ޣައްޒާގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރަކަށް އިސްރާއީލު ސިފައިން ވަހުޝީ ގޮތަކަށް އަނިޔާކުރާ މަންޒަރު ފެންނަ ފޮޓޯތަކުގެ ހަގީގީކަން އިސްރާއީލު ސިފައިން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ. ލީކުވެފައިވާ މި ފޮޓޯތަކުން ފެންނަ ގޮތުގައި، އަސީރު އޮތީ ބިންމަތީގައި އިހާނެތި ގޮތަކަށް، ކަނު ބަނދެ، ދަގަނޑު ކޭބަލްތަކުން އަތް ބަނދެފައެވެ. އަދި އޭނާގެ ބުރަކަށި މަތީގައި ދަގަނޑު ބުރިއެއް ބާއްވާފައިވާ މަންޒަރު ފެނެއެވެ. މިއީ އިސްރާއީލުން ފަލަސްޠީނުގެ ރަހީނުން ގެންގުޅޭ މަރުކަޒުތަކުގައި ރަހީނުންނށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބޮޑެތި އަނިޔާތައް ކުރުމުގެ ހެތްކެކެވެ.
އިސްރާއީލު ސިފައިންގެ ރަސްމީ މީޑިއާ އާ ހަވާލާދީ އަސްކަރީ ތަރުޖަމާނަކު ބުނީ، މި ފޮޓޯތަކަކީ ހަގީގީ މަންޒަރުތަކެއް ކަމަށާއި، މި ހާދިސާ ހިނގާފައިވަނީ ޣައްޒާގެ ތެރޭގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. މި ފޮޓޯތައް ލީކުވުމާ ގުޅިގެން ބައިނަލްއަގްވާމީ ފެންވަރުގައި އުފެދިފައިވާ ނުރުހުމާއި ރުޅިވެރިކަން ފިނިކުރުމަށްޓަކައި، މިކަމާ ގުޅޭގޮތުން ތަހުގީގެއް ފަށާފައިވާ ކަމަށް އަސްކަރީ ތަރުޖަމާނު ބުނިއެވެ.
މި ފޮޓޯ އާންމުވީ، 'ޖޯސެފް ބެނާމޯ' ކިޔާ އިސްރާއީލު ސިފައިންގެ މީހަކު އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ވަރަށް ފޮނިވެލާފައި ބާއްޖަވެރި ހެނދުނެއް ޖެހުމަށްފަހު އެފޮޓޯ އާންމު ކުރުމުންނެވެ. ފޮޓޯ އާންމުވުމުން އޭނާ ފަހުން އެ ފޮޓޯ ފުހެލައި އެކައުންޓު ބަންދުކުރި ނަމަވެސް، މި ހާދިސާ ވެފައިވަނީ އާންމުންނާއި އަސީރުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގެ ވަރުގަދަ ހެއްކަކަށެވެ.

ހައްގުތަކަށް މަސައްކަތްކުރާ 'ބްރޭކިންގ ދަ ސައިލެންސް' ޖަމިއްޔާއިން މި ހާދިސާއާ ގުޅިގެން ބުނީ، މިއީ އިސްރާއީލުގެ ޔަހޫދީ ޖެނޮސައިޑް ސިފައިން ފަލަސްޠީނުގައި ހިންގަމުންދާ ހަގީގީ ސިޔާސަތުތައް ކަމަށާއި، މިއީ ވަކި ފަރުދުންތަކެއް ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ހަމައެހެންމެ، އަނިޔާކުރާ ސިފައިންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، އެ މީހުން އަނބުރާ ޚިދުމަތަށް ނެރޭކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
ރަހީނުކޮށްްފައި ފަލަސްޠީނު ހޮސްޓެޖުން ބައިތިއްބާ މަރުކަޒުތަކުން ލިބޭ މައުލޫމާތުތަކަށް ބަލާއިރު އެތަންތާނގެ ހާލަތު ވަރަށް ނުރައްކާތެރިއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހައްޔަރުކުރި 100 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އަދަދުތަކުން ސާބިތުވަނީ، ލީކުވާ ފޮޓޯތަކާއި ވީޑިއޯތަކަކީ އެތައް ހާސް އަސީރުންނެއް ތަހައްމަލު ކުރަމުންދާ ހިތްދަތި ހަގީގަތުގެ ވަރަށް ކުޑަ މިންވަރެއް ކަމެވެ.





