ދުނިޔޭގެ ސިޔާސީ މަސްރަހު ފެބްރުއަރީ މަހުން ފެށިގެން ހަލަބޮލިވެފައިވާއިރު، މި ހަފްތާ ބަންދުގައި ތެހެރާނާއި ވޮޝިންގޓަނުން މި ފެންނަނީ މުޅިން ތަފާތު ދެ މަންޒަރެކެވެ. އެމެރިކާއާއި އިސްރާއީލުގެ އުދުވާނީ ވައިގެ ޙަމަލާތަކެއްގައި ޝަހީދުކުރި އީރާނުގެ ލީދަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތު ތެހެރާނުގައި ފެށިގެންދިޔައީ މުޅި ޤައުމު ރޮއްވާލި ބަދަހި އެއްބައިވަންތަކަމެއްގެ ރޫޙެކެވެ.
10 މިލިއަން މީހުންގެ އެއްވުމެކެވެ. 18 ހާސް މީޑިއާގެ ކަވަރޭޖެވެ! މިއީ މިހާތަނަށް ދުނިޔޭގެ ރެކޯޑެވެ!
ހަމައެއާއެކު، އެމެރިކާގެ 250 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވެވި ހަރަކާތްތައް ފެނުނީ ވަޅޯ އަދި އޭނާގެ އަމިއްލަ ސިޔާސީ މަންފާއާއި، ޤައުމު ބައިބައިކޮށްލި ހަރުކަށި ބަސްމަގު ފެނުނު ވަޅޯ ޖަލްސާއަކަށެވެ.
ތެހެރާނުގެ އިމާމް ޚުމައިނީ މުޞައްލާ ސަރަޙައްދަށް މިލިއަނުން ރައްޔިތުން އެއްވީ އެއްވެސް މަޖުބޫރުކަމެއް ނެތި، އެމީހުންގެ ލީޑަރަށް އޮތް ލޯތްބާއި އިޙްތިރާމް ދެއްކުމަށެވެ. ކަޅު ހެދުމުގައި ތިބި އާންމުން، ދުނިޔޭގެ އެންމެ ދުވަސްވީ އެއް ޙަޟާރާގެ ސަގާފީ ރޫޙުގައި، އީރާނުގެ ސިޔާދަތު ދިފާޢުކުރުމަށް އަޒުމް ކަނޑައަޅައި ހިތާމަ ފާޅުކުރަމުންދިޔައެވެ.





އަނެއްކޮޅުން، އެމެރިކާގެ މިނިވަންދުވަހާ ދިމާކޮށް "މައުންޓް ރަޝްމޯރ" ސަރަޙައްދަށް އެއްވި ޓްރަމްޕްގެ ސަޕޯޓަރުންގެ މެދުގައި ފެނުނީ ހަމައެކަނި ނަސްލީ ތަފާތުކުރުމާއި ސިޔާސީ ފިިކުރެއް ކުރިއެރުވުމުގެ ރޫޙެކެވެ. މުޅި ޤައުމުގެ އެއްބައިވަންތަކަން ދައްކަންޖެހޭ ދުވަހު، އެމެރިކާގެ ރައްޔިތުން ތިބީ އިންތިހާއަށް ބައިބައިވެ، ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކާމެދު ކަންބޮޑުވުން ފާޅުކުރާ ހާލެއްގައެވެ.
ޚާމަނާއީގެ ޖަނާޒާއަށް ދުނިޔޭގެ ނުފޫޒުގަދަ ބާރުތަކުން ވަނީ މަތީ ފަންތީގެ ވަފުދުތައް ފޮނުވާފައެވެ. ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް، ޗައިނާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، އިރާޤުގެ ރައީސް، އަދި ސައުދީ ޢަރަބިއްޔާގެ ރަސްމީ ވަފުދެއް ވެސް ތެހެރާނަށް ވަޑައިގެން އީރާނާއެކު ސާބިތުވެ ތިއްބެވިކަން ހާމަކުރެއްވިއެވެ. މިއީ ބައިނަލްއަޤްވާމީ މައިދާނުގައި އީރާނަށް އޮތް އިޙްތިރާމް ދޭހަކޮށްދޭ ކަމެކެވެ.
މިއާ ޚިލާފަށް، ޓްރަމްޕްގެ ހަރަކާތްތަކުން ފެނުނީ އެމެރިކާ ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވަމުންދާ މަންޒަރެވެ. ބޭރުގެ ޤައުމުތަކުގެ އެއްބާރުލުމެއް ނެތި، ޓްރަމްޕްގެ ހުރިހާ ވެސް އަމާޒަކީ އަމިއްލަ ޤައުމުގެ އެތެރޭގައި ސިޔާސީ ބާރުވެރިކަން ދަމަހައްޓައި ބޮޑާކަން ދެއްކުމެވެ.
އީރާނުގެ ލީޑަރުން ޖަނާޒާގެ ހަވާސާގައި ޑިޕްލޮމެޓިކް އަދަބާ އެއްގޮތަށް ވާހަކަދައްކަވަމުން އިސްކަންދެއްވީ ސަރަޙައްދީ ހަމަޖެހުމަށާއި، ޤައުމީ އަބުރަށެވެ. ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ އީރާނުން ސުލްހައިގެ އެއްބަސްވުންތަކަށް އިޙްތިރާމްކުރާނެ ކަމަށެވެ. މީޑިއާ ވެސް ރިޕޯޓުކުރީ އީރާނުގެ ސާބިތުކަމާއި ރައްޔިތުންގެ ކެތްތެރިކަމެވެ.
ނަމަވެސް، ޓްރަމްޕްގެ ބަސްމަގުން ފެނުނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އޭނާ ވިދާޅުވީ، "އަހަރެމެން ހިތްހެޔޮކަމުން އީރާނަށް ޖަނާޒާ ބާއްވަން ހަފްތާއެއް ދިނީ" ކަމަށެވެ. މީގެ އިތުރުން މިނިވަންދުވަހުގެ ތަޤުރީރުގައި އަމިއްލަ ޤައުމުގެ ރައްޔިތުންނަށް "ކޮމިއުނިސްޓް ނުރައްކާ" އޮތް ކަމަށް ބުނެ އޭނާގެ ވާދަވެރިންނާ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ޙަމަލާދެއްވިއެވެ. ދަ ގާޑިއަން ފަދަ ބައިނަލްއަޤްވާމީ މީޑިއާއިން ފާހަގަކުރި ގޮތުގައި، ޓްރަމްޕް ވަނީ އެމެރިކާގެ 250 ވަނަ އުފަންދުވަސް "ހައިޖެކް" ކޮށް، އެއީ ހަމައެކަނި އޭނާގެ ބޮޑާކަން ދައްކާ އަމިއްލަ އިޝްތިހާރަކަށް ހައްދަވާފައެވެ.
މި ދެ ގައުމުން ފެނިގެްނ ދާ މި ދެ މަންޒަރުން ދޭހަވަނީ، އީރާނުން ދެއްކީ ޙަޟާރީ މުއްސަނދިކަމާއި ޤައުމީ އެއްބައިވަންތަކަން ކަމެވެ. އަދުި އެއާ ޚިލާފަށް، އެމެރިކާގެ ވެރިޔާގެ ކިބުރުވެރިކަމުގެ ސަބަބުން އެ ޤައުމުގެ މަގުފޭރޭ ސިޔާސަތު ހާމަވިއެވެ.




