އެމެރިކާ 7: ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހުމަކީ އެމެރިކާގެ އާދައެއް

މިއީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް ތައްޔާރުކޮށްފައިވާ 18 ސިލްސިލާ އެވެ. މި ސިލްސިލާގައި އެމެރިކާގެ ސިޔާސަތާއި ކަން ކުރާ ގޮތަށް ބަލާފައި ވާނެއެވެ.

ފިނި ހަނގުރާމައަކީ އެމެރިކާއާއި ސޯވިއެޓް ޔޫނިއަނާ ދެމެދު ހިނގި ހަމައެކަނި ފިނި ވާދަވެރިކަމެއް ނޫނެވެ؛ އެއީ ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކުގެ ތެރެއަށް އެމެރިކާއިން މެދުކެނޑުމެއްނެތި ވަންނަމުން ދިޔަ ޒަމާނެކެވެ. ކޮމިއުނިޒަމް ހުއްޓުވުމުގެ ނަމުގައި، އެމެރިކާއިން ވަނީ ލެޓިން އެމެރިކާއިން ފެށިގެން އެފްރިކާއާއި ހުޅަނގު ދެކުނު އޭޝިއާއާ ހަމައަށް ސަރުކާރުތައް ވައްޓާލައި، މީހުން މަރައި، ހަނގުރާމަތަކާއި ސިއްރު އޮޕަރޭޝަންތައް ހިންގައި، ސިޔާސީ މަސްރަހު ބަދަލުކޮށްފައެވެ.

މި ހަރަކާތްތަކަކީ ސޯވިއެޓް ޔޫނިއަންގެ ފުޅާވުމާ ދެކޮޅަށް އެޅި ދިފާއީ ފިޔަވަޅުތަކެއް ނޫނެވެ؛ އެއީ އެމެރިކާގެ ސްޓްރެޓެޖިކް އަދި އިގްތިސާދީ މަސްލަހަތުތަކަށް ފަހިވާ ގޮތަށް ގައުމުތަކުގެ ސަރުކާރުތައް ބައްޓަންކުރަން ކުރި މަސައްކަތްތަކެކެވެ.

1953 ވަނަ އަހަރު، އީރާނުގެ ތެލުގެ ސިނާއަތް ގައުމީ މިލްކަކަށް ހެދުމުން، އެ ގައުމުގެ ބޮޑުވަޒީރު މުހައްމަދު މުސައްދަޤުގެ ސަރުކާރު ވައްޓާލީ ސީއައިއޭ އިންނެވެ. މި ބަޣާވާތުގެ ސަބަބުން ޝާހުގެ ވެރިކަން އަލުން ގާއިމުވިއެވެ. މިއީ އެމެރިކާއާއި އިނގިރޭސިވިލާތުގެ މަސްލަހަތާ ގުޅިފައިވާ އަނިޔާވެރި ވެރިކަމެކެވެ.

އޭގެ އެއް އަހަރު ފަހުން، ގުއަޓަމާލާގެ ރައީސް ޖޭކޮބޯ އާބެންޒް ވެރިކަމުން ދުރުކުރީ، އޭނާ ހިންގި ދަނޑު ބިމުގެ އިސްލާހުތަކުގެ ސަބަބުން އެމެރިކާގެ "ޔުނައިޓެޑް ފުރުޓް ކޮމްޕެނީ"ގެ ވިޔަފާރިއަށް ބުރޫއެރިތީއެވެ. މި އޮޕަރޭޝަންގެ ސަބަބުން އެތައް  އަހަރެއް ވަންދެން ދާޚިލީ ހަނގުރާމައާއި، ގިނަ ބަޔަކު މަރުވުމާއި، އަދި ދައުލަތުގެ އަނިޔާވެރިކަން އެ ގައުމުގައި ހިންގިއެވެ.

މި ބަޣާވާތްތަކުން އުސޫލެއް ކަނޑައެޅުނެވެ. އެމެރިކާގެ ކުންފުނިތަކަށް ނުވަތަ ޖިއޮޕޮލިޓިކަލް މަސްލަހަތުތަކަށް ގޮންޖަހާ ކޮންމެ ސަރުކާރަކީ ކޮމިއުނިސްޓް ނުރައްކަލެއް ކަމަށް ދައްކައި، އެ ސަރުކާރެއް ނައްތާލެވޭނެއެވެ.

1960 އަދި 1970 ގެ އަހަރުތަކުގައި މި އުކުޅު އިތުރަށް ފުޅާވިއެވެ.

ކޮންގޯގައި، ޕެޓްރިސް ލުމުމްބާގެ ގައުމީ ހަރަކާތްތަކުން ހުޅަނގުގެ މައުދަން ނެގުމުގެ މަސްލަހަތުތަކަށް ނުރައްކާވާތީ، އޭނާ މަގާމުން ދުރުކޮށް މަރާލުމަށް އެމެރިކާއިން ތާއީދުކުރިއެވެ.

އިންޑޮނޭޝިއާގައި 1965 ވަނަ އަހަރު ޖެނެރަލް ސުހާޓޯ ވެރިކަމަށް ގެނައުމަށް އެމެރިކާއިން އެހީތެރިވިއެވެ. މި ވެރިކަން ބަދަލުވުމުގެ ތެރޭގައި އެއް މިލިއަނާ ގާތްކުރާ އަދަދަކަށް ވާތު ފިޔައިގެ މީހުން މަރާލެވުނެވެ.

ޗިލީގައި ސަލްވަޑޯ އައެންޑޭގެ ސަރުކާރު ބަލިކަށިކޮށް، 1973 ވަނަ އަހަރުގެ ބަޣާވާތުން އޮގަސްޓޯ ޕިނޯޝޭ ވެރިކަމަށް ގެނައުމުގައި އެމެރިކާއިން ބޮޑު ދައުރެއް އަދާކުރިއެވެ. "އޮޕަރޭޝަން ކޮންޑޯ" ގެ ދަށުން، ދެކުނު އެމެރިކާގެ އަނިޔާވެރި ވެރިކަންތަކާ ގުޅިގެން އެމެރިކާގެ ޖާސޫސީ މަސައްކަތުގެ އެހީގައި، ދައުލަތާ ދެކޮޅު މީހުން ހޯދައި ނައްތާލުމުގެ ބައިނަލްއަގްވާމީ ނެޓްވޯކެއް އުފެއްދިއެވެ.

އެފްރިކާ ވެސް މިކަމުން ސަލާމަތެއް ނުވިއެވެ. އެންގޯލާގައި ކޮމިއުނިޒަމާ ދެކޮޅު ގްރޫޕްތަކަށް އެމެރިކާއިން އެހީވިއެވެ. އަދި ދެކުނު އެފްރިކާގެ ނަސްލީ ތަފާތރު ކުރުމުގެ އެޕާތައިޑް ސަރުކާރުގެ ހަރަކާތްތަކަށް ތާއީދުކޮށް، ސޯމާލިއާ އަދި އިތިއޯޕިއާގެ ކަންކަމުގެ ތެރެއަށް ވަނެވެ.

އޭޝިއާގައި ވިއެޓްނާމްގެ އިތުރުން، ލާއޯސް އަދި ކެމްބޯޑިއާގައި ވެސް އެމެރިކާއިން ކޮމިއުނިސްޓުންނާ ދެކޮޅު ފަރާތްތަކަށް އެހީވެ، އެ ގައުމުތައް ހަލަބޮލި ކޮށް ޕޮލްޕޮޓްގެ "ޚްމޭރު ރޫޖް" ފަދަ ނުރައްކާތެރި ބާރުތައް އުފެދުމަށް މަގުފަހި ކުރިއެވެ.

މި ހަރަކާތްތައް ދިފާއުކުރީ މިނިވަންކަމާއި ޑިމޮކްރަސީގެ ވާހަކަތައް ދައްކައިގެންނެވެ. ނަމަވެސް އެމެރިކާގެ އަމަލުތަކުން އަބަދުވެސް މި ދެ ކަންތައް ހަލާކުކޮށްލިއެވެ. ދުނިޔޭގެ މިނިވަންކަމުގެ ދިފާއުކުރާ މީހެއްގެ ގޮތުގައި ދައްކަމުން، އެމެރިކާއިން ވަނީ އަނިޔާވެރި ވެރިކަންތަކަށާއި، މީހުން މަރާ ގްރޫޕްތަކަށް ހަތިޔާރުދީ، ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިކޮށްދީފައެވެ.

ފިނި ހަނގުރާމައިގެ ތަރިކައަކީ ހަމައެކަނި ފިކުރީ ވާދަވެރިކަމެއް ނޫނެވެ. އެއީ އެތައް ގައުމެއްގެ ސިޔާސީ މިސްރާބު، އަނިޔާވެރި ގޮތަކަށް ބަދަލުކޮށްލުމެވެ.

ފިނި ހަނގުރާމަ 1991 ގައި ނިމުނަސް، އެ ހަނގުރާމައިގައި ބޭނުންކުރި އުކުޅުތައް ކަމަށްވާ ސިއްރު އޮޕަރޭޝަންތަކާއި، ބަދަލު މީހުން މެދުވެރިކޮށް ހަނގުރާމަ ކުރުމާއި، ސަރުކާރުތައް ވައްޓާލުން އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި އަދިވެސް އޮތީ ބިންވަޅު ނެގިފައެވެ.

މި ޒަމާނުން ހާމަވި ހަގީގަތަކީ، އެމެރިކާއަށް ދުނިޔޭގެ ނުރައްކަލެއް ފެނިއްޖެނަމަ، އެއީ ހަގީގީ ނުރައްކަލެއް ކަމަށް ވިޔަސް ނުވަތަ ޚިޔާލީ ނުރައްކަލެއް ކަމަށް ވިޔަސް)، އެމެރިކާއިން ގިނަ ފަހަރަށް ޖަވާބު ދެނީ ޑިޕްލޮމަސީން ނޫން ކަމާއި، އެހެން ގައުމުތަކުގެ ތެރެއަށް ވަނުމުން ކަމެވެ.

ހިއްސާ ކުރައްވާ!