މުސްލިމުންގެ އޮޑިފަހަރާ ދެކޮޅަށް އެމެރިކާއިން މެޑިޓެރޭނިއަން ކަނޑުގައި ބާރު ދައްކަން މަސައްކަތް ކުރިއެވެ. އެއީ 1803 ވަނަ އަހަރެވެ. މުސްލިމުންގެ އޮޑިފަހަރާ ދިމާއަށް އެމެރިކާއިން ފޮނުވީ، 36 ބޮޑުބަޑިން ހަތިޔާރު އަޅާފައިވާ އެމެރިކާގެ އަސްކަރީ މަނަވަރު "ޔޫ.އެސް.އެސް ފިލަޑެލްފިއާ" އެވެ. 31 އޮކްޓޫބަރު 1803 ގައި މުސްލިމުން މި މަނަވަރު ކަލިއޫސާ ފަރުމައްޗަށް ފައްތާލިއެވެ. އަދި ލީބިޔާގެ ޠަރާބުލުސްގެ މުޖާހިދުން ފައްތާލި މި މަނަވަރަށް ގަދަވެގަނެ، އެމެރިކާގެ މަނަވަރު ވަށައިލިއެވެ. އަދި އޭގެ ކައްޕިތާނު ވިލިއަމް ބެއިންބްރިޖް އާއެކު 300 އަށްވުރެ ގިނަ އެމެރިކާ ކަލާސީން އަސީރުކޮށް، ހަނގުރާމައިގެ ޣަނީމާއެއްގެ ގޮތުގައި އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ.
މި ލަދުވެތި ނާކާމިޔާބީގެ ސަބަބުން، އެމެރިކާއަށް މަޖުބޫރުވީ ސިއްރު އަދި ނުރައްކާތެރި އޮޕަރޭޝަނެއް ހިންގުމަށެވެ. އެމީހުންގެ މަނަވަރު އަނބުރާ އަތުލުމުގެ ކުޅަދާނަކަން ނެތުމުން، އެމެރިކާ ސިފައިން ރޭގަނޑުގެ ކަނު އަނދިރީގައި ސިއްރުން ބަނދަރަށް ވަދެ "ފިލަޑެލްފިއާ" މަނަވަރުގައި އަލިފާން ރޯކޮށްލިއެވެ. އެއާ ގުޅިގެން އަސީރުންގެ ގޮތުގައި ގެންދިޔަ އެމެރިކާގެ ސިފައިން އެއް އަހަރަށްވުރެ ގިނަ ދުވަސްވަންދެން ޠަރާބުލުސްގެ ބަންދުކޮށްފައި ބޭތިއްބިއެވެ. މިއީ މެޑިޓެރޭނިއަން ކަނޑުގައި މުސްލިމުން އެމެރިކާއަށް ދަސްކޮށްދިން ފުރަތަމަ ފިލާވަލެވެ.
މި ކާމިޔާބީގެ އަސަރު ދެނެގަތުމަށްޓަކައި، ތަރާބުލުސްގެ އައްސަރާއީ އަލްޙަމްރާ ގެ ރަތް ކިއްލާގެ އުސް ބުރުޒުތަކުން ބޭރަށް ނަޒަރު ހިންގާލަންޖެހެއެވެ. 1803ގައި، މެޑިޓެރޭނިއަން ކަނޑަކީ އަލަށް އުފެދެމުން އައި ހުޅަނގުގެ އިސްތިއުމާރީ ބާރުތަކަށް ކުޅޭކުޅޭ ތަނެއް ނޫނެވެ. އެއީ މިނިވަން އަދި ފަޚުރުވެރި އިސްލާމީ ދައުލަތެއް ކަމުގައި ބެލެވުނު ކަރަމަންލީ ދަރިކޮޅުގެ ކާބަފައިންގެ ވެރިކަން ކުރި އަމިއްލަ ސަރަހައްދެކެވެ.
އެތައް ގަރުނެއްވަންދެން، އުތުރު އެފްރިކާގެ ދައުލަތްތަކުން ދިޔައީ ކަނޑުގެ ބޯޑަރުތައް ބަލަހައްޓައި، އާންމު އުސޫލުތަކުގެ މަތިން ކަސްޓަމްސްގެ ނިޒާމު ހިންގަމުންނެވެ. ވިލާތުގެ ބޮޑެތި ބާރުތަކުންވެސް އެމީހުންގެ ވިޔަފާރި އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެކަމުގެ ކަށަވަރުކަން ހޯދުމަށްޓަކައި، ގަވާއިދުން މުސްލިމު ސަރުކާރުތަކަށް ފީތައް ދެމުންދިޔައެވެ.
ނަމަވެސް، އެޓްލާންޓިކް ކަނޑުގެ އަނެއް ފަރާތުން އައި، ތޯމަސް ޖެފަރސަންގެ ވެރިކަމުގެ ދަށުގައި އޮތް އަލަށް އުފެދުނު އެމެރިކާ ނަމަކަށް ކިޔާ ޒުވާން އަދި އަނިޔާވެރި ޖުމްހޫރިއްޔާއިން ބޭނުންވީ، މެޑިޓެރޭނިއަން ކަނޑުގައި ގާއިމުވެފައިވާ ގާނޫނީ އުސޫލުތައް އަސްކަރީ ބާރުގެ ބޭނުންކޮށްގެން މުގުރާލާށެވެ. ޒަމާނުއްސުރެ ހިނގަމުން އައި މުއާހަދާތަކަށް އިހުތިރާމްކުރުމަށް އިންކާރުކޮށް، އެމެރިކާއިން ބޮޑުބަޑީގެ ބާރުން އެމީހުންގެ އެދުންތައް މުސްލިމުންނަށް މަޖުބޫރުކުރުވުމަށްޓަކައި ކަނޑުގެ އަސްކަރީ ލަޝްކަރެއް ފޮނުވިއެވެ. މިއީ ހަގީގަތުގައި އެ ސަރަހައްދުގެ މުސްލިމް އާބާދީއާ ދެކޮޅަށް ފެށި ކަނޑުމަތީގެ ނާމާން ކެމްޕޭނެކެވެ.
"ޔޫ.އެސް.އެސް ފިލަޑެލްފިއާ" ޠަރާބުލުސް ބަނދަރުގެ ރީތި ނޫކުލައިގެ ފެނުގެ ތެރެއަށް ވަދެގެން އައީ، އަރައިގަންނަ ބާރެއްގެ ކިބައިގައި ހުންނަ ފަދަ ބޮޑާކަމަކާއެކުއެވެ. ކެޕްޓަން ބެއިންބްރިޖް ހީކުރީ އޭނާގެ އެ ބޮޑު، ޒަމާނީ މަނަވަރުގެ ބާރުގައި އެ ސަރަހައްދުގެ އުޅަނދުތަކަށް ބިރުދައްކައި، އެއްވެސް ހުރަހެއް ނެތި އުޅެވޭނެ ކަމަށެވެ.
ނަމަވެސް، އެ ބަނދަރު ވެގެންދިޔައީ އޭގެ އަހުލުވެރިންގެ ދިފާއީ އައްޑަނަޔަކަށެވެ. އެމެރިކާގެ އެ ބިޔަ މަނަވަރު ކަލިއޫސާ ފަރުގެ ފޮރުވިފައިވާ ތޫނު މުރަކަތަކުގައި ޖެހި އުރުނު ހިނދު އަދުލުވެރިކަމުގެ ތިލަފަތް ވަގުތުން ހަމަހަމަވެގެންދިޔައެވެ.
އެމެރިކާގެ ފަޅުވެރިން މަނަވަރު ލުއިކުރުމަށްޓަކައި އޭގެ ބަރު ބޮޑުބަޑިތައް ކަނޑަށް އުކަމުން ދިޔަ އެވެ. ޠަރާބުލުސްގެ އައްސޭރިފަށުގެ ހެވިންނާއި ނެވިން އަދި ކަނޑުގެ ލަޝްކަރުތަކުން ހުޝިޔާރުކަމަކާއެކު ސުންގަޑިއަކަށް، ތައްޔާރު ވަމުން ދިޔައެވެ. ވަގުތު ޖެހުމުން މުޖާހިދުން "ފިލަޑެލްފިއާ" މަނަވަރަށް އަރައި، އެ މަނަވަރު އެމީހުންގެ ބާރުގެ ދަށަށް ގެނައި ގޮތަކީ ހަލުވި އަދި ދިފާއީ ހަނގުރާމައިގެ ފުރިހަމަ މިސާލެކެވެ. އެއާއެކު ޠަރާބުލުސްގއި ހުރި އެމެރިކާގެ ކޮންސިއުލޭޓުގެ ދިދަ ބާލައި ދިދަ ދަނޑިވެސް ބިންދާލި އެވެ. އެމެރިކާގައި އަލަށް އުފެއްދި ކަނޑުގެ ސިފައިން އަމާންދިނުމަަކީ ވޮޝިންގޓަނަށް ބޮޑު ސިހުމެއް ލިބުނު ކަމެކެވެ.
އެމެރިކާގެ 307 ސިފައިން ހައްޔަރުކުރެވުމުން އެމެރިކާގެ ރައީސް ޖެފަރސަންގެ ކަނޑުގެ ސްޓްރެޓެޖީ އެއްކޮށް ހުއްޓުމަކަށް އައީއެވެ. އަދި އަންއެތައް މަހެއްވަންދެން، ޠަރާބުލުސް މީހުން ފިލަޑެލްފިއާ މަރާމާތުކޮށްގެން ބޭނުން ކުރިއެވެ. ނަމަވެސް ޖެނިގެން އައި އަހަރުގެ ފެބްރުއަރީ މަހު 1804 ގައި އެމެރިކާގެ ކޮމާންޑޯއިން ވިޔަފާރި އުޅަނދެއްގެ ގޮތުގައި ޠަރާބުލުސްއަށް އައިސް ފިލަޑެލްފިއާ މަނަވަރު އަންދާލިއެވެ.
އެމެރިކާގެ ކަނޑުފޭރޭ މީހުން އެ މަނަވަރު އަންދާލި ނަމަވެސް ޠަރާބުލުސް ގުޑުވައެއް ނުލެވުނެވެ. އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން، އެ ސަރަހައްދުގެ ވެރިޔާ ޔޫސުފް ކަރަމަންލީ، އަސިރުންގެ ގޮތުގައި ހިފެހެއްޓި އެމެރިކާ ސިފައިން ބޭނުންކުރެއްވީ ސިޔާސީ އައްޑަނައެއްގެ ގޮތުގައެވެ. މީގެ ސަބަބުން އެމެރިކާއަށް ޠަރާބުލުސްއަށް އިތުރަށް ހަމަލަދޭން ކުރި ހުރިހާ މަސައްކަތެއް އެއްކޮށް ނާކާމިޔާބުވިއެވެ.
އެންމެ ފަހުން 1805 ގައި އެމެރިކާގެ ޑިޕްލޮމެޓުން ސުލްހައަށް އެދި އާދޭސްކުރި އެވެ. އަދި އެމެރިކާ ސިފައިން މިނިވަންކުރުމަށްޓަކައި 60،000 އެމެރިކާ ޑޮލަރުގެ ފިދުޔައެއް ދިނެވެ.
މިއީ އެމެރިކާއިން އަލަށް ބާރުވެރިވަމުން އައި އިރު މުސްލިމުންނާ ކުރިމަތިލައި ހިންގި ފުރަތަމަ އުދުވާނީ އަމަލު ތާރީޚުން ކިޔައި ދޭ ގޮތެވެ!



