އިންޑިއާގައި ކެންސަރަށް އާ އިންގިލާބެއް: އެންމެ ލޭ ތިއްކަކުން 10 ވައްތަރުގެ ކެންސަރު ސްކްރީން ކުރަނީ

ކެންސަރު ބައްޔަކީ އޭގެ ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ ފަރުވާ ކުރުމުގެ ފުރުސަތު ބޮޑު ބައްޔެކެވެ. ނަމަވެސް ގިނަ ފަހަރަށް މި ބަލި ދެނެގަނެވެނީ މާ ލަސްވެ، ބަލި ހަށިގަނޑުގެ އެކި ހިސާބުތަކަށް ފެތުރޭ ފަހުންނެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އިންޑިއާގައި މުޅިން އާ ޓެކްނޮލޮޖީއެއް، ޝީލްޑް މަލްޓި-ކެންސަރު ޑިޓެކްޝަން ޓެސްޓު އިންޑިއާއިން ތައާރަފުކޮށްފިއެވެ.

އަހްމަދާބާދުގެ "ޒައިޑަސް ލައިފް ސައިންސަސް" އާއި "އެޕޯލޯ ހޮސްޕިޓަލްސް" ގުޅިގެން މިހާރު މިވަނީ އާންމުންނަށް މި ހިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ. މިއީ އެމެރިކާގެ ގާޑަންޓް ހެލްތު އިން އުފައްދާފައިވާ ޓެކްނޮލޮޖީއެކެވެ.

މިއީ އާދައިގެ ލޭގެ ޓެސްޓެކެވެ. ހަށިގަނޑުގައި ކެންސަރު ސެލްތައް އުފެދުމުން، އެ ސެލްތަކުން ލޭގެ ތެރެއަށް ދޫކުރާ ޑީއެންއޭގެ ކުދިކުދި އެތިކޮޅުތައް މި ޓެސްޓުން ދެނެގަނެއެވެ. ޒަމާނީ އަލްގޮރިދަމް ބޭނުންކޮށްގެން، މި ޓެސްޓުން ބަލިމީހާގެ ހަށިގަނޑުގައި ކެންސަރުގެ އަސަރު ހުރިތޯ ބަލައި، އެއީ ކޮން ގުނަވަނަކުން ފެށިފައިވާ ކެންސަރެއްކަން ވެސް ގާތްގަނޑަކަށް ދެނެގަނެވޭނެއެވެ.

މި ޓެސްޓުން 10 ވައްތަރެއްގެ ކެންސަރު ސްކްރީން ކުރެއެވެ. އޭގެ ތެރޭގައި:

  • ބޮޑު ގޮހޮރުގެ ކެންސަރު
  • ފުއްޕާމޭ
  • ކިޑްނީ/ބްލެޑާ
  • ޕޭންކްރިއާސް
  • ފުރަމޭ، އުރަމަތި އަދި މައިދާގެ ކެންސަރު ވެސް ހިމެނެއެވެ.

މި ޓެސްޓުގެ ސަބަބުން ކެންސަރު އަވަހަށް ދެނެގަތުމަށް ބޮޑު ފަސޭހައެއް ލިބުނަސް، މިއީ މިހާރު ހުރި ސްކްރީނިންގް އުސޫލުތަކުގެ ބަދަލެއް ނޫން ކަމަށް ޑޮކްޓަރުން ފާހަގަކުރެއެވެ. "މި ޓެސްޓުން ޕޮޒިޓިވް ވިޔަސް، އޭގެ މާނައަކީ ޔަގީނުންވެސް ކެންސަރު ހުރީއެއް ނޫން. އަދި ނެގެޓިވް ވިޔަސް، ކެންސަރު ނެތީއޭ ވެސް ނު ބުނެވޭނެ،" ކެންސަރު ދިރާސާކުރާ ޑޮކްޓަރުން އިންޒާރު ދެއެވެ. މިއީ ހަމައެކަނި އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމަށް ބޭނުންކުރާ ސަޕްލިމެންޓަރީ ވަސީލަތެކެވެ. އެހެންކަމުން، ބަޔޮޕްސީ އާއި އެހެނިހެން ސިއްހީ ޓެސްޓުތަކުގެ ބޭނުން އަދިވެސް ކެންސަރު ކަށަވަރު ކުރުމަށް އޮންނާނެއެވެ.

އިންޑިއާގައި 2022 ވަނަ އަހަރު އެކަނި ވެސް 1.4 މިލިއަނަށްވުރެ ގިނަ މީހުންނަށް ކެންސަރު ޖެހިފައިވެއެވެ. އާބާދީ ބޮޑު، ތަފާތު ޖެނެޓިކް ހާލަތްތައް ހުންނަ އިންޑިއާ ފަދަ ގައުމަކަށް މިފަދަ ޓެސްޓުތަކަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެޕޯލޯ ހޮސްޕިޓަލްސްގެ ޗެއާމަން ޑރ. ޕްރަތާޕް ސީ. ރެއްޑީ ވިދާޅުވިއެވެ.

މި ޓެސްޓަކީ އުމުރުން 45 އަހަރުން މަތީގެ، މެދުމިނުގެ ރިސްކު ހުންނަ މީހުންނަށް އަމާޒުކޮށްގެން ފަށާފައިވާ ހިދުމަތެކެވެ. މި ޓެސްޓުގެ އަގު އަދި ރަސްމީކޮށް އިއުލާން ކޮށްފައި ނުވި ނަމަވެސް، މިއީ އިންޑިއާގެ ސިއްހީ ދާއިރާގައި ކެންސަރު ބަލި ދެނެގަތުމަށް އެޅުނު އެންމެ ފަހުގެ އަދި އެންމެ ޒަމާނީ އެއް ފިޔަވަޅެވެ.

ހިއްސާ ކުރައްވާ!