އެމެރިކާ 10: މުސްލިމް ދުނިޔެއަށް ދިން ހަމަލާތައް: އެމެރިކާގެ އަނިޔާވެރިކަމުގެ 100 އަހަރު

މިއީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް ތައްޔާރުކޮށްފައިވާ 18 ސިލްސިލާ އެވެ. މި ސިލްސިލާގައި އެމެރިކާގެ ސިޔާސަތާއި ކަން ކުރާ ގޮތަށް ބަލާފައި ވާނެއެވެ.

ފާއިތުވި ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަހު، އެމެރިކާއިން ވަނީ މުސްލިމް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަތަކާއި، އިންޓަވެންޝަންތަކާއި، އަދި ސިއްރު އޮޕަރޭޝަންތައް ހިންގާފައެވެ. އުތުރު އެފްރިކާއިން ފެށިގެން ދެކުނު އޭޝިއާއާ ހަމައަށް، މުސްލިމް ގައުމުތަކުގެ ސިޔާސީ މިސްރާބު އެމެރިކާއިން ވަނީ ބަދަލުކޮށްފައެވެ.

މިކަންކަން ދިފާއުކުރަން އެކި ދުވަސްވަރު އެކި ބަހަނާތައް ދެއްކިއެވެ. ކޮމިއުނިޒަމް ހުއްޓުވުމާއި، ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމާއި، އިންސާނީ އެހީތެރިކަމުގެ ނަމުގައި ވަނުމާއި، ނިއުކްލިއަރ ބިރުދެއްކުން ފަދަ ކަންކަމެވެ. ނަމަވެސް އެއް އުސޫލެއް ފެންނަން އޮތެވެ. އެއީ،  އެމެރިކާގެ ބާރު އިންތިހާއަށް ބޭނުންކޮށް، އެއްވެސް ޒިންމާދާރުކަމެއް ނެތި މުސްލިމް މުޖުތަމައުތައް ހަނގުރާމައިގެ މައިދާންތަކަކަށް ހެދުމެވެ. މި ހަމަނުޖެހުންތަކާއި، މީހުން ގެދޮރު ދޫކޮށް ދާން ޖެހުމާއި، ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން މި ސަރަހައްދުތަކުގައި މުސްލިމުންގެ މެދުގައި ފުން ޒަޚަމްތަކެއް ވަނީ އުފެދިފައެވެ.

މި ވާހަކަ ފެށެނީ 9/11 އަށް ވުރެ މާ ކުރިންނެވެ. 1953 ވަނަ އަހަރު، އީރާނުގެ ބޮޑުވަޒީރު މުހައްމަދު މުސައްދަޤުގެ ސަރުކާރު ވައްޓާލައި، ޝާހުގެ އަނިޔާވެރި ވެރިކަން އެތައް އަހަރަކަށް ދެމެހެއްޓިއެވެ.

  • 1980 ގެ އަހަރުތަކުގައި، އަފްޣާނިސްތާނުގައި "މުޖާހިދުން"ނަށް ހަތިޔާރުދީ، ގައުމު ފުނޑުފުނޑުކޮށްލާ ހަނގުރާމައެއްގެ ބިންގާ އެޅިއެވެ.
  • ލުބުނާނުގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަނުމުން، ހަމަނުޖެހުންތައް އިތުރަށް ގޯސްވިއެވެ.
  • ލީބިޔާގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، ފަހުން އަސްކަރީ ހަމަލާތައް ދިނެވެ.
  • މެދުއިރުމަތީގެ އެކި ގައުމުތަކުގެ އަނިޔާވެރި ވެރިކަންތަކާ އެކު ގާއިމުކުރި ގުޅުންތަކުން، "ހަމަޖެހުމުގެ ނަމުގައި" އަނިޔާވެރިކަން ދެމެހެއްޓިއެވެ.

9/11 އަށް ފަހު، އެމެރިކާގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވިއެވެ. އިރާގު، ސޫރިޔާ، އަފްޣާނިސްތާން، ޔަމަން، އަދި ސޯމާލިއާގައި މިލިއަނުން މީހުން ގެދޮރު ދޫކޮށް ރެފިއުޖީންނަށް ހަދާލިއެވެ. މޫސަލް، ހަލަބް، ފަލޫޖާ، އަދި ރައްޤާ ފަދަ މުޅި ސިޓީތައް ބިމާ ހަމަކޮށްލިއެވެ.

އިރާގު ހަނގުރާމައަށް ފަހު އައިސިސް އުފެދުނު ފަދައިން، އެމެރިކާގެ ސިޔާސަތުތަކުން ހައްދުފަހަނަޅައިދިޔަ ގްރޫޕްތައް ބާރުގަދަކުރިއެވެ. އެމެރިކާއިން މުސްލިމު ގައުމުތަކާ ބެހުމުގެ ސަބަބުން އުފެދުނު ސިޔާސީ ހުސްކަމުގެ ތެރެއިން ހަތިޔާރު އެޅި ގްރޫޕްތަކާއި، ހަނގުރާމައިގެ ވެރިންގެ ބާރު ގަދަވިއެވެ.

އެމެރިކާގެ އެތެރޭގައި، މުސްލިމުންނަށް ފާރަލުމާއި، ތަފާތުކުރުން އިތުރުވެ، މުސްލިމުންނަކީ ސަލާމަތީ ނުރައްކަލެއް ކަމަށް ދައްކަން މަސައްކަތްކުރިއެވެ. ބައިނަލްއަގްވާމީ ފެންވަރުގައި، އެމެރިކާގެ އަމަލުތަކުން ނަފްރަތާއި އިތުބާރު ނެތުން އުފެދުނެވެ. މުސްލިމް ދުނިޔެއަށް އެމެރިކާގެ ބާރުވެރިކަމަކީ ބިރުވެރި އެއްޗަކަށް ވެއްޖެއެވެ.

މުސްލިމް ދުނިޔެއިން މިވަނީ އެމެރިކާއިން މުސްލިމު ގައުމުތަކުގެ ސިޔާސަތާ ބެހޭތާ 100 އަހަރު ތަހައްމަލުކޮށްފައެވެ. ބަޣާވާތްތަކުން ފެށިގެން ހަނގުރާމަތަކާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި، ޑްރޯން ހަމަލާތަކާ ހަމައަށެވެ.

މިއީ ވަކިވަކި ހާދިސާތަކެއް ނޫނެވެ. މިއީ ގައުމުތައް ބަދަލުކޮށް، ސަރުކާރުތައް ވައްޓާލައި، އަދި މިއަދާ ހަމައަށް ވެސް ހަމަނުޖެހުން ދަމަހައްޓާ އަސްކަރީ ގުޅުމުގެ ނިޒާމެކެވެ. މީގެ ތަރިކައަކީ ސާފު އެއްޗެކެވެ. އެމެރިކާގެ ސަރުކާރުން މުސްލިމް މުޖުތަމައުތައް ބަލަމުން އައީ ހަނގުރާމައިގެ މައިދާންތަކެއްގެ ގޮތުގައެވެ.

ހިއްސާ ކުރައްވާ!