މިއީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް ތައްޔާރުކޮށްފައިވާ 18 ސިލްސިލާ އެވެ. މި ސިލްސިލާގައި އެމެރިކާގެ ސިޔާސަތާއި ކަން ކުރާ ގޮތަށް ބަލާފައި ވާނެއެވެ.
ފާއިތުވި ސަތޭކަ އަހަރުގެ ތެރޭގައި، އެމެރިކާގެ ޚާރިޖީ ސިޔާސަތު ބިނާވެފައި އޮތީ ދުޝްމަނެއް އެމެރިކާ ރައްޔިތުންނާއި ދުނިޔެއަށް ދައްކާފައި ބޭއްވުމުގެ މައްޗަށެވެ. ކޮންމެ ދިހަ އަހަރަކުން އެ ދުޝްމަނުގެ ސިފަ ބަދަލުވެއެވެ. ކޮމިއުނިސްޓުންނާއި، މަސްތުވާތަކެތީގެ ވެރިންނާއި، ޓެރަރިސްޓުންނާއި، "ރޯގް ސްޓޭޓް"ތަކާއި، އަދި ބޮޑެތި ބާރުތަކުގެ ވާދަވެރިން ފަދައިންނެވެ. ނަމަވެސް އެމެރިކާގެ އަސްކަރީ މެޝިނަރީއަށް ބޭނުންވާ މައިގަނޑު ސިފަ ބަދަލެއް ނުވެއެވެ.
އެމެރިކާގެ އަސްކަރީ ބަޖެޓުތަކާއި، ގައުމުތަކުގެ ކަންކަމާ ބެހުމާއި، ސިއްރު އޮޕަރޭޝަންތަކާއި، އަދި މުޅި ދުނިޔޭގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތައް ދެމެހެއްޓުމަށް، ބިރުވެރިކަމެއް ނުވަތަ ދުޝްމަނެއް ކޮންމެހެން ބޭނުންވެއެވެ. މިއީ ހަމައެކަނި ވާހަކައެއް ނޫނެވެ. ލެޓިން އެމެރިކާއިން ފެށިގެން ދެކުނު އޭޝިއާއާއި މެދުއިރުމައްޗާ ހަމައަށް އެމެރިކާއިން ހިންގާފައިވާ އަމަލުތަކުން މިކަން ސާފުކޮށް ފެންނަން އެބައޮތެވެ.
ފިނި ހަނގުރާމައަކީ މިކަމުގެ ފުރަތަމަ ބޮޑު ނަމޫނާއެވެ.
- 1945 އަށް ފަހު، ސޯވިއެޓް ޔޫނިއަނަކީ އެމެރިކާ ނެތިކޮށްލަން އުޅޭ ދުޝްމަނެއްގެ ގޮތުގައި ވޮޝިންޓަނުން ސިފަކުރިއެވެ.
- 1953 ގައި، އީރާނުގެ ތެލުގެ ސިނާއަތް ގައުމީ މިލްކަކަށް ހެދުމުން، އެ ގައުމުގެ ބޮޑުވަޒީރަކީ ކޮމިއުނިޒަމްގެ ނުފޫޒު އޮތް މީހެއް ކަމަށް ބުނެ ސީއައިއޭއިން އޭނާ ވެރިކަމުން ދުރުކުރިއެވެ.
- 1954 ގައި ގުއަޓަމާލާގެ ރައީސް ޖޭކޮބޯ އާބެންޒް ވެރިކަމުން ދުރުކުރީ ވެސް ކޮމިއުނިޒަމާ ދެކޮޅަށް ކަމަށް ބުނެއެވެ.
އެމެރިކާގެ އިގްތިސާދީ ނުވަތަ ސްޓްރެޓެޖީ މަސްލަހަތަކަށް ގޮންޖަހާ ކޮންމެ ސަރުކާރަކީ ވެސް ދުޝްމަނެކެވެ.
- 1960 ގެ އަހަރުތަކުގައި، ކިއުބާއަކީ އެމެރިކާގެ ފުރިހަމަ ދުޝްމަނަކަށް ވިއެވެ. 1961 ގެ "ބޭ އޮފް ޕިގްސް" ހަމަލާ ފޭލްވުމުން، ފިޑެލް ކަސްޓްރޯއަކީ ދާއިމީ ދުޝްމަނެއްގެ ގޮތުގައި ކަނޑައަޅައި، އެތައް އަހަރަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ.
- ދެކުނު އިރުމަތީ އޭޝިއާގައި، ވިއެޓްނާމް، ލާއޯސް، އަދި ކެމްބޯޑިއާ އަކީ ކޮމިއުނިޒަމްގެ "ޑޮމިނޯ" ތަކެއްގެ ގޮތުގައި ސިފަކޮށް، މިލިއަނުން މީހުން މަރައި، ގައުމުތައް ފުނޑުފުނޑުކުރިއެވެ.
ދުޝްމަނެއްގެ ވާހަކަ ނެތްނަމަ، މިފަދަ ބޮޑު ހަލާކެއް ގެނައުމަކީ ސިޔާސީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ.
1970 ގެ އަހަރުތަކުގައި އެމެރިކާގެ ދުޝްމަނުން އުފެއްދުމުގެ ސިޔާސަތުގެ މިސްރާބު ލެޓިން އެމެރިކާގެ ވާތު ފިޔައިގެ ހަރަކާތްތަކަށް ބަދަލުވިއެވެ.
- ޗިލީގެ 1973 ގެ ބަޣާވާތާއި، އާޖެންޓީނާގެ "ޑާރޓީ ވޯރ" ގައި އެމެރިކާއިން އަނިޔާވެރި ވެރިކަންތަކަށް އެހީވިއެވެ.
- 1980 ގައި ރޮނަލްޑް ރޭގަންގެ ވެރިކަމުގައި، ނިކަރާގުއާގެ ސެންޑިނިސްޓާ ސަރުކާރާއި، ގްރެނާޑާ އާއި، ޕެނަމާގެ މެނުއަލް ނޮރިއޭގާ ފަދަ ފަރާތްތައް ދުޝްމަނުންގެ ގޮތުގައި ދައްކައިގެން ހަނގުރާމަތައް ހިންގިއެވެ.
ސޯވިއެޓް ޔޫނިއަން ވެއްޓުމުން، އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ބޭނުންވާ "ދުޝްމަނަކު" ނެތުމުން، "ރޯގް ސްޓޭޓް" (ސަރުކާރުތައް) އުފެއްދިއެވެ؛ އޭގެ ތެރޭގައި އިރާގު، އީރާން، ލީބިޔާ، އަދި އުތުރު ކޮރެއާ ހިމެނެއެވެ.
9/11 އަށް ފަހު، ދުޝްމަނަކަށްވީ "އިސްލާމީ ޓެރަރިޒަމް" އެވެ. މިއީ ނިމުމެއް ނެތް، ފުޅާ، އަދި އާންމުންގެ ބިރުވެރިކަން ހޯދަން އެންމެ ފަސޭހަ އަމާޒެވެ.
2010 އަދި 2020 ގެ އަހަރުތަކުގައި، ޗައިނާ އާއި ރަޝިއާ އަކީ އަލުން އުފެދުނު އެމެރިކާގެ ބޮޑެތި ދުޝްމަނުންނެވެ.
އަސްލު ހަގީގަތަކީ، އެމެރިކާއަށް ދުޝްމަނުންނާ ލައިގަންނަނީކީ އެއް ނޫނެވެ. އެމެރިކާއިން ދުޝްމަނުން "އުފައްދަނީ"އެވެ.
މިއީ އެމެރިކާގެ އަސްކަރީ އުފެއްދުމާއި އިގްތިސާދީ ނިޒާމު ހިންގުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ. ދުޝްމަނެއް ނެތި، އެމެރިކާގެ ބާރުވެރިކަމުގެ ބަހަނާތައް ހުސްވެއެވެ. އެހެންކަމުން، ކޮންމެ ވެރިކަމަކާއި، ކޮންމެ ހަނގުރާމައަކާ އެކު، އާ ދުޝްމަނަކު އުފެއްދުން މިއީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ދާއިމީ ސިފައެކެވެ.


