40 އަހަރުގެ މެދު ކެނޑުމަކަށް ފަހު އިންޑިއާގެ ބޮޑުވަޒީރަކު ނިއު ޒީލެންޑަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މި މަހުގެ 10 ގައި އޯކްލެންޑަށް ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅަކީ ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ ނުފޫޒު އިތުރުކުރުމަށް އަޅަމުންދާ މުހިންމު ފިޔަވަޅެެއް ކަމަށް ސިފަ ކޮށްފައި ވެއެވެ.
ނިއު ޒީލެންޑުގެ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސަން މި ދަތުރުފުޅު ސިފަކުރެއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން "އައު މަރުހަލާއަކަށް" ގެންދިއުމުގެ ދަތރުފުޅެއްގެ ގޮތުގައެވެ. މިދިޔަ އޭޕްރީލް މަހު ދެ ގައުމުން ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ މި ދަތުރުގެ މައިގަނޑު އަސާސެވެ. މި އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ 95 އިންސައްތަ ޓެރިފްތައް އުވާލައި، ދެ ގައުމުގެ ދެމެދުގައި އޮތް 1.3 ބިލިއަން ޑޮލަރުގެ ވިޔަފާރި ދެގުނަ ކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މޯދީގެ މި ދަތުރުގައި، 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭނަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް، އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރާއި، ފާމަސޫޓިކަލްސް އަދި ޓެކްނޮލޮޖީގެ ދާއިރާއިން ނިއު ޒީލެންޑުގެ ކުންފުނިތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ އިންޑިއާގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް ކަމެކެވެ. މީގެ އިތުރުން، ކަނޑުގެ ސަލާމަތާއި އަދި ސަރަހައްދީ ހަމަޖެހުމާ ގުޅޭގޮތުން ދެ ލީޑަރުން މަޝްވަރާ ކުރައްވާނެއެވެ.
އޯކްލެންޑުގައި އިންޑިއާގެ އެތައް ހާސް އިންޑިއާ ރައްޔިތުންނާއެކު، ނިއު ޒީލެންޑުގައި ދިރިއުޅޭ އިންޑިއާގެ ދަރިކޮޅުގެ މީހުންނާ މުޚާތަބު ކުރައްވައި މޯދީ ވާހަކަ ދައްކަވާނެއެވެ.
ސިޔާސީ މާހިރުން ދެކޭގޮތުގައި، މޯދީގެ މި ދަތުރުފުޅަކީ ޗައިނާގެ ނުފޫޒު އިންޑޯ-ޕެސިފިކް ސަރަހައްދުގައި ފުޅާވަމުންދާ ދަނޑިވަޅެއްގައި، އިންޑިއާއިން ގެންގުޅޭ "އެކްޓް އީސްޓް" ސިޔާސަތުގެ ދަށުން ކުރާ ދަތުރެކެވެ. ލަކްސަން އާއި މޯދީގެ ބައްދަލުވުމަކީ ޑިމޮކްރެޓިކް ގައުމުތަކުގެ މެދުގައި އޮތް ބައިވެރިކަން ވަރުގަދަ ކުރުމުގެ ނިޝާނެއް ކަމަށް ސިފަ ކޮށްފައި ވެއެވެ. ނިއުޒިލެންޑްގެ އިދިކޮޅު ފަރާތްތަކުން ދަނީ މި ދަތުރަށް ފާޑު ކިޔަމުންނެވެ.






