އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދުލުން ބޭރުވަމުންދާ ބަސްމަގުން ދޭހަވަނީ އިންތިހާއަށް ކިބުރުވެރިކަމާއި ބޮޑާކަމެވެ. އެމެރިކާ އުފެދުނުތާ 250 އަހަރު ފުރުނު މުނާސަބަތުގައި، ތާރީޚީ "މައުންޓް ރަޝްމޯރ" ގައި ހުންނަވައިގެން ޓްރަމްޕް ދެއްވި ތަޤުރީރުގައި، ދުނިޔޭގެ އެންމެ ދުވަސްވީ އެއް ޙަޟާރާ ކަމަށްވާ އީރާނާ މުޚާޠަބުކޮށް ވިދާޅުވި ވާހަކަފުޅަކީ އޭނާގެ ހިތުގައި ހުރި ބޮޑާކަމާއި ކިބުރުވެރިކަން ހާމަވެގެންދިޔަ ކަމެކެވެ.
ދެވަނަ އާދު ބާގައިގެ ރައީސް، އީރާނުގެ ރޫޙާނީ ލީދަރު، އަލީ ޚާމަނާއީގެ ޖަނާޒާ ރަސްމީކޮށް ފެށުމާ ގުޅިގެން ވިދާޅުވަނީ އީރާނަށް ޖަނާޒާ ބޭއްވުމަށްޓަކައި އެމެރިކާއިން އެއް ހަފްތާގެ މުއްދަތެއް "ހަދިޔާކޮށްފައިވާ" ކަމަށެވެ. "އަހަރެމެންނަކީ ދޫދޭ، ހިތްހެޔޮ ބަޔަކަށްވާތީ އެމީހުންނަށް ޖަނާޒާ ބާއްވަން ހަފްތާއެއް ދިނީ،" ފިރުއައުނު އޭނާގެ އައުވާނުންނަށް ބުނިހެން ބޮޑާކަމާއެކު ޓްރަމްޕް ބުންޏެވެ! މި ދެވަނަ އާދު ބާގައިގެ ބޮޑު މީހާ މިއީ ހަމަ މޮޔައެއް ބާވައޭ އީރާނު މީޑިއާއިންވެސް ސުއާލު ކުރެއެވެ!
ސޮލީބީ ސަހުޔޫނީ އުދުވާނީ ވައިގެ ޙަމަލާތަކެއްގައި، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުޝަހީދުކޮށްލި އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް އީރާނުގެ ވެރިރަށް ތެހެރާނުގައި ހޮނިހިރު ދުވަހު ވަނީ ފަށާފައެވެ. ބިއްލޫރި ކޮށްޓެއްގެ ތެރޭގައި، އީރާނުގެ ދިދަ އޮޅާފައިވާ ޚާމަނާއީގެ ސަންދޯއް ކައިރިއަށް އެތައް ހާސް ބަޔަކު ވަނީ އެއްވެފައެވެ. އީރާނުގެ ލީޑަރު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު، އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައެވެ. މި ޖަނާޒާގެ ހަރަކާތްތައް ޤުމް، މަޝްހަދު އަދި ޢިރާޤުގައި ކުރިއަށްދާނެއެވެ.
ހޮޅި ހޮއްލަމުން ޓްރަމްޕް ބުނަނީ އެމެރިކާއިން ދިން ވަރުގަދަ ޙަމަލާތަކުގެ ސަބަބުން އީރާނަށް ވަނީ ވަރަށް ބޮޑު ލޮޅުމެއް އަރާފައެވެ. އަދި އެމެރިކާއިން ބޭނުންވާ ހުރިހާ ޝަރުޠުތަކަކަށް އީރާނުން މިހާރު އެއްބަސްވެފައިވާ ކަމަށް ވެސް އޭނާ ދަޢުވާކުރެއެވެ. އީރާނުން ގިއްގަޅުވާލުމުން އެކަމުގެ ބަލި ފޮރުވުމަށް ޓްރަމްޕަކީ ގޮދު ވާހަކަ ދައްކައިގެން އޭނާގެ ރައްޔިތުން ވާވައްދާ މީހެކެވެ! ތާރީޚުން ފެންނަ މިފަދަ އަނެއް މިސާލަކީ ފިރުއައުނެވެ!
އީރާނުގެ ރައްޔިތުންނާއި އެ ގައުމުގެ އަގު ވައްޓާލުމަށް އަމިއްލަ ޕްރޮޕެގެންޑާގައި ޓްރަމްޕް ބުނަމުން ދިޔައީ، "އެމީހުންގެ އަތުގައި ފައިސާއެއް ނެތް. ކާނެ އެއްޗެއް ނެތް! އަހަރަމެން އެމެރިކާ ދަނޑުވެރިން އަތުން އެމީހުންނަށް ކާނާ ހޯދައި ދޭނީ" މި ވާހަކަ މި ދައްކާ މީހާގެ ގައުމުގެ ފަގީރު މީހުން ނިދަނީ މަގުމަތީގައެވެ. ބޭސް ފަރުވާއަށް ސަލާން ޖަހައިގެންވެސް އެމީހުންނަށް އެހީއެއް ނުލިބެއެވެ.
ދެވަނަ އާދު ބާގައިގެ ރައީސްގެ މި ބޮޑާ ކިބުރުވެރި ވާހަކަތަކާ ގުޅިގެން، އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ، އިރާނަކީ އަހުދާއި ވައުދު ފުއްދާ ގައުމެއްކަން ތާރީޚަށް ސާބިތުކޮށްދީފައި ވާނެ ކަމަށެވެ. އަދި އެމެރިކާއާއެކު ވެފައިވާ ފަހުމުނާމާގެ 14 މާއްދާއަށް އީރާނުން އިހުތިރާމް ކުރާނެ ކަމަށެވެ. ނަމަވެސް، އެމެރިކާއިން އެއާ ޚިލާފަށް އެހެން ގޮތަކަށް ޢަމަލުކޮށްފި ނަމަ، އީރާނުން މުޅި ބާރާއެކު އެމެރިކާއާ ކުރިމަތިލާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ. އަދި ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ މަރުކަޒުތަކާއި ރޭޑާ ސިސްޓަމްތައް އީރާނުން ފިހެލިގޮތް ހަނދާކުރުމަށްވެސް އޭނާ ޓްރަމްޕަށް ގޮވާލެއްވިއެވެ.
250 އަހަރުވީ ދައުލަތެއްގެ ވެރިއަކު، ދުނިޔޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ދުވަސްވީ އެއް ޙަޟާރާއަށް "ހަފްތާއެއްގެ ސުންގަޑި" ދިނުމުން، އެނގެނީ މިއީ ސިޔާސީ ހަރުދަނާކަމެއް ނެތް، ބޯ ބުރާންތި ކިބުރުވެރިކަމުން ފުރިގެންވާ މޮޔައެއް ކަމެވެ!



