އިސްލާމީ އިންގިލާބުގެ ޝަހީދު ލީޑަރު، އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން ގިނަ އަދަދެއްގެ ވޮލަންޓިއަރުން އަންނަނީ ތައްޔާރުވަމުންނެވެ. އާޔަތުﷲ ޚާމަނާއީ ޝަހީދުކޮށްލީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން އުދުވާނީ ސޮލީބީ ސަހުޔޫނީ ހަމަލާތަކުގެ ފުރަތަމަ ދުވަހު ތެހެރާނުގައި ހުންނަ އެމަނިކުފާނުގެ އޮފީހަށް ދިން ހަމަލާއެއްގައެވެ. މި ހަމަލާގައި އެމަނިކުފާނުގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުންނާއި، ޅީދަރިކަނބަލުން އަދި ކާފަ ދަރިކަލުންގެ އިތުރުން އާއިލާގެ އެހެން ބޭފުޅުން ވެސް ވަނީ ޝަހީދުވެފައެވެ. އަދި ސިފައިންގެ އިސް ކޮމާންޑަރުންތަކެއް ވެސް މި ހަމަލާގައި ވަނީ އަވަހާރަކޮށްލާފައެވެ.
ތެހެރާނުގައި ބާއްވާ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 6 ވަނަ ދުވަހުއެވެ. ޖުލައި 7 ވަނަ ދުވަހު، މުގައްދަސް ސަހަރެއް ކަމަށްވާ ގުމްގައި ޖަނާޒާގެ ރަސްމިއްޔާތުތައް ބާއްވާނެއެވެ. އެ ރަށުގައި ލީޑަރަށް ކަށުނަމާދު ކުރާނެއެވެ.
އިރާގުގެ ޤަބީލާތަކާއި، އިލްމުވެރިންނާއި، ދީނީ އަދި ސިޔާސީ ފަރާތްތަކުން އެދިވަޑައިގަތުމާ ގުޅިގެން، ޖުލައި 8 ވަނަ ދުވަހު ލީދަރުގެ ޖަނާޒާގެ ގާފިލާ އިރާގަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ނަޖަފް އާއި ކަރުބަލާގައި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާއިރު، އެކަމާ ބެހޭ ވަގުތުތަކާއި ތަންތަން އިރާގުގެ ކަމާބެހޭ ފަރާތްތަކުން ވަރަށް އަވަހަށް އިއުލާން ކުރާނެއެވެ.
އަލްވަދާއު ކިޔުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު ތެހެރާނުގެ އިމާމް ޚާމަނާއީ މުސައްލާގައި ފެށުމަށް ހަމަޖެހިފައި ވެއެވެ. ވެރިރަށުގެ ސަލާމަތީ، އެހީތެރިކަމުގެ، އަދި ސިއްހީ ފަރާތްތަކުން އަންނަނީ އެކި ކޮމިޓީތައް އުފައްދައި، ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ރަސްމިއްޔާތަށް އަންނަ މީހުންނަށް މަރުހަބާ ކިޔުމަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.
ބައިވެރިންގެ ސަލާމަތް ކަށަވަރުކުރުމަކީ އެންމެ މުހިންމު ކަމަކަށްވާތީ، ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ސިފައިން އަންނަނީ ރަސްމިއްޔާތުގެ ވަގުތުތަކުގައި އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރަމުންނެވެ.
މުސައްލާގައި ތޮއްޖެހުން ކުޑަކުރުމަށް، އެކި ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން މީހުން ވަދެ ނިކުމެ ހެދުމަށް ވަކި ކޮރިޑޯތަކެއް ވަނީ ކަނޑައެޅިފައެވެ. މީގެ މައިގަނޑު މަގުސަދަކީ، އެންމެންނަށް ވެސް ލީޑަރަށް އަލްވަދާއު ކިޔުމުގެ ފުރުސަތު ދިނުމަށްޓަކައި، އެ ސަރަހައްދުގައި މީހުން ހޭދަކުރާ ވަގުތު ކުރުކުރުމެވެ.
މީހުންނަށް ހިލޭ ހިދުމަތް ދިނުމަށް 6،000 އަށް ވުރެ ގިނަ މައުކިބް ވޮލަންޓިއާ ސްޓޭޝަން ވަނީ ރަޖިސްޓްރީކޮށްފައެވެ. މީގެ އިތުރުން، މެޑިކަލް ސައިންސް ޔުނިވާސިޓީތަކުން ހެލްތު ކޮމިޓީއެއް ގާއިމުކޮށްފައިވާއިރު، ތެހެރާނުގެ އެތައް ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒުތަކުން ރެއާއި ދުވާލު މީހުންނަށް ހިދުމަތް ދޭނެއެވެ.
ޖަނާޒާގެ ހިނގާލުން އޮންނަ މަގުތަކުގައި 700 އަށް ވުރެ ގިނަ އެމްބިއުލާންސް ހަރަކާތްތެރިވާނެއެވެ.
ހޫނު ގަދަވުމާއި، ހޫނުގެ އަސަރުކުރުމުގެ ފުރުސަތު އޮތުމުން، މީހުން ގިނައިން އެއްވާ ތަންތަނުގެ ވަށައިގެން ފިނި ކޮޓަރިތައް ގާއިމުކޮށްފައިވާއިރު، ފަރުވާ ބޭނުންވާ މީހުން އެތަންތަނަށް ގެންގޮސް ފަރުވާ ދެވޭނެއެވެ.
އެއް މިލިއަން މީހުންނަށް ޚިދުމަތް ދިނުމުގެ ގާބިލުކަން ހުރި މުނިސިޕަލްޓީ އިދާރާއިން ވަނީ މީހުންގެ ކެއިން ބުއިމާއި ހުރުމުގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައެވެ. މީގެ އިތުރުން ސްކޫލްތަކާއި، މިސްކިތްތަކާއި، ސަރުކާރުގެ އިމާރާތްތަކާއި، ސްޓޭޑިއަމްތަކުގެ، އިންތިޒާމުތައް ވަނީ ރައްޔިތުންނަށް މަރުހަބާ ކިޔުމަށް ތައްޔާރުކޮށްފައެވެ.
ޓްރެފިކް މެނޭޖްކުރުމަކީ މި ޕްރޮގްރާމްގެ އެންމެ އުނދަގޫ އެއް ބައެވެ. ނަމަވެސް، ފުލުހުން ވަނީ ޓްރެފިކް ފްލޯ ރަނގަޅުކޮށް ތޮއްޖެހުން ކުޑަކުރުމަށް ޓްރެފިކް ޕްލޭންތަކެއް ހަދާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 500 އަށް ވުރެ ގިނަ ބޭރުގެ ނޫސްވެރިން މި ރަސްމިއްޔާތު ކަވަރުކުރުމަށް ހާޒިރުވާނެއެވެ.
އީރާންގެ ރެޑް ކްރެސެންޓް ސޮސައިޓީއިން ރަސްމިއްޔާތުގެ ތެރޭގައި ޚިދުމަތް ދިނުމަށް އެމީހުންގެ ސަލާމަތީ، އެހީތެރިކަމުގެ، އަދި ސިއްހީ ގާބިލުކަމާއި ވޮލަންޓިއަރުން ބޭނުންކުރާނެއެވެ. އީރާން ރެޑް ކްރެސެންޓުން 350 ރެސްކިއު ސެންޓަރު، 1،556 އޮޕަރޭޝަނަލް ޓީމު، އަދި 7،000 ރެސްކިއު ވޮލަންޓިއަރުން، ތެހެރާން، ގުމް، އަދި ޚުރާސާން ރަޒަވީގައި މޮބަލައިޒް ކުރާނެއެވެ.
ތެހެރާނުގެ 1،650 އަށް ވުރެ ގިނަ އާއިލާއަކުން ވަނީ "އަހަންނަކީ މެހެމާންދާރު" ގެ ނަމުގައި ފަށާފައިވާ ކެމްޕޭންގައި ބައިވެރިވެ، އަމިއްލަ ގޭގޭގައި މީހުންނަށް މަރުހަބާ ކިޔުމަށް ވޮލަންޓިއާކޮށްފައެވެ. އަދި އިތުރު 250 ގުރޫޕަކުން ތެހެރާނުގައި ބައިވެރިންނަށް ހިދުމަތް ކުރާނެއެވެ.




