އިންސްޓަގްރާމްގައި ފައިސާ ދީގެން ޖަހާ އިޝްތިހާރުތަކުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ މައްސަލައިގައި އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީއިން މެޓާއަށް ވަރުގަދަ އިންޒާރެއް ދީފި އެވެ. މިކަމާ ގުޅިގެން ސަރުކާރުން މެޓާއަށް އަންގާފައިވަނީ، އެފަދަ ހުރިހާ އިޝްތިހާރުތަކަކާއި ކޮންޓެންޓްތައް ވަގުތުން ބްލޮކްކޮށް، އެކަން ހިނގި ގޮތުގެ ތަފުސީލީ ރިޕޯޓެއް 7 ދުވަހުގެ ތެރޭގައި ހުށަހެޅުމަށެވެ.
މި މައްސަލަ ބޭޒާރުވީ ބީބީސީން ކުރި ތަހުގީގަކުންނެވެ. އެ ތަހުގީގުގައި އިންސްޓަގްރާމްގެ އިޝްތިހާރުތަކުގައި ކުޑަކުދިންގެ "ރޭޕް ވީޑިއޯ" ފަދަ ނޭދެވޭ ވީޑިއޯތައް ހުރިކަން ފާހަގަކުރެވުނެވެ. މި އިޝްތިހާރުތަކުން ޓެލެގްރާމް ޗެނަލްތަކަށް ޔޫޒަރުން ރީޑައިރެކްޓްކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ވީޑިއޯތައް 99 ރުޕީސްއަށް ވިއްކަމުންދާކަން ވަނީ ހާމަވެފަ އެވެ.
ބީބީސީން ހެދި ޓެސްޓް އެކައުންޓަކުން ދައްކާ ގޮތުގައި، ޖިންސީ ފާހިޝް މަންޒަރުތައް ހިމެނޭ އެތައް އިޝްތިހާރެއް އިންސްޓަގްރާމްގެ މޮޑަރޭޝަން މަރުހަލާ ކަޑައްތުކޮށް، ޕްލެޓްފޯމްގައި އާންމުކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ޒުކަބާގްގެ މެޓާއިން ބުނެފައިވަނީ، އެ ކުންފުނީގެ ނިޒާމަކީ ފުރިހަމަ ސިސްޓަމެއް ނޫން ކަމަށާއި، ބައެއް ފަހަރު އިންސާނީ ނުވަތަ ޓެކްނޮލޮޖީގެ ގޮތުން ކުށްތައް ހިނގާފާނެ ކަމަށެވެ. އަދި ބީބީސީގެ ތަހުގީގަށްފަހު، އެކަމާ ގުޅުންހުރި އެކައުންޓްތަކާއި އިޝްތިހާރުތައް ބްލޮކްކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާގެ މައްސަލަތައް ގައުމީ ފެންވަރުގައި ރިޕޯޓުކުރާ އިދާރާތަކަށް އަންގަމުންދާނެ ކަމަށް ވެސް މެޓާއިން ބުނެފައިވެ އެވެ.
ނަމަވެސް އިންޑިއާ ސަރުކާރުން ބުނަނީ، ޑިޖިޓަލް ޕްލެޓްފޯމްތަކުން މިފަދަ ނުރައްކާތެރި މައްސަލަތަކުގައި މާ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށެވެ. 7 ދުވަހުގެ މުއްދަތު ހަމަވާއިރު، މެޓާއިން ދޭ ޖަވާބަށް ސަރުކާރުން އަންނަނީ އިންތިޒާރު ކުރަމުންނެވެ.






