ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު ޑިޖިޓަލް ކެމެރާ މެދުވެރިކޮށް، ކައުނުގެ ހައިރާންކުރުވަނިވި މަންޒަރުތައް ނަގަން ފަށައިފި އެވެ. ބޭރުގެ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، ވީރާ ސީ. ރުބިން އޮބްޒާވޭޓަރ’ން މިހާރު ވަނީ ކައުނު ދިރާސާކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފަ އެވެ.
މި ބޮޑު ދުރުމީ ހަރުކޮށްފައި ވަނީ ޗިލީގެ ފަރުބަދައެއްގެ އެންމެ އުސް ހިސާބުގަ އެވެ. ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި، ކޮންމެ ރެއަކު އެތައް ސަތޭކަ ފޮޓޯއެއް މި ކެމެރާގެ ޒަރީއާއިން ނެގޭނެ އެވެ. މި ހޯދުންތަކުގެ ސަބަބުން ކައުނުގެ ޙަޤީޤަތްތައް ދެނެގަތުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން އުއްމީދު ކުރެ އެވެ.
މިކަމާ ގުޅޭގޮތުން އޮބްޒާވޭޓަރީގެ ޑެޕިއުޓީ ޑިރެކްޓަރ ފޮރ އޮޕަރޭޝަންސް، ފިލް މާޝަލް ވިދާޅުވީ، "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ސައިންސްވެރިންނެއް، މި ލިބޭ ޑޭޓާސެޓް ބޭނުންކޮށްގެން، މީގެ ކުރިން ދުވަހަކުވެސް ނުކުރެވޭ ފަދަ ފުނަށް ކައުނު ދިރާސާކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެންނާނެ،" ކަމަށެވެ.
ރުބިން އޮބްޒާވޭޓަރީން މިދިޔަ އަހަރު ވަނީ އެ ކެމެރާއިން ނެގި ފުރަތަމަ ފޮޓޯތައް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ބިމާ އެތައް ހާސް އަލި އަހަރު ދުރުގައިވާ 'ޓްރައިފިޑް' އަދި 'ލެގޫން ނެބިއުލާ’ގެ ކުލަގަދަ ފޮޓޯތައް ހިމެނެ އެވެ.
މައުލޫމާތަށްޓަކައި ދަންނަވާނަމަ، އެއް އަލި އަހަރަކީ ގާތްގަނޑަކަށް 9.7 ޓްރިލިއަން ކިލޯމީޓަރު (6 ޓްރިލިއަން މޭލު) އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، މި ފޮޓޯތަކުގެ ސަބަބުން ކުރީގެ އެތައް ބިލިއަން އަހަރުތަކެއްގެ ތެރޭގައި ގެލެކްސީތައް އުފެދި، އެކުލެވިގެން އައީ ކިހިނެއްކަމާއި، މި ކައުނުގެ އުފެދުމުގެ ސިއްރުތައް ދެނެގަތުމަށް މަގުފަހިވާނެ އެވެ.







