މިއީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް ތައްޔާރުކޮށްފައިވާ 18 ސިލްސިލާ އެވެ. މި ސިލްސިލާގައި އެމެރިކާގެ ސިޔާސަތާއި ކަން ކުރާ ގޮތަށް ބަލާފައި ވާނެއެވެ.
އޭޕެކް (American Israel Public Affairs Committee – AIPAC) އަކީ ވޮޝިންޓަންގައި އޮންނަ އެންމެ ބާރުގަދަ ލޮބީ ކުރުމުގެ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ނުފޫޒުގަދަ އެންމެ މުހިންމު ޖަމުއިއްޔާއެވެ. އެ ޖަމިއްޔާގެ ނުފޫޒަކީ ހަމައެކަނި ރަމްޒީ ކަމެއް ނޫނެވެ. އެއީ މާލީ ގޮތުންނާއި، އިންތިޚާބުތަކުގެ ތެރެއަށް ފުންކޮށް ވަދެފައިވާ ބައެކެވެ. އިންތިޚާބީ ކެމްޕޭންތަކަށް ފައިސާ ޚަރަދުކުރުމާއި، އެހީ ދޭ ވިއުގަތައް މެދުވެރިކޮށް، އޭޕެކް އިން ވަނީ އެތައް އަހަރެއް ވަންދެން ކޮންގްރެސްގެ ނިންމުންތަކަށް ނުފޫޒު ފޯރުވާފައެވެ. އެމީހުންގެ ލަނޑުދަނޑިއަކީ އިޒްރޭލަށް އެމެރިކާގެ އެހީތެރިކަން ހޯދައިދިނުން ކަމަށް ބުނި ނަމަވެސް، އޭޕެކްގެ މަސައްކަތުގެ ސަބަބުން މުސްލިމް މުޖުތަމައުތައް ބާކީކޮށް، މުސްލިމް ކެންޑިޑޭޓުންނާ މެދު ނުރަނގަޅު ތަސައްވުރު އުފައްދައި، މުސްލިމުންގެ ގައުމުތަކަކީ ނުރައްކަލެއް ކަމަށް ދައްކާ ސިޔާސަތުތައް ވަނީ ވަރުގަދަވެފައެވެ.
އޭޕެކްގެ މާލީ ބާރުވެރިކަން ވަރަށް ބޮޑެވެ. 2021 ވަނަ އަހަރު، އެ ޖަމިއްޔާއިން ދެ "ސުޕަރ ޕެކް" ކަމަށްވާ United Democracy Project އަދި AIPAC PAC އުފައްދައި، ކެންޑިޑޭޓުންނަށް ސީދާ ފައިސާ ދޭން ފެށިއެވެ. އޭގެ ނަތީޖާ ވަގުތުން ފެނުނެވެ.
-
2022 ގެ އިންތިޚާބު: އޭޕެކްއާ ގުޅުން ހުރި ގްރޫޕްތަކުން ޑިމޮކްރެޓިކް ޕްރައިމަރީތަކަށް އެކަނި ވެސް 30 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދުކުރިއެވެ.
-
2024 ގެ އިންތިޚާބު: ޖުމްލަ ޚަރަދު 40 މިލިއަން ޑޮލަރަށް ވުރެ މައްޗަށް ދިޔައެވެ.
މި ފައިސާ ޚަރަދުކުރަނީ ވަރަށް ސްޓްރެޓެޖިކްކޮށެވެ. އޭޕެކްއިން ތާއީދުކުރަނީ އިޒްރޭލުގެ ހަރުކަށި ސިޔާސަތުތަކަށް ތާއީދުކުރާ ކެންޑިޑޭޓުންނަށެވެ. އަދި އިޒްރޭލަށް ފާޑުކިޔާ ކެންޑިޑޭޓުން، ހާއްސަކޮށް މުސްލިމް އެމެރިކަން ކެންޑިޑޭޓުން ބަލިކުރަން މި ފައިސާ ބޭނުންކުރެއެވެ.
2022 ގައި ރާޝިދާ ތްލައިބް އަދި އިލްހާން އުމަރު ފަދަ ކެންޑިޑޭޓުންނާ ދެކޮޅަށް އޭޕެކްއިން ބޭނުންކުރީ އިސްލާމްފޯބިކް ވާހަކަތަކެވެ. އެމީހުންގެ ވަފާތެރިކަމާމެދު ސުވާލު އުފެއްދުމާއި، މުސްލިމަކަށް ވުމަކީ އެމެރިކާގެ މަސްލަހަތާ ފުށުއަރާ ކަމެއްގެ ގޮތުގައި ދައްކައިގެން ދެކޮޅަށް މަސައްކަތް ކުރިއެވެ.
މި މާލީ ފިއްތުންތައް ހަމައެކަނި އިންތިޚާބުތަކަކަށް ހަނި ނުވެއެވެ. 100،000 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ މި ނެޓްވޯކުން ކޮންގްރެސްގެ މެމްބަރުންގެ ސިޔާސަތުތައް ކޮންޓްރޯލްކުރެއެވެ.
- އީރާނާ ދެކޮޅަށް އެޅި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވާގިވެރިވާން އެންމެ ކުރީގައި އޮތީ އޭޕެކްއެވެ.
- ފަލަސްތީނުގެ ހައްގުގައި ކުރާ ކޮންމެ ކަމަކީ ހައްދުފަހަނަޅާފައިވާ ކަމެއްގެ ގޮތުގައި ސިފަކޮށް، އެމެރިކާގެ 35 ސްޓޭޓެއްގައި އިޒްރޭލަށް އެހީދޭ ވާގިވެރިވާ ކުންފުނިތަކުގެ މުދާ ބޮއިކޮޓް ކުރުމާ ދެކޮޅަށް ގާނޫނުތައް ހެދުމަށް ވަނީ ތާއީދުކޮށްފައެވެ.
އެމެރިކާގެމަސަނީ ހައްގަށް މަސައްކަތް ކުރާ ސިވިލް ލިބަޓީ ޔޫނިއަން އާއި މުސްލިމުންގެ ހައްގަށް މަސައްކަތް ކުރާ ކެއަރ ފަދަ މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އިންޒާރުދެނީ، އޭޕެކްގެ މި އެޖެންޑާގެ ސަބަބުން އެމެރިކާގައި މުސްލިމުންނާ މެދު ޝައްކުކުރުމުގެ ވިސްނުން ވަރުގަދަވާ ކަމަށެވެ.
އޭޕެކްއިން ބުނަނީ އެމީހުންގެ މަގުސަދަކީ އިޒްރޭލަށް ތާއީދުކުރުން ކަމަށެވެ. ނަމަވެސް، އެ ޖަމިއްޔާއިން އުފައްދާ ސިޔާސީ މާހައުލަކީ މުސްލިމް ގައުމުތަކަކީ ނުރައްކަލެއް ކަމަށް ދައްކައި، މުސްލިމުންގެ އަޑު ކަނޑުވާލާ މާހައުލެކެވެ. އޭޕެކްގެ ނުފޫޒަކީ އެމެރިކާގެ ސިޔާސީ މައިދާނުގައި މުސްލިމުންނާމެދު އަމަލުކުރާ ގޮތް ބައްޓަންކުރާ އެއް ސަބަބެވެ.


