މިއީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް ތައްޔާރުކޮށްފައިވާ 18 ސިލްސިލާ އެވެ. މި ސިލްސިލާގައި އެމެރިކާގެ ސިޔާސަތާއި ކަން ކުރާ ގޮތަށް ބަލާފައި ވާނެއެވެ.
އެތައް އަހަރެއް ވަންދެން އެމެރިކާ ވަނީ ޓެރަރިޒަމް މާނަކުރުމާއި، އެކަމާ ދެކޮޅަށް ހަނގުރާމަކުރުމާއި، އަދި އެކަންކަމަށް ފިޔަވަޅު އެޅުމުގެ ބައިނަލްއަގްވާމީ "ވެރިޔާ"ގެ މަގާމު ހޯދާފައެވެ. ނަމަވެސް، އެމެރިކާގެ އަމިއްލަ އަސްކަރީ ހަރަކާތްތަކުގެ ތެރެއިން ގިނަ އޮޕަރޭޝަންތަކެއް ކަމަށްވާ ސިއްރު ހަރަކާތްތަކާއި، އާންމު ހަރަކާތްތަކާއި، ހަނގުރާމައިގެ ސަރަހައްދުތަކުން ބޭރުގައި ހިންގާ ހަރަކާތްތައް މިއީ، ޓެރަރިޒަމްގެ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ކަންކަމެވެ.
އެއީ ޓެރަރިޒަމަކީ، ސިޔާސީ ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް އާންމުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމެވެ.
ތަފާތު ވަނީ އެ އަމަލު ހިންގާ ފަރާތެވެ. ދައުލަތް ނޫން ފަރާތްތަކުން މިކަން ކުރީމަ އެއީ "ޓެރަރިޒަމް" އެވެ. ނަމަވެސް ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުން މިކަން ކުރީމާ އެއީ "ދިފާއުވުން"، ސަލާމަށްޓަކައި ބިރު ދެއްކުން، ނުވަތަ "ޕްރިސައިޒް ސްޓްރައިކް" ކަމަށް ރީބްރޭންޑް ކުރެވެއެވެ.
ތާރީޚީ ރެކޯޑްތައް ސާފެވެ. 1968 ގައި، ލާއޯސްގައި އެމެރިކާގެ ސީއައިއޭ އިން ހިންގި ބޮން އެޅުމުގެ ކެމްޕޭނަކީ ތާރީޚުގައި އެއް ގައުމެއްގެ އާބާދީގެ ނިސްބަތުން އެންމެ ގިނައިން ބޮން އެޅި ހާދިސާއެވެ. އަވަށްތަކާއި، ދަނޑުބިންތަކާއި، ސްކޫލްތަކާއި، ފައްޅިތަކަށް އަމާޒުކޮށް ހަމަލާދިނެވެ. މި ހަމަލާތަކުގައި ބޭނުންކުރި އެތައް މިލިއަން ކްލަސްޓަރ ބޮންތަކެއް އަދިވެސް ނުގޮވައި ހުރުމުގެ ސަބަބުން، ހަނގުރާމަ ނިމުނުތާ އެތައް އަހަރެއް ފަހުން ވެސް ދަނޑުވެރިންނާއި ކުޑަކުދިން ދަނީ މަރުވަމުންނެވެ. ދައުލަތް ނޫން ގްރޫޕަކުން މިފަދަ އަމަލެއް ހިންގި ނަމަ، އެއީ ޓެރަރިޒަމެއްގެ ގޮތުގައި މުޅި ދުނިޔެ ގަބޫލުކުރީހެވެ.
1973 ގައި، ޗިލީގެ ރައީސް ސަލްވަޑޯ އައެންޑޭ ވެރިކަމުން ދުރުކުރަން އެމެރިކާ އެހީވީ، އެ ބަޣާވާތުގެ ސަބަބުން އާންމުންނަށް އަނިޔާވެރިކަން ކުރިމަތިވާނެކަން އެނގިތިބެއެވެ. ޕިނޯޝޭގެ ވެރިކަމުގައި ހިންގި ޖަރީމާތަކަށް އެމެރިކާގެ އިންޓެލިޖެންސްގެ އެހީތެރިކަން ލިބުނެވެ. 1980 ގައި ނިކަރާގުއާގައި "ކޮންޓްރާ" ހަނގުރާމަވެރިންނަށް ހަތިޔާރުދީ، އެމީހުން ލައްވާ އާންމުންނަށް ހަމަލާދިނެވެ. އެމީހުން މެރީ މުދައްރިސުންނާއި ޑޮކްޓަރުންނެވެ. އެކަމަކު އެމެރިކާގެ މަސްލަހަތު ހިމާޔަތްވާތީ، އެމީހުން ސިފަކުރީ "މިނިވަންކަމަށް މަސައްކަތްކުރާ ހަނގުރާމަވެރިން"ގެ ގޮތުގައެވެ.
9/11 އަށް ފަހު، މިކަން އިތުރަށް ގޯސްވިއެވެ. ޕާކިސްތާން، ޔަމަން، ސޯމާލިއާ، އަދި އަފްޣާނިސްތާނުގައި ޑްރޯން ހަމަލާތައް އަމާޒުވަނީ ކައިވެނިތަކަށާއި، ޖަނާޒާތަކަށާއި، އާންމުންގެ ގެދޮރަށެވެ. މީހުން އުޅެނީ ޑްރޯންގެ ސަބަބުން ބިރުވެރިކަމެއްގެ ތެރޭގައެވެ. މި ބިރުވެރިކަމާއި ނަފްސާނީ އަނިޔާއަކީ ޓެރަރިޒަމުން ހާސިލުކުރަން ބޭނުންވާ ކަންކަމާ އެއްވެސް ތަފާތެއް ނެތް ކަންކަމެވެ.
ހިރޯޝީމާ އާއި ނާގަސާކީއަށް އެޅި ބޮމަކީ ވެސް ހަމަ ޓެރަރިޒަމްގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސިޔާސީ ގޮތުން ކާމިޔާބު ހޯދަން އާންމުން މެރުމަކީ ޓެރަރިޒަމްގެ ފޮތުގައި އޮންނަ މާނައެވެ.
މީގެ އަސްލު މައްސަލައަކީ "ބަސްކޮށާރު"ގެ މައްސަލައެއް ނޫނެވެ. މިއީ "ބާރު"ގެ މައްސަލައެވެ. ޓެރަރިޒަމްގެ ލޭބަލް އިން ލޭބަލް ކޯށް ސިފަ ކުރަނީ ބަލިކަށި ފަރާތްތަކަށެވެ. އެމެރިކާއިން ޓެރަރިސްތް އަމަލެއް ހިންގައިފިނަމަ އެހަމަލާތަކުގެ ނަމަކީ "ޓެރަރިޒަމް" ކަމަށް ބުނާނެ ބައިނަލްއަގްވާމީ އެއްވެސް ފަރާތެއްގައި އެވަރުގެ ހިތްވަރެއް ނުވަތަ ބާރެއް ނެތެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހުގައި، މާނަތައް ބައްޓަންވަނީ އުސޫލުތަކަކަށް ނޫނެވެ. އެމާނަތައް ބައްޓަންވަނީ ބާރުވެރިކަމަށް ބަލައިގެންނެވެ. އެމެރިކާއިން އެމީހުންގެ އަމަލުތައް "ޓެރަރިޒަމް"ގެ މާނައިން ބޭރުކޮށްފައި އޮތީ އެމީހުންގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެންނެވެ.


