އެމެރިކާ 8: 9/11 އަށް ފަހު އެމެރިކާގެ ދާއިމީ ހަނގުރާމަތަކުގެ ދެ ތަނބު

މިއީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް ތައްޔާރުކޮށްފައިވާ 18 ސިލްސިލާ އެވެ. މި ސިލްސިލާގައި އެމެރިކާގެ ސިޔާސަތާއި ކަން ކުރާ ގޮތަށް ބަލާފައި ވާނެއެވެ.

އަފްޣާނިސްތާނާއި އިރާގަށް އެމެރިކާއިން އެރި އެރުމަކީ 9/11 ގެ ހަމަލާތަކަށް ދިން ވަރުގަދަ ރައްދެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، އެއީ އެމެރިކާގެ ހަނގުރާމައިގެ އާ ޒަމާނެއްގެ ބިންގަލެވެ. އަދި ނިމުމެއް ނެތް، އިމެއް ނެތް، އަދި ސްޓްރެޓެޖިކް ގޮތުން އެއްވެސް ލަނޑުދަނޑިއެއް ނެތް ހަނގުރާމަތަކެއްގެ ފެށުމެވެ. މި ދެ ހަނގުރާމައަކީ ދުނިޔޭގެ ސިޔާސީ މަސްރަހު ބަދަލުކޮށް، މުޅި ސަރަހައްދުތައް ހަލަބޮލިކޮށް، އެމެރިކާގެ ޚާރިޖީ ސިޔާސަތު މިއަދުވެސް ބައްޓަންކުރާ ހަނގުރާމައިގެ އުސޫލުތައް އާލާކުރި ކަންކަމެވެ. މިއީ ހަމައެކަނި އަސްކަރީ ކެމްޕޭންތަކެއް ނޫނެވެ. މިއީ ގޯސް ވިސްނުންތަކާއި، ބަދަލުވަމުންދާ މަގުސަދުތަކާއި، އަދި ބާރުގެ ބޭނުންކޮށްގެން މުޖުތަމައުތައް ބައްޓަންކުރެވޭނެ ކަމަށް ގަބޫލުކުރާ ސިޔާސީ މަޝްރޫއުތަކެކެވެ.

އެންމެ ފުރަތަމަ އަމާޒުކުރީ އަފްޣާނިސްތާނަށެވެ. އެމެރިކާއިން ހަފުތާތަކެއްގެ ތެރޭގައި ތާލިބާނުންގެ ވެރިކަން ވައްޓާލިއެވެ. ނަމަވެސް މިޝަން ނިންމާލުމުގެ ބަދަލުގައި، ވޮޝިންޓަނުން އެކަން ގައުމު ބިނާކުރުމުގެ ތަޖުރިބާއަކަށް ބަދަލުކުރިއެވެ. މަގުސަދުތައް އިތުރުވަމުން ދިޔައެވެ.

އަލްގައިދާ ބަލިކުރުމާއި، ގައުމު ހަމަޖެހުމަށް ގެނައުމާއި، ޑިމޮކްރެޓިކް އިދާރާތައް އުފެއްދުމާއި، އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމާއި، އަދި ކުރިއަށް އޮތް ތަނުގައި ޓެރަރިޒަމް ހުއްޓުވުމުގެ ނަމުގައި ބަހަނާތައް ދެއްކިއެވެ. މި ހުރިހާ ކަމަކަށް ވެސް ހަގީގީ ސްޓްރެޓެޖީއެއް ނެތެވެ.

އެމެރިޖަގެ މަސްއޫލުވެރިންގެ އަސްކަރީ ދާއިރާގެ ކޮރަޕްޝަން އިންތިހާއަށް އިތުރުވިއެވެ. އަފްޣާން ހަނގުރާމައިގެ ވެރިންގެ ބާރު އަލުން ގަދަވިއެވ. ބިލިއަން ޑޮލަރުގެ އެހީތައް ސިއްރު ނެޓްވޯކްތަކުގެ ތެރެއިން ގެއްލުނެވެ. އެމެރިކާއިން ބަރޯސާވީ ވައިގެ ހަމަލާތަކަށާއި ރޭގަނޑު ހިންގާ ރެއިޑްތަކަށެވެ. މީގެ ސަބަބުން އާންމުން މަރުވެ، ނަފްރަތު އިތުރުވިއެވެ.

ވިހި އަހަރު ފަހުން އެމެރިކާއިން އަލުން ތާލިބާނުން ވެރިކަމަށް ގެނައެވެ. މިއީ 20 އަހަރު ކުރިން އެމީހުން އެ ބަޔަކު ބަލި ކުރުމަށް ހަނގުރާމނަ ކުރި ޖަމާއަތެވެ. އިންސާނީ ކާރިސާއަކާއި، ހަނގުރާމައިގެ ސަބަބުން ނަފްސާނީ ގޮތުން ގެއްލުން ލިބުނު ޖީލެއް އެމެރިކާއިން އުފެއްދިއެވެ.

އިރާގުގެ ހަނގުރާމައަކީ މިއަށް ވުރެ ވެސް ބޮޑު ކާރިސާއެކެވެ. 2003 ވަނަ އަހަރު އިރާގަށް އެރުން ދިފާއުކުރީ އެ ގައުމުގައި ބޮޑެތި ގެއްލުން ދެނިވި ހަތިޔާރު ހުރި ކަމަށް ބުނެއެވެ. އެއީ ހަގީގަތެއް ނެތް ވާހަކައެކެވެ. އެމެރިކާއިން އިރާގުގެ ދައުލަތް ރޫޅާލައި، ސިފައިންގެ ލަޝްކަރު އުވާލައި، މަދަނީ އިދާރާތައް ސާފުކުރިއެވެ. ރަނާއި ޚަޒާނާ ލޫޓުވާލިއެވެ.

މީގެ ސަބަބުން އުފެދުނު ހުސްކަމުގެ ތެރެއިން ދީނީ އަދި މަޒުހަބީ ހަމަނުޖެހުންތައް އުފެދުނެވެ. ހަނގުރާމަވެރިންނާ ދެކޮޅަށް ވިއެޓްނާމްގައި ގެންގުޅުނު ފަދަ އިންތިހާއަށް ބޮޑު ބާރުގެ ބޭނުންކޮށް، މީހުން ހައްޔަރުކޮށް، އަނިޔާކުރިއެވެ. ފަލޫޖާ، ނަޖަފް، އަދި މޫސަލް ފަދަ ސިޓީތައް ހަނގުރާމައިގެ މައިދާންތަކަކަށް ވިއެވެ.

އަބޫ ޣުރައިބު ޖަލުގައި ހިންގި އަނިޔާތައް ހާމަވިއެވެ. އާންމުން މަރުވާ އަދަދު އިތުރުވިއެވެ. މި ހަނގުރާމައިގެ ސަބަބުން ސަރަހައްދު ހަލަބޮލިވެ، އީރާނުގެ ބާރު ގަދަވެ، އަދި އައިސިސް އުފެދުމަށް މަގުފަހިވިއެވެ.

މި ދެ ހަނގުރާމައިން ވެސް އެމެރިކާގެ އަސްކަރީ ބާރުގެ ނިމުން ފެށުނެވެ. ޓްރިލިއަން ޑޮލަރު ޚަރަދުކޮށް، އެތައް ސަތޭކަ ހާސް ބަޔަކު މަރުވިއިރު ވެސް، އެއްވެސް ލަނޑުދަނޑިއެއް ހާސިލެއް ނުވިއެވެ.

އޭގެ ބަދަލުގައި، އެމެރިކާ އާލާކުރީ ދާއިމީ ހަނގުރާމައިގެ ނިޒާމެކެވެ. ޑްރޯން ހަމަލާތަކާއި، ހާއްސަ އޮޕަރޭޝަންތަކާއި، އިންޓެލިޖެންސް ޕާޓްނަޝިޕްތަކާއި، އަދި ނިމުމެއް ނެތް ކައުންޓާ-ޓެރަރިޒަމް ކެމްޕޭންތަކެވެ. އެމެރިކާއިން 2021 ގައި އަފްޣާނިސްތާނުން ސިފައިން ބޭލި ނަމަވެސް، މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ނުފޫޒު އަދިވެސް އޮތީ ފުޅާކޮށެވެ. އިރާގުގައި އަދިވެސް އެމެރިކާ ސިފައިން އެބަތިއްބެވެ. އަދި މި އިންޓަވެންޝަންތަކުގެ ނަތީޖާތަކުން މުޅި ސަރަހައްދު އަދިވެސް ވަނީ ބައްޓަންވެފައެވެ.

އަފްޣާނިސްތާނާއި އިރާގަކީ ވަކި ހާދިސާތަކެއް ނޫނެވެ. މިއީ ޑިޕްލޮމަސީއަށް ވުރެ ބާރުގަދަ، ސްޓްރެޓެޖީއަށް ވުރެ ބިރު، އަދި ހަމަޖެހުމަށް ވުރެ ބާރުވެރިކަން އިސްކުރާ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ދެ ތަނބެވެ. މި ހަނގުރާމަތަކުގެ ތަރިކައަކީ ހަނގުރާމައަށް ފެށޭނެ ގޮތެއް ނުވަތަ ނިމޭނެ ގޮތެއް ނެތި، ހަމައެކަނި ދެމިއޮތުމުގެ ސިފަ ލިބިފައިވާ ދުނިޔެއެކެވެ.

ހިއްސާ ކުރައްވާ!