"ތަހުޒީބެއް ނެތް ބަޔެއް. ޝަރަފެއް ވެސް ނެތް، މަގުފޭރޭ ގާތިލުންތަކެއް": ޓްރަމްޕަށް އީރާނުގެ ރައްދު

އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާގެ ބައިވެރިންނަށް އެއް ފަހަރުން ހަމަލާދީ އެންމެން ނައްތާލެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކި ނާތަހުޒީބު ހޮޅި ވާހަކަތައް ރައްދު ދެމުން އެ ވާހަކައަކީ، ޝަރަފެއް އަދި ތަހުޒީބެއް ނެތް މަގު ފޭރޭ ގާތިލުންގެ ބަޔަކު ދައްކާ ޒާތުގެ ނާތަހުޒީބީ ވާހަކައެއް ކަމަށް ބުނެ އީރާނުން ޓްރަމްޕަށް ވަރުގަދަ ރައްދެއް ދީފި އެވެ.

އާރމިނިއާގައި ހުންނަ އީރާނުގެ އެމްބަސީން 'އެކްސް’ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޖުލައި 4 ގައި މިނިވަން ދުވަހުގެ 250 ވަނަ އަހަރީ ދުވަސް ފާހަގަކުރި އެމެރިކާއަށް، ޚާމަނާއީގެ އަވަހާރަވުމާ ގުޅިގެން އީރާނުގެ ރައްޔިތުން ކުރަމުންދާ ހިތާމަ ދުވަހަކު ވެސް ފަހުމު ނުވާނެ ކަމަށެވެ. އެހެން ދިމާވަނީ އެމެރިކާގައި "ތަހުޒީބެއް، ތާރީޚެއް، އަދި ޝަރަފެއް ވެސް ނެތީމަ" ކަމަށް އެމްބަސީން ބުނެފައިވެ އެވެ.

"މީހުން މަރައިލެވިދާނެ، އެކަމަކު އުސޫލުތަކާއި ފިކުރުތައް ނައްތައެއް ނުލެވޭނެ. އާޔަތުﷲ ޚާމަނާއީ ތިޔަ މަރައިލީ، އެކަމަކު ހަގީގަތުގައި ތިޔަ ތަލައިލީ މީރު ހުވަނދު ފުޅިއެއް. އޭގެ މީރުވަސް މިހާރު ވަނީ ހުރިހައި ތަނަކަށް ފެތުރިފައި،" ޖަނާޒާގައި ބައިވެރިވި އެތައް މިލިއަން ރައްޔިތުންނަށް އިޝާރާތްކޮށް އެމްބަސީން ބުނެފައިވެ އެވެ.

’އެކްސިއޯސް' ނޫހަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް އޭނާގެ ނާތަހުޒީބު ބަސްމަގުން ބުނެފައި ވަނީ އީރާނު މީހުން ހިތާމަ ފާޅު ކުރާތީ އެކަން އޭނާއަށް ފަހުމު ނުވާ ކަމަށެވެ! "އަހަރެން ހީކުރީ މީހުން ޚާމަނާއީ ދެކެ ނަފްރަތު ކުރާ ކަމަށް. އެއީ ދޮގު ކަރުނަތަކަކަށް ވެސް ވެދާނެ،" ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް އިތުރަށް ބުނެފައިވަނީ އޭނާ ބޭނުންނަމަ އީރާނުގެ ވެރިން "އެއް ޝޮޓުން" ނައްތާލެވިދާނެ ކަމަށެވެ. "އެމީހުން އެންމެން އެ ތިބީ އެކުއެކީގައި. އެއް ޝޮޓުން އަހަރެމެންނަށް އެންމެން ނައްތާލެވޭނެ. އެކަމަކު އަހަރެމެން އެހެން ނުހަދާނަން، އެހެން ހަދައިފިއްޔާ ދެން މަޝްވަރާ ކުރާނެ މީހަކު ނުހުންނާނެތީ،" ޓްރަމްޕް ބުނެފައިވެ އެވެ. އީރާނުން ބުނެފައި ވަނީ މިވަގުތުވެސް އީރާނުގެ ލަޗްކަރު އޮތީ ހަނގުރާމައިގެ ހާލަތުގައި ތައްޔާރަށް ކަމަށެވެ. އަދި އެމެރިކާއިން ވައްތަރު ޖައްސައިފިނަމަ ވަގުތުން ރައްދު ދޭން ތައްޔާރު ވެގެންނެވެ.

އީރާނު މީޑިއާއިން ދެކެނީ އެމެރިކާގެ ސޮލީބީ ވިސްނުމުގައި މިދފަދަ ނަފްތުގެ ބަސްމަގު ފެންނަ އިރު އީރާނުން އެގައުމުގެ ނިއުކްލިއަރ ދޫކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ!

ހިއްސާ ކުރައްވާ!