މެލޭޝިއާގައި ބޮޑު ފަޟީހަތެއް: ހަތިޔާރު އުފައްދަން އެމެރިކާއަށް މައުދަން ސަޕްލައިކުރި މައްސަލަ ޕާލިމަންޓަށް

މެލޭޝިއާގައި ހިންގާ އޮސްޓްރޭލިއާގެ ކުންފުންޏަކާއި އެމެރިކާގެ ޑިފެންސް މިނިސްޓްރީ އާ ދެމެދު މި އަހަރުގެ ކުރީކޮޅު ގާއިމުކުރި 96 މިލިއަން ޑޮލަރުގެ އެއްބަސްވުމަކާ ގުޅިގެން، މެލޭޝިއާގެ ޕާލިމަންޓް ކޮމިޓީއަކުން މި މަހުގެ 16 ގައި ޚާއްޞަ އަޑުއެހުމެއް ބޭއްވުމަށް ނިންމައިފިއެވެ. މިއީ މެލޭޝިއާގައި ހުރި ނާދިރު މައުދަން އެމެރިކާގެ ހަތިޔާރު އުފެއްދުމަށް ސަޕްލައިކުރާ ކަމަށް ބުނެ ފެންމަތިވެފައިވާ ބޮޑު މައްސަލައެކެވެ.

މި އެއްބަސްވުމާ މެދު ބޮޑެތި އިއުތިރާޒުތަކެއް އުފެދިފައިވަނީ، އެމެރިކާއިން އުފައްދާ ހަތިޔާރުތަކަށް މި މާއްދާތައް ބޭނުންކުރާ ކަމުގެ ތުހުމަތުގައެވެ. އަދި އެ ހަތިޔާރުތައް ޔަހޫދީ ރެޖީމުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ ޖެނޮސައިޑް ހަނގުރާމައިގައި ބޭނުންކުރަމުންދާ ކަމަށްވެސް ތުހުމަތު ކުރެވެއެވެ.

ބައިނަލްއަޤްވާމީ ގުޅުންތަކާއި ވިޔަފާރިއާ ބެހޭ ޕާލިމަންޓް ކޮމިޓީގެ މުގައްރިރު، މަޖިލިސް މެންބަރު ވޮންގް ޗިން ވިދާޅުވި ގޮތުގައި މި އަޑުއެހުމުގެ ބޭނުމަކީ އެއްބަސްވުމުގެ ތަފްޞީލުތައް ބަލައި، މެލޭޝިއާގެ ދާޚިލީ ސިޔާސަތުތަކާ ޚިލާފު ކަންތައްތަކެއް ހިނގާފައިވޭތޯ ދެނެގަތުމެވެ.

މި އަޑުއެހުމުގައި އޮސްޓްރޭލިއާގެ "ލައިނާސް ރެއަރ އާތުސް" ކުންފުނީގެ މަންދޫބުންނާއި، މެލޭޝިއާ ސަރުކާރުގެ އިސްވެރިންގެ އިތުރުން، ތިމާވެއްޓާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ބަސް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ވޮންގް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ:

"މި ރެއަރ އާތު ބޭނުންކުރަނީ ކޮން ބޭނުމަކު؟ އިއާދަކުރަނިވި ހަކަތައަށް ނަމަ އަޅުގަނޑުމެން ތާއީދުކުރާނަން. އެކަމަކު ހަތިޔާރު އުފައްދަން ނަމަ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އެކަމަށް އިންކާރު ކުރަންޖެހޭނެ."

ވޮންގް މިހެން ވިދާޅުވީ ޕާލިމަންޓް އިމާރާތުގެ ބޭރަށް އެއްވި 50 އެއްހާ މުޒާހަރާގެ ބައިވެރިންގެ ފަރާތުން ހުށަހެޅި މެމޯއަކާ ހަވާލުވެވަޑައިގަތުމަށްފަހުއެވެ. މީގެތެރޭގައި "ގްރީންޕީސް" އަދި އިސްރާއީލް ބޮއިކޮޓްކުރަން ގޮވާލާ ބީޑީއެސް މޫވްމަންޓްގެ އެކްޓިވިސްޓުން ހިމެނެއެވެ. އެމީހުން ދަނީ ރެއަރ އާތު ސަޕްލައި ޗެއިންއާ ގުޅޭގޮތުން ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށާއި ޒިންމާދާރުކުރުވުމަށް ގޮވާލަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރެއަރ އާތު ޕްރޮސެސިންގް ކާރުޚާނާ މެލޭޝިއާގައި ހިންގާ "ލައިނާސް" ކުންފުންޏަށް، 4 އަހަރުގެ މުއްދަތަށް ހެދި މި އެއްބަސްވުމާ ގުޅިގެން ބޮޑެތި ފާޑުކިއުންތަކެއް ދަނީ އަމާޒުވަމުންނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި، މި ކުންފުނިން ފޯރުކޮށްދޭ މާއްދާތައް ބޭނުންކޮށްގެން އެމެރިކާއިން ހަދާ ހަތިޔާރުތައް އސެމެރިކާގެ ޕްރޮކްސީ އިސްރާއީލުން ދަނީ ޣައްޒާގައި ޖެނޮސައިޑް ހިންގުމަށް ބޭނުންކުރަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާގައި ހަމަލާ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށްފަހުވެސް، އިސްރާއީލުން ދަނީ ތަކުރާރުކޮށް ޣައްޒާގައި ޖެނިޮސައިޑް ހިންގައި އެއްބަސްވުމާ ޚިލާފުވަމުންނެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެއްބަސްވުމާ ޚިލާފަށް ދިން ހަމަލާތަކުގައި އެކަނިވެސް މިހާތަނަށް 1,072 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 3,463 މީހުން ވަނީ ޒަޚަމްވެފައެވެ.

މި ޖަރީމާތަކާއެކު، 7 އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް 73,000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުވެ، 173,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ޣައްޒާގެ އިންފްރާސްޓްރަކްޗާގެ 90 އިންސައްތަ ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ. ނި ނަސްލު ނައްތާލުމަށް 1 ހާސް ދުވަސް ވެއްޖެއެވެ. މުސްލިމުންނާއި އަރަބިން ތިބީ ކުޅި ބަލާށެވެ!

ހިއްސާ ކުރައްވާ!