ޕާކިސްތާނުގެ ވިޔަފާރީގެ މައި މަރުކަޒު، ކަރާޗީގެ "ގުލް ޕްލާޒާ" ޝޮޕިންގް ކޮމްޕްލެކްސްގައި މިދިޔަ ޖެނުއަރީ މަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ޒިންމާ އުފުލަން 11 އަހަރުގެ ކުއްޖަކު ކޯޓަށް ހާޒިރުކުރަނީ އެވެ. 72 މީހުންގެ ފުރާނަ ގެއްލި، އެތައް ހާސް ފިހާރައެއް އަނދައި އަޅިއަށްވި މި ހިތާމަވެރި ހާދިސާގެ ތަހުގީގުގައި، ފުލުހުން ވަނީ މި ކުއްޖާގެ ނަން ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި ހިމަނައިފަ އެވެ.
ޖެނުއަރީ 17 ވަނަ ދުވަހު ކަރާޗީގެ ސައްދަރު ސަރަހައްދުގެ މުހައްމަދު އަލީ ޖިނާހު ރޯޑުގައި ހުރި ގުލް ޕްލާޒާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔާ ފައިޓަރުންނަށް އެއް ހަފުތާ ހޭދަވި އެވެ. މި ހާދިސާގައި 1،153 ފިހާރަ އަނދައި ހުލިވެ، 8 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ.
ދައުލަތުގެ ވަކީލު އަބްދުއްރައްޒާގް ގުއްޖަރު ވިދާޅުވި ގޮތުގައި، މި ކުއްޖާގެ މައްޗަށް ދައުވާކުރަނީ އޭނާގެ ބައްޕަގެ ފިހާރައެއްގައި ހުރެ، އަލިފާން ރޯކުޅެމުން ދަނިކޮށް އެ އަލިފާން ފެތުރުނު ކަމުގެ ތުހުމަތުގަ އެވެ. އެ ކުއްޖާގެ ބައްޕަ އާއި އިތުރު ހަތަރު މީހަކު މިހާރު ތިބީ ފިލައިފައެވެ. ފުލުހުންގެ ޗާޖްޝީޓުގައި ހިމެނޭ އެހެން ފަރާތްތަކަކީ ގުލް ޕްލާޒާގެ މެނޭޖްމަންޓް ކޮމިޓީގެ މެންބަރުން ކަމަށްވާ ތަންވީރު ޕާސްތާ، އަމަރު އިސްމާއީލް، މުހައްމަދު ރަމަޟާން އަދި މުހައްމަދު އަމީން އެވެ.
މި މައްސަލައިގައި 42 ހެކިވެރިންގެ ބަޔާން ފުލުހުން ވަނީ ނަގައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ 13 އަހަރުގެ ކުއްޖަކު ބުނި ގޮތުގައި، އަލިފާން ރޯވީ އަލިފާން ރޯކުރަން އުޅުމުގެ ތެރޭގަ އެވެ. މި ހާދިސާ ބެލުމަށް އެކުލަވާލި ޖުޑީޝަލް ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ވަރަށް އަވަހަށް ކޯޓަށް ހުށަހެޅޭނެ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ކަރާޗީގެ އެންމެ ބޮޑު އެއް ވިޔަފާރި މަރުކަޒު އަނދައިގެން ދިޔުމުގެ ޒިންމާ 11 އަހަރުގެ ކުއްޖެއްގެ ބޮލުގައި އެޅުވުމުން، ގިނަ ބައެއްގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ. އިމާރާތުގެ ސަލާމަތީ ފިޔަވަޅުތައް ހުރި ގޮތާއި، މެނޭޖްމަންޓްގެ އިހުމާލުތަކާ މެދު އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު، ހަގީގީ ޒިންމާ އުފުލަންވީ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެތޯ މިއީ މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލެވެ.






