މާސްކް އިން 1،000 ކޮންޓޭނަރުގެ ބޮޑު އޯޑަރެއް ދީފި

ދުނިޔޭގެ ޝިޕިންގް ސިނާޢަތުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ 'މާސްކް' އިން، އިންޑިއާގައި އުފައްދާމުދާ އުފުލާ  1،000 ކޮންޓޭނަރުގެ ބޮޑު އޯޑަރެއް ދީފިއެވެ. މިއީ ބައިނަލްއަޤްވާމީ މާކެޓުގައި އިންޑިއާގެ ކޮންޓެއިނާ އުފެއްދުންތެރިކަމަށް އޮތް ޑިމާންޑަށާއި އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ކާމިޔާބީއެކެވެ.

މި ތާރީޚީ ކުރިއެރުން އިޢުލާންކުރީ އުއްތަރު ޕްރަދޭޝްގައި ހުންނަ މާސްކް ކޮންކޯރ އިންލޭންޑް ކޮންޓޭނަރު ޑިޕޯގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓަރ އޮފް ޕޯޓްސް، ޝިޕިންގް އެންޑް ވޯޓަރވޭސް،  ވަނީ އިންޑިއާގައި މާސްކް ކުންފުންޏަށް ޚާއްޞަކޮށްގެން އުފެއްދި ފުރަތަމަ އެކްސްޕޯޓް-އިމްޕޯޓް ކޮންޓޭނަރު ދައްކާލާފައެވެ.

އިންޑިއާގެ މިނިސްޓްރީން ހާމަކުރި ގޮތުގައި، މާސްކް އިން 'ޑީ.ސީ.އެމް ޝްރީރާމް ގްރޫޕް' އާ ޙަވާލުކުރި މި އޯޑަރަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު މާސްކް ކުންފުނީގެ ޗެއަރމަން ރޮބަޓް މާސްކް އުގްލާއާއެކު ބޭއްވި ބައްދަލުވުމެއްގެ ނަތީޖާއެވެ. އެ ބައްދަލުވުމުގައި ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާގައި ދުނިޔޭގެ ފެންވަރުގެ ކޮންޓޭނަރު އުފެއްދުމުގެ ސިނާޢަތެއް ބިނާކުރުމަށް ބާރުއަޅުއްވާފައެވެ. "މިއީ އެންމެ 16 މަސްދުވަހުގެ ތެރޭގައި ސަރުކާރުގެ ދުރުވިސްނުން ޢަމަލީ ސިފައަކަށް ބަދަލުކޮށް، ދުނިޔޭގެ ފެންވަރުގެ އުފެއްދުމެއް ނެރުނުކަމުގެ ހެކިވަރެއް،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އިންޑިއާގައި ޝިޕިންގ ކޮންޓެއިނާ އުފެއްދުމުގެ މަސައްކަތް ފެށީ ކޯވިޑަށް ފަހު އުފެދުނު ސަޕްލައި ޗޭނުގެ މައްސަލަތައް ހައްލު ކުރުމުގެ ތެރޭންނެވެ. އެމަސައްކަތުގައި ސަރުކާރުން މަސައްކަތް ހަވާލު ކުރީ އިންޑިއާގެ ރޭލްވޭ ކުންފުންޏާއެވެ. އިންޑިއާ ސަރުކާރުން ބުނަނީ އިންޑިއާއަކީ މިހާރު ދުނިޔެ ޤަބޫލުކުރާ، އިތުބާރު ހުރި ކޮންޓެއިނާ މެނުފެކްޗަރިންގް އަދި މެރިޓައިމް ބާރަކަށް ވަމުންދާ ކަމަށެވެ. އަދި މިއީ އިންޑިއާގެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ސިޔާސަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ހިއްސާ ކުރައްވާ!