ފޮޓޯއިން: ގަރުނުގެ އެންމެ ބޮޑު ޖަނާޒާގައި އިންތިޒާމުތައް ވަރަށް ފުރިހަމަ

މިހާތަނަށް ފެނުނު އެންމެ ބޮޑު ޖަނާޒާގައި އީރާންގެ ވެރިރަށް ތެހެރާން އޮތީ މެހެމާންދާރީ އަދާކުރާ ބޮޑު ސިޓީއަކަށް ބަދަލުވެފައެވެ. ޝަހީދު ޢަލީ ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަށް އެކި ޕްރޮވިންސްތަކުން އައި މިލިއަނުން މީހުންނަށް މަރުޙަބާ ކިޔުމަށް އީރާންގެ ވެރިރަށް ތައްޔާރު ވެފައި އޮތީ އިންތިޒާމު ފުރިހަމަ ކޭމްޕަކަށެވެ.

އިރާނުގެ ރަސްމީ ފަރާތްތަކުން ލަފާކުރާ ގޮތުގައި ތެހެރާންގެ އެތެރެއާއި ބޭރުން 15 އާއި 20 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ޖަނާޒާގައި ބައިވެރިވިއެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން މި ސިޓީ އޮތީ މިފަދަ ބޮޑު އިންސާނީ އޮއެވަރަކަށް ތައްޔާރުވުމަށްޓަކައި ކުއްލި ހާލަތެއްގައެވެ. މިއާއެކު ސަރުކާރުގެ ހުރިހާ އިދާރާތަކާއި ޚިދުމަތްދޭ މުއައްސަސާތަކުން ވަނީ ފުރިހަމަ ކޯޑިނޭޝަނަކާއެކު ބޮޑު ޕްލޭނެއްގެ ދަށުން މަސައްކަތް ކޮށްފައެވެ. އެ ގައުމުން ބޭނުންވީ މި ހަރަކާތަކީ "ގައުމުގެ ތާރީޚީ އެނބުރުމެއް ކަމަށާއި، ސޮލީބީ ސަހުޔޫނީ ހަނގުރާމަ ނާކާމިޔާބުވެފައިވާ ކަމުގެ ހެއްކެއް" ގޮތުގައި ދުނިޔެއަށް ދައްކާށެވެ.

މި ބޮޑު އިންސާނީ ޖަމާއަތުގެ ސަބަބުން އެއްވެސް ސަލާމަތީ އަދި އިންތިޒާމީ ގޮންޖެހުންތަކެއް ކުރިމަތިވެފައެއް ނުވެއެވެ. މިލިއަނުން މީހުންނަށް ބޯހިޔާވަހިކަމާއި، ކާބޯތަކެތި އަދި އަސާސީ ޚިދުމަތްތައް ފޯރުކޮށް ދީފައި ވެއެވެ. މިއީ ބޮޑު ލޮޖިސްޓިކަލް ކާމިޔާބު މަސައްކަތެކެވެ. މީގެ ސަބަބުން ތެހެރާން ވަނީ ކާބޯތަކެތި ތައްޔާރުކުރާ ބޮޑެތި ބަދިގެތަކާއި، ފޭލިގެ ސިޓީތަކާއި، އަދި އެކި ސަރަހައްދުތަކަށް ފެތުރިފައިވާ ޚިދުމަތްދޭ މަރުކަޒުތަކުގެ ބޮޑު ކޭމްޕަކަށް ބަދަލުވެފައެވެ.

ތެހެރާން މުނިސިޕަލްޓީން ވަނީ ރަސްމީ މުއައްސަސާތަކާއި އާންމުންގެ އެހީތެރިކަމާއެކު، އާންމު ބާގީޗާތަކާއި ހުސްބިންތައް ފޭލިގެ ސިޓީތަކަށާއި ވަގުތީ ހިޔާވަހިތަކަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން މިސްކިތްތަކާއި، ޙުސައިނިއްޔާތަކާއި، ސުކޫލުތަކާއި، ކުޅިވަރު ހޯލުތަކާއި ދީނީ މަރުކަޒުތައްވެސް ބޭނުންކުރަމުން ދިޔައެވެ. އަދި ބޮޑެތި އަދި ކުދި އެތައް ސަތޭކަ ބަދިގެތަކުގައި ގިނަ އަދަދަކަށް ކާތަކެތި ތައްޔާރުކޮށް، ސިޓީގެ އެކި ހިސާބުތަކުގައި ހިލޭ ބަހަމުން ދިޔައެވެ.

މުނިސިޕަލްޓީގެ ކޮމިއުނިކޭޝަންސް އެންޑް އިންޓަނޭޝަނަލް އެފެއާޒްގެ ވެރިޔާ ޙާމިދު ރިޒާ ޣުލާމްޒާދާ ވިދާޅުވި ގޮތުގައި، ހަމައެކަނި މުނިސިޕަލްޓީންވެސް މި ހަފުތާގެ ހޮނިހިރުން ހޯމައަށް ތާޒާ ކާނާގެ 20 މިލިއަން ކޮއްތު ތައްޔާރުކޮށް ބަހާފައި ވެއެވެ. މީގެ އިތުރުން ދީނީ ޖަމާއަތްތަކާއި ސަރުކާރުގެ އެހެން އިދާރާތަކުންނާއި އާންމު ވޮލަންޓިއަރުންވެސް އިތުރު އެތައް ހާސް ކޮއްތު ފޯރުކޮށްދީފައި ވެއެވެ.

ބޯހިޔާވަހިކަމާ ބެހޭގޮތުން ޣުލާމްޒާދާ ވިދާޅުވީ ކަމާބެހޭ ކޮމިޓީން 4 މިލިއަނެއްހާ އެނދުގެ ޖާގަ ތައްޔާރުކޮށްފައި ވާނެ ކަމަށެވެ. އަދި މި ޖާގަ އަދި އެއްކޮށް ފުރިފައިނުވާކަން ފާހަގަކުރައްވަމުން، އެހެން ޕްރޮވިންސްތަކުން އައި ފޭލިގެތަކާއި ޖަމާއަތްތައް ތެހެރާންގައި ގާއިމުވެފައިވާކަން ހާމަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވެރިރަށަށް އައި މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅައެއްބައި މީހުންނަށް ބޯހިޔާވަހިކަން ބޭނުންވާއިރު، ބާކީ ތިބި މީހުން ތިބީ އެމީހުންގެ ތިމާގެ މީހުންގެ ގޭގޭގައި ނުވަތަ ހޮޓާތައް ބުކްކޮށްގެންނެވެ. ނޫންނަމަ ކައިރި ޕްރޮވިންސްތަކުން ދުވާލު އައިސްފައި ރޭގަނޑު އެނބުރި ގެޔަށް ދަނީއެވެ.

އާންމު ދަތުރުފަތުރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަސްމިއްޔާތުގެ ފުރަތަމަ 30 ގަޑިއިރުގެ ތެރޭގައި ތެހެރާންގެ އަންޑަރގްރައުންޑް މެޓްރޯއިން 9 މިލިއަނަށްވުރެ ގިނަ ދަތުރު ރެކޯޑު ކުރެވިފައިވެއެވެ. އަދި، 5.5 މިލިއަން މީހުން މެޓްރޯ ބޭނުންކޮށްފައިވެއެވެ. އަދި ތެހެރާންގެ ބޮޑު ޖަމާއަތުގައި ނަމާދުކުރާ މުޞައްލާއަށް ހާޒިރުވި މީހުންގެ އަދަދު ރަސްމިއްޔާތުގެ ދެވަނަ ދުވަހުގެ ހެނދުނާ ހަމައަށް 6 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވެއެވެ.

މޯލްތަކުިގެ ތެރޭގައި ވެސ މީހުންނަށް ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައި އޮތެވެ.

މީހުންނަށް ދިން ޚިދުމަތްތައް ހަމައެކަނި ކެއުމާއި ބޯހިޔާވަހިކަމަކަށް ހަނިވެފައެއް ނުވެއެވެ. އެތަނުގައި މެޑިކަލް ކްލިނިކަކާއި އެމްބިއުލާންސްތައް ވެސް ހަމަޖައްސާފައި އޮތެވެ. ފިތި ބާރުވެގެން މީހުން މަރުވެފައެއް ނުވެއެވެ. އަދި ތަނެއް ވެއްޓިގެން ހާދިސާއެއް ހިނގާފައެއް ނުވެއެވެ.

ޕްރިވިންސްތަކުން ތެހެރާނަށް އައި މީހުންނަށް އުޅަނދު ޕާކު ކުރުމަށް ޖާގަތައްވެސް ޚާއްސަ ކޮށްދީފައި ވެއެވެ.

ހިއްސާ ކުރައްވާ!