އީރާނުގެ ކުރީގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ތެހެރާންގައި ކުރިއަށްދާ ވަގުތާ ދިމާކޮށް، އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް އީރާނުގެ މިހާރުގެ ލީޑަރުންނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. ހޯމަ ދުވަހު ކާޓްޒް ބުނީ އިސްރާއީލު ނައްތާލުމުގެ މަގްސަދުގައި އެއްވެސް ރޭވުމެއް ރާވަން މަސައްކަތްކުރާ އީރާނުގެ ކޮންމެ ލީޑަރެއްގެ ރޭވުންތައް ނާކާމިޔާބުކޮށް، އެ ބޭފުޅަކު ނައްތާލާނެ ކަމަށެވެ.
ސީ.އެން.އެން އިން އިސްރާއީލުގެ ދިފާއީ ވަޒީރުގެ ތަރުޖަމާނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކާޓްޒް ބުނީ މިހާރު ޖަނާޒާގެ ރަސްމިއްޔާތު ބާއްވަމުންދާ އަލީ ޚާމަނާއީއަކީ، އީރާނުގެ އެތެރޭގައާއި މުޅި ސަރަހައްދުގައި އިސްރާއީލު ސުންނާފަތިކުރުމުގެ ރޭވުންތައް ރާވައި އިސްކޮށް ހަރަކާތްތެރިވުމުން، އިސްރާއީލުން އިސްވެ ނައްތާލާފައިވާ ބޭފުޅެއް ކަމަށެވެ.
މީގެ އިތުރުން ކާޓްޒް ވަނީ، އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ އަސްކަރީ ހަމަލާތަކުގެ ސަބަބުން، އިސްރާއީލަށް ކުރިމަތިވެފައިވާ ވުޖޫދީ ބޮޑެތި ނުރައްކާތައް މުޅިން ނައްތާލެވިފައިވާ ކަމަށް ބުނެފައެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން އީރާނުގެ ސްޓްރެޓީޖިކް އަސްކަރީ ގާބިލުކަމަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އިސްރާއީލުގެ އުޅުމާއި ބަސް މަގު ހުންނަ ގޮތުން ހީވަނީ ޔަހޫދީ ދައުލަތް އަވަހަށް އީރާނުގެ އަތުން ވުޖޫދުން ފޮހެލަން އިސްރާއީލު ލީޑަރުން ބޭނުންވާ ފަދައެވެ.







