ޒަޔަނިސްޓު އިސްތިއުމާރުގެ ދަށުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކީވެސް އަމިއްލަ ވަޒަނުގައި ބިރުވެރިކަމާއި ނިކަމެތިކަމާ ކުރިމަތިލާންޖެހޭ ދުވަހެކެވެ. ހަނގުރާމައިގެ ބަޑީގެ އަޑާއި، ޔަހޫދީ ޒަޔަނސިްޓު އަނިޔާވެރި ސިފައިންގެ ކުއްލި އަރައިގަތުންތައް ވަނީ އެމީހުންގެ އާދައިގެ ދިރިއުޅުން މުޅިން ސުންނާފަތިކޮށްލާފައެވެ. ފާއިތުވި މަދު ގަޑިއިރުތަކުގެ ތެރޭގައި އެކަނިވެސް ހުޅަނގު އައްސޭރީގެ 10 ސިޓީއަކާއި އަވަށަކަށް އިސްރާއީލު ސިފައިންނާއި ހަރުކަށި ވަޒަންވެރިން އަރައިގަނެ، ހިންގާފައިވާ ޖަރީމާތަކުން ފެންނަނީ އިންސާނީ ކަރާމާތް ފައިދަށުލައި މުގުރާލަމުންދާ ހިތްދަތި މަންޒަރެކެވެ.
ރާމަﷲ ގެ އުންމު ސަފާ އަވަށުގެ ރައްޔިތުންނަކީ ދަނޑުވެރިކަމާއި ކަންބަޅި ހުއިހައްޕައިގެން ދިރިއުޅޭ ނިކަމެތި ބައެކެވެ. ނަމަވެސް، އިސްރާއީލު ސިފައިންގެ ހިމާޔަތުގައި ތިބި ހަރުކަށި ޔަހޫދީ ލަޓޯފަޓޯ ވަޒަންވެރިން ވަނީ އެ އަވަށަށް އަރައިގަނެ، އާންމުންގެ ގެދޮރަށް ހަމަލާދީ، އެމީހުންގެ ދިރިއުޅުމުގެ އަސާސްކަމުގައިވާ ކަންބަޅިތައް ފޭރިގެންފައެވެ. އަވަށުގެ ރައްޔިތުން އަމިއްލަ މުދާ ދިފާއުކުރަން ނުކުތުމުން، އިސްރާއީލު ސިފައިން ވަނީ ރަބަރު ވަޒަނުން ހަމަލާދީ ތިން މީހަކު ޒަޚަމްކޮށްލާފައެވެ.
އަވަށުގެ ކައުންސިލް ރައީސް މަރުވާން ޞަބާޙް ބަޔާންކުރި ގޮތުގައި، ރައްޔިތުންނަށް އަމިއްލަ ބިމަށް ވާސިލުވުން މަނާކޮށް، ބިމުން މަހުރޫމްކުރުމަކީ އެމީހުން ނަސްލީގޮތުން ނައްތާލުމަށް ހިންގާ ނިޒާމީ ރޭވުމެކެވެ. އަދި ރާމަﷲ ގެ އިރުމަތީ އަވަށެއް ކަމަށްވާ އަލްމުޣައްޔިރުގައި އިސްރާއީލު ޖެނޮސައިޑް ޔަހޫދީ ސިފައިން ޒުވާނަކަށް ރަހުމެއްނެތްގޮތަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތަކުން ހިތްތަކަށް ސިހުން ގެނުވައެވެ.
ފަލަސްތީނުގެ ކޮންމެ މަންމައަކާއި އަނބިމީހަކު ރޭގަނޑު ނިދަން އޮންނަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޮންމެ ވަގުތަކުވެސް ގޭގެ ދޮރު ވައްޓާލައި، ފިރިމީހާ ނުވަތަ ދަރިފުޅު ދަމާކޫއްތާފައި ގެންގޮސްދާނެތީއެވެ. ނާބުލުސްގެ އަސްކަރު ކޭމްޕަށް ޔަހޫދީން އަރައިގަނެ، ޒުވާނެއް ކަމަށްވާ އިބްރާހީމް އަލްފީނޫ ހައްޔަރުކުރިއިރު، ކުރިން މިނިވަންވެފައި ހުރި އަސީރެއް ކަމަށްވާ ޢައުނީ އައްޝަޚްޝީރު ވެސް ވަނީ އޭނާގެ ގެއިން އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން މުގައްދަސް ގުދުސްގެ ބިއްދޫ އަވަށުގެ މައި މަގުތައް ބަންދުކޮށް، އާންމުންގެ ދަތުރުފަތުރަށް ހުރަސްއަޅައި، މުޅި އަވަށް ވަނީ ބޭރު ދުނިޔެއާ އެކަހެރިކޮށްލާފައެވެ. މިއީ ހަމައެކަނި އަސްކަރީ ހަރަކާތްތަކެއް ނޫނެވެ. މިއީ އާންމު ރައްޔިތުން ނަފްސާނީ ގޮތުން ބަލިކަށިކޮށް، ދިރިއުޅުމުގެ ހުރިހާ އުންމީދެއް ފުނޑުފުނޑުކޮށްލުމަށް ދޭ ނިޒާމީ އަދަބެކެވެ.
މުޅި ހުޅަނގު އައްސޭރި ބިރުވެރިކަމެއްގެ ތެރޭގައި
- ގަލްގީލްޔާ: އަސްކަރީ ޖީޕުތައް ރަށްތަކުގެ ހަނި މަގުތަކަށް ވަދެ، އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުން އާދައަކަށް ހަދާފައިވެއެވެ.
- ޠޫބާސް އާއި ޖަނީން: އަގާބާ އަދި ގަބާޠިޔާ އަވަށުގެ ގެތަކަށް ވަދެ، އާއިލާތަކުގެ ހިތްތަކަށް ބިރުވެރިކަން ވައްދައި، ބަލައި ފާސްކުރުމުގެ ނަމުގައި މުދަލަށް ގެއްލުންދީފައިވެއެވެ.
- ޚަލީލް: ރޭގަނޑުގެ ކަނު އަނދިރީގައި ޠާރޫސާ ފަރުބަދަމަތީގެ އުޑުމައްޗަށް އަލިކުރާ ބޮންތައް އުކައި، މުޅި ސަރަހައްދު ނާމާންކޮށްލާފައިވެއެވެ.
- ބައިތުލަޙަމް: އަލްމިންޔާ އަވަށުގެ ގެތަކުގެ މެދުގައި ހަރުކަށި ވަޒަންވެރިން ބޭނުމެއްނެތްގޮތެއްގައި ދައުރުވެ، ކުޑަކުދިންނާއި އަންހެނުންނަށް ބިރުދައްކައި، ހަމަނުޖެހުން ހިންގާފައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުން އުފުލަމުންދާ މި އަނިޔާއަކީ ހަމައެކަނި ޚަބަރުތަކުގެ ސުރުޚީއެއް ނޫނެވެ. އެއީ ކޮންމެ ސިކުންތަކު ކެނޑިނޭޅި އޮހޮރޭ ކަރުނައާއި، ފޭރިގަނެވޭ ބިންތަކާއި، މިނިވަންކަމެއް ނެތި ޖަލެއްގެ ތެރޭގައި ބަންދުވެފައިވާ ޔަހޫދޫީން އަނިޔާ ކުރާ މިލިއަނުން އިންސާނުންގެ ހަގީގީ ދިރިއުޅުމުގެ ހިތްދަތި ހަގީގަތެވެ.







