އިންޑިއާގެ އުތުރުގެ ބޮޑެތި ދަނޑުވެރި ސަރަހައްދުތަކުގައި ކޮންމެ އަހަރެއްގެ މުސޫމު ބަދަލުވާއިރު އަންދާލާ، އަދި މުޅި ސަރަހައްދުގެ ވައި ނުސާފުވާ ވަރަށް ތަޣައްޔަރުކުރާ ދަނޑުވެރިކަމުގެ ކުނިބުނި ބޭނުންކޮށްގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ބޭނުންވާ ތިމާވެއްޓާ ރައްޓެހި ފިއުލް ނުވަތަ "ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް" އުފެއްދިދާނެ ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. މި ހޯދުމުގެ ސަބަބުން އިންޑިއާއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަށް ހައްލެއް ލިބުމުގެ އިތުރުން، ދުނިޔޭގެ ވައިގެ ދަތުރުފަތުރުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން، އިންޑިއާގެ ދަނޑުވެރިން ކޮންމެ އަހަރަކު އަންދާލާ ގޮދަނާއި ހަނޑޫ ހައްދާ ދަނޑުތަކުގެ ހުއި ބޭނުންކޮށްގެން، ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބޭނުންވާ އޭވިއޭޝަން ފިއުލްގެ ބޮޑު ބައެއް އުފެއްދުމުގެ ފުރުސަތު އެބައޮތެވެ. މިއީ މާލީ ގޮތުންނާއި ތިމާވެށީގެ ގޮތުންވެސް ދުނިޔެއަށް ލިބޭނެ ވަރަށް ބޮޑު ނަފާއެކެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު އަދި ނޮވެމްބަރު މަހާ ދިމާކޮށް، އިންޑިއާގެ ޕަންޖާބު އަދި ހަރިޔާނާ ފަދަ ސްޓޭޓްތަކުގެ ދަނޑުވެރިން، އާ މޫސުމަށް ދަނޑުތައް ތައްޔާރުކުރުމުގެ ގޮތުން ކުރީގެ ގަސްތަކުގެ ހުއި އަންދައެވެ. މިކަމުގެ ސަބަބުން އުފެދޭ ބޯ ދުމުގެ ސަބަބުން ވެރިރަށް ނިއުދިއްލީއާއި މުޅި އުތުރު އިންޑިއާ ބޯ ދުމުގެ ފޮށާއެއް ލެވި ވައިގެ ކޮލިޓީ އިންތިހާއަށް ދަށަށްދެއެވެ. މިއީ ސިއްހީ ގޮތުންނާއި ތިމާވެށީގެ ގޮތުން އިންޑިއާ ސަރުކާރަށް ބޮޑު ބޯހާސްކަމެއް ގެނުވާ ކަމެކެވެ.
ނަމަވެސް، ސައިންސްވެރިންގެ އާ ދިރާސާއިން ދައްކާގޮތުގައި، މިގޮތަށް އަންދާލާ ހުއި އެއްކޮށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބަޔޯ ޖެޓް ފިއުލްއަށް ބަދަލުކުރެވިދާނެއެވެ. މިކަމުގެ ސަބަބުން ދަނޑުތަކުގައި ހުޅުޖެހުން ހުއްޓުވި، ވައިގެ ތަޣައްޔަރުކަން ކުޑަވެގެންދާނެއެވެ. އަދި އަނެއްކޮޅުން، މަތިންދާބޯޓުތަކަށް ބޭނުންވާ ސާފު ހަކަތަ އުފެއްދުމަށް މަގުފަހިވާނެއެވެ.
ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަކީ ޖައްވަށް ކާބަންޑައިއޮކްސައިޑް ދޫކުރުމުގައި ބޮޑު ދައުރެއް އަދާކުރާ ސިނާއަތެކެވެ. ބައިނަލްއަޤްވާމީ އެވިއޭޝަން އިދާރާތަކުން ވަނީ 2050 ވަނަ އަހަރާ ހަމައަށްދާއިރު، ޖައްވަށް ދޫކުރާ ކާބަން ނެޓް ޒީރޯ ނުވަތަ އެއްވެސް މިންވަރަކަށް ކާބަން ނުކުންނަ އެއްޗަކަށް ނުހެދުމަށް އަމާޒު ހިފާފައެވެ. މި އަމާޒަށް ވާސިލުވުމަށް އޮތް އެންމެ މުހިންމު ވަސީލަތަކީ ެމެހެއްޓެނިވި ހަކަތައިގެ ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް ބޭނުންކުރުމެވެ.
އާންމުކޮށް ބޭނުންކުރާ ޖެޓް ފިއުލްއާ އަޅާބަލާއިރު، ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރުމުން ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު 80 އިންސައްތައާ ހަމައަށް ދަށްކޮށްދެއެވެ. ނަމަވެސް، މިހާތަނަށް ދެމެހެއްޓެނިވި ހަކަތަ އުފެއްދުމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ އެއަށް ބޭނުންވާ ރޯމެޓީރިއަލް އެކަށީގެންވާ މިންވަރަށް ނުލިބުމެވެ. އިންޑިއާގެ ދަނޑުވެރިކަމުގެ ހުއި ބޭނުންކޮށްގެން މި ހުރަސް ނައްތާލެވިދާނެ ކަމަށް ދިރާސާވެރިން ބުނެއެވެ. އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހަނޑުލާއި ގޮދަން ހައްދާ ގައުމަށް ވުމުން، އެ ގައުމުން ލިބޭނެ ހުއި އިންތިހާއަށް ގިނައެވެ.
މި މަޝްރޫޢު އަމަލީ ގޮތުން ކުރިއަށް ގެންގޮސްފިނަމަ، އިންޑިއާގެ ރަށްފުށުގެ އިގްތިސާދަށް ބޮޑު އިންގިލާބެއް އަންނާނެއެވެ. މީގެ އިތުރުން، އިންޑިއާގެ އެކި ހިސާބުތަކުގައި ބަޔޯ-ފިއުލް ރިފައިނަރީތައް ނުވަތަ ކާރުޚާނާތައް ބިނާކުރަން ޖެހުމުން، އެތައް ހާސް ޒުވާނުންނަކަށް އާ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ.
މި ދިރާސާއަކީ ވަރަށް އުންމީދީ ހޯދުމެއް ނަމަވެސް، މިއީ އަމަލީ ގޮތުން ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އެންމެ ބޮޑު ގޮންޖެހުމަކީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ދަނޑުވެރިންގެ އަތުން މި ކުނިބުނި އެއްކޮށް، ރިފައިނަރީތަކާ ހަމައަށް އުފުލުމުގެ ލޮޖިސްޓިކްސް ނިޒާމު ގާއިމުކުރުމެވެ. މީގެ އިތުރުން، ބަޔޯ-ޖެޓް ފިއުލް އުފެއްދުމަށް ބޭނުންވާ ކާރުޚާނާތައް ބިނާކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވެއެވެ.







