އެމެރިކާގެ މިނިވަންކަމުގެ 250 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، އެ ގައުމުގެ މިނިވަންކަމުގެ ވާހަކަ ކިޔައިދޭއިރު އާންމުކޮށް ފެންނަނީ ޖޯޖް ވޮޝިންގްޓަންގެ ނަމެވެ. ނަމަވެސް، ފިލަޑެލްފިއާގެ މަގުތަކުގައި 18 ވަނަ ގަރުނުގެ ފަހުކޮޅު ގުގުމަމުން ދިޔައީ އިންޑިއާގެ ދެކުނުގެ ރަސްކަލެއްގެ ނަމެވެ. "އަހަރެމެންގެ ހައިދަރު އަލީގެ ނަމުގައި ހަނގުރާމައަށް ނިކުންނާށެވެ!" މިއީ އެމެރިކާގެ މިނިވަންކަމުގެ ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގެ ސިފައިންނާއި އާންމުން އެއްވެ، ހައިދަރު އަލީގެ ހިތްވަރަށް ތައުރީފުކޮށް ކިޔަމުން ދިޔަ ޅެންތަކެވެ.
އެމެރިކާގެ މިނިވަންކަމުގެ ހަނގުރާމައަކީ ހަމައެކަނި އުތުރު އެމެރިކާގެ ބިމުގައި ހިނގި ކަމެއް ނޫނެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިނގިރޭސިންގެ އިސްތިއުމާރީ ބާރާ ދެކޮޅަށް ހިނގި ބޮޑު ހަނގުރާމައިގެ އެއް ބައެވެ.
އެމެރިކާގައި ޖޯޖް ވޮޝިންގްޓަން އިނގިރޭސި ސިފައިންނާ ހަނގުރާމަކުރަމުން ދިޔައިރު، އިންޑިއާގެ މައިސޫރުގައި ހައިދަރު އަލީ އާއި އޭނާގެ ދަރިކަލުން ޓިޕޫ ސުލްތާން ދިޔައީ ހަމަ އެ އިނގިރޭސި އީސްޓް އިންޑިއާ ކުންފުންޏާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ޖޯޖު ވޮޝިންގްޓަން އާއި ހައިދަރު އަލީ ދުވަހަކުވެސް ބައްދަލުވެފައި ނުވި ނަމަވެސް، އެ ދެ ހަނގުރާމައަކީ އިނގިރޭސި ރަސްކަމުގެ ބާރު ކުޑަކުރުމަށް އެއް ފަހަރާ ދެ ފްރޮންޓެއްގައި ގެންގުޅުނު ރޭވުމެކެވެ.
އިނގިރޭސިންނަށް އެއްފަހަރާ ދެތަނެއްގައި ބޮޑު ހަނގުރާމައެއް ކުރަން ޖެހުމުން، އެމީހުންގެ އަސްކަރީ އަދި މާލީ ބާރުތައް ބެހިގެން ދިޔައެވެ. 1780 ވަނަ އަހަރު "ޕޮލިލޫރު" ގައި ހައިދަރު އަލީ އިނގިރޭސިން ބަލިކުރި ހަނގުރާމައަކީ އީސްޓް އިންޑިއާ ކުންފުންޏަށް ލިބުނު އެންމެ ބޮޑު އެއް ނާކާމިޔާބީއެވެ. މިކަމުގެ ސަބަބުން އިނގިރޭސިންގެ ސިފައިންނާއި އުޅަނދުތައް އިންޑިއާއަށް ފޮނުވަން މަޖުބޫރުވެ، އެމެރިކާގައި ހަނގުރާމަ ކުރަމުން ދިޔަ އިނގިރޭސި ސިފައިންގެ ބާރު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ.
އެމެރިކާގެ މިނިވަންކަމުގެ ހަނގުރާމައިގެ ތެރޭގައި ޕެންސިލްވޭނިއާއިން ބޭނުންކުރި ހަނގުރާމަމަތީ އުޅަނދަކަށް "ހައިދަރު އަލީ" ގެ ނަން ދިނުމަކީ، މައިސޫރުގެ ރަސްކަލުންނަށް އެމެރިކާގެ އާންމުން ދެމުން އައި ގަދަރުގެ އެންމެ ބޮޑު ހެއްކެވެ. 1782 ވަނަ އަހަރު މި އުޅަނދު ވަނީ އިނގިރޭސިންގެ ބޮޑު އުޅަނދެއް ކަމަށްވާ "ޖެނެރަލް މޮންކް" ބަލިކޮށްފައެވެ. ފިލަޑެލްފިއާގައި މި ކާމިޔާބީ ފާހަގަކުރިއިރު، ހައިދަރު އަލީގެ ނަމުގައި އެތައް ލަވައެއް ކިޔައި، އޭނާއަށް ތައުރީފުކޮށް އުފާފާޅުކުރިއެވެ.
ހައިދަރު އަލީ އަވަހާރަވުމަށްފަހު، ޓިޕޫ ސުލްތާނުގެ ހިތްވަރާ މެދު ވެސް އެމެރިކާގެ އާންމުންގެ މެދުގައި ޝައުގުވެރިކަން އޮތެވެ. އޭރުގެ އެމެރިކާގެ ސްކޫލް ފޮތްތަކުގައި ވެސް މައިސޫރުގެ މި ރަސްކަލުންގެ ވާހަކަތައް ހިމެނިފައިވެއެވެ. ނަމަވެސް، އެމެރިކާގެ މިނިވަންކަން ކަށަވަރުވެ، އެ ގައުމު އިގްތިސާދީ ގޮތުން ކުރިއަރަން ފެށުމުން، ވިޔަފާރީގެ މަސްލަހަތުތަކަށްޓަކައި އިނގިރޭސިންނާ ގުޅުން ބަދަހިކުރަން ޖެހުނެވެ. މި ބަދަލާއެކު، އިންޑިއާގެ މި ރަސްކަލުންގެ ވާހަކަތައް އެމެރިކާގެ މިނިވަންކަމުގެ ތާރީހުން މަޑުމަޑުން ފޮހެވިގެން ދިޔައެވެ.
މިއަދު 250 އަހަރު ފަހުން އެ ދުވަސްތައް ހަނދާންކުރާއިރު، ހަގީގަތަކީ އެމެރިކާގެ މިނިވަންކަމުގެ ބިންގާ އެޅުމުގައި އޭރު އިންޑިއާގެ މައިސޫރުގެ މުސްލިމު ރަސްކަލުން އިނގިރޭސިންނަށް ދިން އަސްކަރީ އަދި ސިޔާސީ "ފިއްތުންތައް" ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމެވެ. ހައިދަރު އަލީ އާއި ޓިޕޫ ސުލްތާނަކީ އެމެރިކާގެ ހަނގުރާމައިގެ ބައިވެރިންނެއް ނޫނެވެ؛ އެކަމަކު، އިނގިރޭސިންގެ އިސްތިއުމާރީ ބާރު ދެކުނު އޭޝިއާގައި ބަލިކުރުމަށް އެ ރަސްކަލުން ކުރެއްވި ހަނގުރާމައަކީ، އެމެރިކާގެ މިނިވަންކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބުނު ބޮޑު އެހީތެރިކަމެކެވެ.







