އީރާނުގެ ބިރުވެރިކަން ފިލައި، ކަރުނަތައް ބަދަލުވީ ބަދަލުހިފުމުގެ ވަރުގަދަ އަޒުމަކަށް

އިމާމް ޚުމައިނީ މުސައްލާ ސަރަހައްދަށް ޖަމާވި މިލިއަނުން އާންމުންނާއެކު، އީރާނުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ޖަނާޒާގެ ދެވަނަ ދުވަސް ވެގެންގޮސްފައިވަނީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަޙަށް ބޮޑު ލޮޅުމެއް ފޯރުވި ދުވަހަކަށެވެ. ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ލަފާކުރި ގޮތާ ޚިލާފަށް، އީރާނުގެ މުޖުތަމައު ބައިބައިވުމުގެ ބަދަލުގައި ފެނިގެންދިޔައީ ގައުމީ އެއްބައިވަންތަކަމާއި ސާބިތުކަމުގެ ވަރުގަދަ މަންޒަރެކެވެ.

  • ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖަނާޒާގެ ވަގުތުތަކުގައި ތެހެރާނުގެ މެޓްރޯ ނެޓްވޯކުން އެކަނިވެސް 7 މިލިއަނަށްވުރެ ގިނަ ދަތުރު ރެކޯޑުކުރެވިފައިވެއެވެ.
  • ސީ.އެން.އެން އިން ސިފަކުރި ގޮތުގައި، ކަޅު ހެދުމުގައި ތިބި މީހުންގެ ބޮޑު ކަނޑެއް ފަދަ ސަފުތަކުން ހުޅަނގުގެ ވައިގެ ހަމަލާތަކަށް އޮތް ބިރުވެރިކަން މުޅިން ފިލައިގޮސްފައިވާކަން ހާމަވެއެވެ. އޭގެ ބަދަލުގައި ފެންނަމުންދަނީ ވަގުތުން ބަދަލުހިފުމަށް ގޮވާލާ އަޑުތަކެވެ. ޖަނާޒާގެ ބައިވެރިއަކު ސީއެންއެން އަށް ކިޔައިދިން ގޮތުގައި، "މިލިއަނުން މީހުން މިގޮތަށް އެއްވުމަކީ އޭގެ ޒާތުގައި ލިބޭ އެންމެ ބޮޑު ބަދަލުހިފުމެވެ".
  • ދަ ގާޑިއަން ނޫހުން ފާހަގަކުރި ގޮތުގައި، 36 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގެ ހޫނުމިނެއްގައިވެސް، ގިނަ ބަޔަކު ދިޔައީ ބަދަލުހިފުމުގެ ރަމްޒެއް ކަމަށްވާ ރަތް ކުލައިގެ ދިދަތައް ހޫރަމުންނެވެ. އަދި ބައެއް ފިރިހެނުން ޝަހީދުވުމަށް ތައްޔާރަށް ތިބިކަން ހާމަކުރުމުގެ ގޮތުން ހުދު ކަފުން ބޮލުގައި އަޅައިގެން ހިނގަމުން ވެސް ދިޔައެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި، ޖަނާޒާގެ ސަރަހައްދުގައި ބޭނުންކުރަމުންދިޔަ ރަތް ދިދަތަކަކީ ޝިއާ މުސްލިމުންގެ މެދުގައި ނުހައްގުން އޮހޮރުވާލާފައިވާ ލެއަށް ބަދަލުހިފުމަށް ބޭނުންކުރާ ދީނީ ރަމްޒެކެވެ. މީގެ އިތުރުން، އާޔަތުﷲ ޚާމަނާއީގެ ސައްދޯއް ކައިރީގައި، އެމަނިކުފާނާއެކު އަވަހާރަކޮށްލެވުނު އަންހެން ދަރިފުޅާއި، ދަނބިދަރިފުޅާއި، އަދި 14 މަހުގެ ކާފަދަރިފުޅު ޒަހްރާ މުހައްމަދީގެ ކުދި ސަންދޯއްތައް ބެހެއްޓިފައި ހުރުމަކީ ޖަނާޒާގެ އެންމެ ހިތްދަތި މަންޒަރެވެ. މިއީ ސިޔާސީ ޣީލާ މަރަކަށްވުރެ ބޮޑަށް، މުޅި އާއިލާއެއް ނައްތާލުން ކަމުގައި ވުމުން، އީރާނުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުރުހުން ވަނީ އިތުރުވެފައެވެ.

ނިއުޔޯކް ታައިމްސްއިން ފާހަގަކުރި ގޮތުގައި، މި އެއްވުމުން ހާމަވަނީ އީރާނުގެ ސިޔާސީ ލީޑަރުންގެ މެދުގައި އޮތް އެއްބައިވަންތަކަމެވެ. އަދި ހުޅަނގާ ވާހަކަދެއްކުމާ މެދު އެތެރޭގައި ހުރި ޚިޔާލުތަފާތުވުންތައް މިހާރު ވަނީ ފިލައިގޮސްފައެވެ. އީރާނުގެ ސިފައިންގެ އިސްވެރިން ކަމަށްވާ އައި.އާރް.ޖީ.ސީ ގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަހުމަދު ވަހީދީއާއި ގުދުސް ފޯސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އިސްމާއިލް ގާނީ، އާންމުންގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން ތިއްބެވުމުން ދޭހަވަނީ ދައުލަތުގެ ސަލާމަތީ ނިޒާމަށް އޮތް އިތުބާރެވެ. ޖެނެރަލް ވަހީދީ ފެނުމާއެކު އާންމުން ވަނީ ސޮލީބީންނައި ސަހުޔޫނީންގެ ކިބައިން ބަދަލުހިފުމަށް ގޮވާލައި އަޑުއުފުލާފައެވެ.

އެމެރިކާއިން ދުނިޔޭގެ ގައުމުތަކަށް މި ޖަނާޒާ ބޮއިކޮޓްކުރުމަށް ފިއްތުންތައް ކުރިމަތިކުރި އެވެ. ނަމަވެސް، 70 އަށްވުރެ ގިނަ ގައުމުގެ ރަސްމީ ވަފުދުތަކުން ވަނީ ވޮޝިންގްޓަންގެ އެންގުންތަކަށް ގޮންޖަހައި ތެހެރާނަށް ވަޑައިގަންނަވާފައެވެ.

އެމެރިކާއަށް ދީލާލީ މުނާފިގުންގެ މަދު ބަޔެކެވެ.

މި ޖަނާޒާއިން ސާފުކޮށްދިނީ، އީރާނާ ދެކޮޅަށް ހިންގި ނަފްސާނީ ހަނގުރާމަ ނާކާމިޔާބުވެ، އެއް ލީޑަރަކު ވަކިވިޔަސް މުޅި ގައުމު އެކަތިގަނޑަކަށް ވެފައިވާ ކަމެވެ.

ހިއްސާ ކުރައްވާ!