހިން ދިރިއުޅޭ ސަރަހައްދަށް ދިން ބާރުގަދަ ބޮމުގެ ހަމަލާތަކުގައި ފަސް އިމާރާތެއް ބިމާ ހަމަކުރިއެވެ. މުޙައްމަދު އެޗް.ގެ މަންމަ އާއި، ދައްތަ އާއި، އޭނާގެ ދެ ބޭބެ ދަރިން މި ލާއިންސާނީ ހަމަލާގައި ޝަހީދުވިއެވެ.
އިސްރާއީލުން ލުބުނާނުގައި ހިންގަމުންދާ މި އަނިޔާވެރިކަމަކީ، އެއްވެސް ބިރެއް ނެތި އިންސާނީ ހައްގުތައް ފައިދަށުލާ، ބައިނަލްއަޤްވާމީ ގާނޫނުތަކަށް ގޮންޖެހުމުގެ ނަތީޖާއެވެ. ވޮޝިންޓަންގައި ސޮއިކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކަކީ ހަމައެކަނި ކަރުދާހުގައި އޮތް އެއްޗެއްކަން މި ޖަރީމާތަކުން ސާފުވެއެވެ. އިސްރާއީލުގެ ޖެނޮސައިޑް ސިފައިއިން އާންމު ރައްޔިތުންގެ ގޯތިގެދޮރަށް ދެމުންދާ މިފަދަ ހަމަލާތަކަކީ، އެމީހުންގެ އަމަލުތަކާ މެދު އެއްވެސް ޒިންމާދާރުކަމެއް ނެތްކަމުގެ ހެއްކެކެވެ.
ފަރަންސޭސި ކޯޓުތަކުގައި މިހާރު ފެށިފައިވާ މި މައްސަލައަކީ، އިސްރާއީލުގެ ހަނގުރާމައިގެ އިންޖީނަށް ހުއްޓުމެއް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން އިސްރާއީލުގެ ޖަރީމާތަކަށް ލޯ މަރާލައިގެން ތިބި ނަމަވެސް، އިންސާފު ހޯދަން މަސައްކަތްކުރާ ރައްޔިތުންގެ އަޑު މިފަހަރު ގަދަވަމުންދެއެވެ.
އިސްރާއީލުގެ މި އަނިޔާވެރިކަމަކީ ކޮންމެ ނަމެއް ދިނަސް، މިއީ އިންސާނީ ކަރާމާތް ގެއްލިގެންދާ ފަދަ ލަދުވެތި ހާދިސާތަކެކެވެ. އިންސާފު ހޯދުމަށް ފަރަންސޭސިވިލާތުން މި ކުރާ މަސައްކަތަކީ އިސްރާއީލުގެ އަނިޔާވެރިކަމަށް ލިބުނު ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ.






