ވުޖޫދުގައި ނެތް ކަރުދާހުގެ ހޮސްޕިޓަލްގެ 87 މުވައްޒަފުން

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ އިންދޯރުގައި، ހޮސްޕިޓަލެއް އެބަހުއްޓެވެ. ނަމަވެސް އެތަނުގައި ބަލިމީހުން ބާއްވާނެ އެންމެ އެނދެއް ވެސް ނެތެވެ. އިމާރާތެއް ވެސް ނެތެވެ. އެތަން އޮތީ ހަމައެކަނި ސަރުކާރުގެ ލިޔެކިޔުންތަކާއި ފައިލްތަކުގައެވެ. އެހެންނަމަވެސް، އެ "ވުޖޫދުގައި ނެތް" ހޮސްޕިޓަލުން 87 މުވައްޒަފުން ވަޒީފާ ދީފައި ވެއެވެ. އަދި، މިއަދާ ހަމައަށް ވެސް އެތަނަށް މުވައްޒަފުން އެހެން ތަންތަނަށް ބަދަލުކޮށްވެސް ހަދައެވެ.

6 އަހަރު ކުރިން، 2020 ވަނަ އަހަރުގެ ޖޫން މަހު ސަރުކާރުން އުފެއްދުމަށް ފާސްކުރި "ޚަޖްރާނާ ސިވިލް ހޮސްޕިޓަލް" ގެ މަޝްރޫއަކީ ހުވަފެނެކެވެ. 100 އެނދުގެ މި ހޮސްޕިޓަލް އަޅަން ބިން ހަމަނުޖެހި، އަހަރުތައް ފާއިތުވެގެން ދިޔައިރު، ހޮސްޕިޓަލް އޮތީ ހަމައެކަނި ކަރުދާހުގައެވެ.

މި މައްސަލަ ފެންމަތިވީ، ހޮސްޕިޓަލްގެ އިމާރާތުގެ ބިންގާ ވެސް ނޭޅި އޮއްވައި، މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ލެބޯޓްރީ ޓެކްނީޝަނަކު އެ ހޮސްޕިޓަލަށް ބަދަލުކުރިކަން ހާމަވުމުންނެވެ. ޚަޖްރާނާ ހޮސްޕިޓަލަށް ކަމަށް ބުނެ ހާއްސަ ޑޮކްޓަރުންނާއި، ނަރުހުންނާއި، ފާމަސިސްޓުންގެ 87 މީހުންގެ ވަޒީފާ އޮންނަނީ އެ ހަސްފަތާލުގައި ހަމަޖައްސައިފައެވެ.

ސަރުކާރުގެ އޮފިޝަލުން މިކަން ދިފާއުކުރެއެވެ. ބުނަނީ މުވައްޒަފުން މުސާރަ ނުލިބި ތިބެން ޖެހޭނެތީ، އެ މީހުން އެހެން ހޮސްޕިޓަލްތަކަށް ފޮނުވާ ފައިވާނެ ކަމަށެވެ. ޗީފް މެޑިކަލް އެންޑް ހެލްތު އޮފިސަރު ޑރ. މާދަވް ހަސާނީ ވިދާޅުވި ގޮތުގައި، ހޮސްޕިޓަލް ނޭޅި ލަސްވީ އިންދޯރުގެ އާބަން ސަރަހައްދުން ބިމެއް ހަމަނުޖެހިގެންނެވެ.

އެދޭތެރޭގައި ސިޔާސީ ޕާޓީތަކުގެ މެދުގައި ބޮޑު ހަނގުރާމައެއް ވެސް ވަނީ ފެށިފައެވެ. އިދިކޮޅު ކޮންގްރެސް ޕާޓީން ގޮވަމުން ދަނީ މިއީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. ކުރީގެ ވަޒީރު ވިދާޅުވި ގޮތުގައި، އިމާރާތެއް ނެތް ތަނަކަށް ވަޒީފާ ހަމަޖައްސައި، މުވައްޒަފުން ބަދަލުކޮށް ހެދުމަކީ ޖަވާބުދާރީ ވާންޖެހޭނެ ބޮޑު ޚިޔާނާތެރިކަމެކެވެ. "މިއީ ހަމައެކަނި ކަރުދާހުގައި  އޮތް ހޮސްޕިޓަލެއް. އެކަމަކު އެތާނގެ ނަމުގައި މި ހިންގަނީ ކޮންކަހަލަ ކަމެއްބާ؟" އޭނާ ސުވާލު އުފެއްދެވިއެވެ.

އެ ސަރަހައްދުގެ 3 ލައްކައެއްހާ ރައްޔިތުން މިއަދުވެސް ތިބީ ސިއްހީ ފަރުވާއަށް އެހެން ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް ދާން ޖެހިފައެވެ. ސަރުކާރުން ބުނަނީ ބިން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް، ހަ އަހަރުވީއިރު ވެސް، ޚަޖްރާނާގެ ރައްޔިތުންނަށް އޮތީ ހަމައެކަނި ނަމެއްގައި އޮތް ހޮސްޕިޓަލެކެވެ. އަދި އެތަނަށް ބަދަލުކުރެވޭ މުވައްޒަފުންގެ ލިސްޓެވެ.

މި މައްސަލައަކީ އާންމު ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތާއި، ސަރުކާރުގެ އިދާރީ ނާގާބިލްކަން ދައްކުވައިދޭ މިސާލެކެވެ. ކަރުދާހުގައި ހޮސްޕިޓަލްތައް ބިނާކުރެވުނަސް، ބަލިމީހުންނަށް ބޭނުންވަނީ ފަރުވާދޭނެ ތަނެކެވެ.

ހިއްސާ ކުރައްވާ!