އަނިޔާވެރިކަމުގެ އެންމެ އެވޭލާ ސަފުހާތަކަށް ބަލައިލިޔަސް، ހަނގުރާމަތަކުގައި ސިއްހީ ޚިދުމަތްތެރިންނަށް ހިމާޔަތް ލިބެއެވެ. ނަމަވެސް، ފަލަސްތީނުގެ ބިމުގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޖެނޮސައިޑް ޖަރީމާގައި، އިންސާނިއްޔަތުގެ މި މުގައްދަސް ގާނޫނު ވަނީ މުގުރާލާފައެވެ. ސަލާމަތްތެރިކަމުގެ ރައްކާތެރިންގެ ގޮތުގައި ތިބޭ ޑޮކްޓަރުންނާއި ނަރުހުން މިއަދު ވެގެންގޮސްފައިވަނީ ޒަޔަނިސްޓު އިސްތިއުމާރުގެ އެންމެ ބޮޑު ދުޝްމަނުންނަށެވެ.
މީގެ އެންމެ ސާފު އަދި ހިތްދަތި ހެެއްކަކީ، ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑައިރެކްޓަރު ޑރ. ޙުސާމް އަބޫ ޞަފިއްޔާއަށް އިސްރާއީލުގެ ޖަލުތަކުގައި ދެމުންދާ ރަހުމެއްނެތް އަނިޔާތަކެވެ.
އިސްރާއީލުގެ "ހާއާރެޓްޒް" ނޫހުން ހާމަކުރި ގޮތުގައި، ޑރ. ޙުސާމް އަބޫ ޞަފިއްޔާ "ނިޓްސާން" ޖަލުގެ އެކަހެރި ގޮޅިއެއްގައި ބަންދުކޮށް، ކޮންމެ ދުވަހަކު ދަނީ ލާއިންސާނީ ބޮޑެތި އަނިޔާތަކެއް ކުރަމުންނެވެ. އޭނާގެ ވަކީލު ދާދިފަހުން އޭނާއަށް ޒިޔާރަތްކުރުމަށްފަހު ބުނެފައިވަނީ، ޑރ. ޙުސާމްގެ ބޮލަށާއި، ލޮލާއި، ކަންފަތް އަދި ކަރަށް ދީފައިވާ ބަރު ހަމަލާތަކުގެ ސަބަބުން، އޭނާއަކީ ކާކުކަން ވަކިކުރަންވެސް ދަތިވި ކަމަށެވެ.
އަނިޔާވެރިކަން ހުރި މިންވަރަކީ، ކޮންމެ ދުވަހަކު ތަޅާ އަނިޔާކުރުމުގެ ސަބަބުން އޭނާ އެތައް ފަހަރަކު ހޭނެތެއެވެ. ހޭނެތޭ ކޮންމެ ފަހަރަކު މެޑިކަލް އެސިސްޓެންޓަކު އައިސް ތަދުކަނޑުވާ ބޭހަކާއި ކުޑަ ފެންފޮދެއް ދިނުމަށްފަހު، އަނެއްކާވެސް އަލުން ތަޅައިގަންނަނީއެވެ. މިހާރު އޭނާއަށް އަމިއްލައަށް އިށީނދެގެންވެސް ނީނދެވޭއިރު، ވާހަކަދައްކަނީވެސް ބިރުން ހުރެއެވެ. އޭނާގެ ވަކީލު ގާތު ބުނެފައިވަނީ، "މިއީ އެމީހުން އަހަރެން މަރާލުމުގެ ކުރިން ބައްދަލުވާނެ ފަހު ފަހަރު ކަމަށް ވެދާނެތީ ބިރުގަނޭ،" މިފަދައިންނެވެ. އިންސާނުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޑޮކްޓަރެއްގެ މިއަދުގެ ހާލަތަކީ މިއީއެވެ.
މި ހުރިހާ ޖަރީމާއެއް ހިނގަމުންދާއިރު، ދުނިޔޭގެ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ބޮޑުން ކަމަށް ހެދިގެން އުޅޭ އެމެރިކާއާއި ހުޅަނގުގެ ގައުމުތައް ތިބީ ހިމޭނުންނެވެ. އެމީހުންގެ ހިމޭންކަމަކީ މި އަނިޔާވެރިކަމަށް ދެވޭ ނުސީދާ ހުއްދައެކެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ޑރ. ޙުސާމްގެ ފުރާނަ ސަލާމަތްކުރުމަށް މިނިވަން މެޑިކަލް ފަރުވާއަކަށް ގޮވާލަމުންދާއިރުވެސް، އެމެރިކާއިން ދަނީ އިސްރާއީލުގެ މި "ނުބައި މަސައްކަތް" ފޮރުވައިދީ، ހަތިޔާރާއި ސިޔާސީ ހިމާޔަތް ފޯރުކޮށްދެމުންނެވެ. މިއީ ދުނިޔޭގެ ނިޒާމު ބާރުގަދަ މީހުންގެ ކުށްތައް ފޮރުވަން ބޭނުންކުރާ ގޮތެވެ.
އަނެއްކޮޅުން، އަޚްވަންތަކަމާއި އިސްލާމީ ވަހުދަތުގެ ވާހަކަދައްކާ އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިން ތިއްބެވީ ކަނު، މަންމަން، ބީރު ބައެއްގެ ގޮތުގައެވެ. އަމިއްލަ ލެޔާއި ނަސްލުގެ ސިއްހީ ޚިދުމަތްތެރިން ޖަލުތަކުގައި ކޮންމެ ދުވަހަކު ހޭނެތެންދެން ތަޅައި މަރަމުންދާއިރު، ބަޔާނެއް ނެރެލުން ފިޔަވައި އަމަލީ އެއްވެސް ފިޔަވަޅެއް އަޅާކަށް އަރަބި ދުނިޔެއަކަށް ނުކެރުނެވެ. އެމީހުންގެ މި ފިނޑި ހިމޭންކަމުގެ ސަބަބުން، ޒަޔަނިސްޓުންނަށް ވަނީ އެއްވެސް ޖެހިލުމެއްނެތި ފަލަސްތީނުގެ އުންމީދުތައް ފުނޑުފުނޑުކޮށްލުމުގެ ފުރުސަތު ލިބިފައެވެ.
އިސްރާއީލުގެ ސުޕްރީމް ކޯޓުންވެސް ވަނީ ޑރ. ޙުސާމް ބަންދުގައި ަބހައއްޓައިގެން އަނިޔާކުރުން ހއުްދަކަމަށް ނިންމާފައެވެ. މިއިން އެނގެނީ ނަސްލު ނައްތާލުމުގެ މި ޖަރީމާގައި އެގައުމުގެ ގާނޫނީ ނިޒާމުވެސް ބައިވެރިވާ ކަމެވެ. މިއަދު ޑރ. ޙުސާމް އުފުލަމުންދާ ވޭނަކީ، ހަމައެކަނި ފަރުދެއްގެ ވޭނެއް ނޫނެވެ. އެއީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މުނާފިގުކަމާއި، މުސްލިމުންނާއި އަރަބިންގެ ނިފާގު ކަމާއި ފިނޑިކަމުގެ ސަބަބުން، އިންސާނިއްޔަތު މަރުވަމުންދާ ކަމުގެ ދިރިހުރި ހެއްކެކެވެ.







