އިސްލާމީ ޖުމްހޫރިއްޔާގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީގެ ޖަނާޒާގެ އެންމެ މުހިންމު އަދި ތިންވަނަ ދުވަހަށް ދެމިގެން ގޮސްފައިވާއިރު، ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަން މިހާރު ހުއްޓިފައި ވަނީ ހަމައެކަނި އެއްވެފައިވާ މީހުންގެ ގިނަކަމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، ދުނިޔޭގެ ނޫސްވެރިކަން މިހާރު އަމާޒުވެފައިވަނީ އަވަހާރަކޮށްލާފައިވާ ލީޑަރަކަށްޓަކައި މުޅި ގައުމު ރޮއްވާލި މި ހާދިސާގެ ފަހަތުގައިވާ ސިޔާސީ އަދި ޖިއޯޕޮލިޓިކަލް ރަމްޒުތަކުގެ މައްޗަށެވެ.
ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބޭރުގެ އިއްޒަތްތެރިން ބައިވެރިވުން ހުއްޓުވަން ގައުމުތަކަށް ފިއްތުންތައް ކުރިމަތިކުރި ނަމަވެސް، އެ ބިރުދެއްކުމަށް ދީލާލި ބައެއް ގުނާލެވޭ އަދަދެއްގެ މަދު ގައުމުތައް ފިޔަވައި 100 އަށްވުރެ ގިނަ ގައުމުގެ ވަފުދުތަކުން ޖަނާޒާގައި ބައިވެރިވިއެވެ. އޭގެ ތެރޭގައި ރަޝިޔާ، ޗައިނާ، ޕާކިސްތާން އަދި ސައޫދީ އަަރަބިއްޔާ ހިމެނެއެވެ.
ވޭތުވެދިޔަ ތިން ދުވަހު ތެހެރާނުގެ މަގުތަކުން ފެނިގެންދިޔަ މަންޒަރުތަކަކީ، ބައިނަލްއަޤްވާމީ މީޑިއާ ސިފަކުރާ ގޮތުގައި "ގަރުނުގެ ޖަނާޒާ" އެވެ. މިއީ ހިތާމައާއި، ސޮލީބީންނާ ދެކޮޅަށް ރުޅުވެރިކަމާއި، އަދި ނުގުޑާފަދަ ހިތްވަރެއް ދައްކުވައިދިން، ކަމެކެވެ. މީގެ ސަބަބުން، އީރާނާ ދެކޮޅު ހުޅަނގުގެ މީޑިއާއަށްވެސް ވަނީ އިސްލާމީ ޖުމްހޫރިއްޔާގެ ސާބިތުކަން ގަބޫލުކުރަން މަޖުބޫރުވެފައެވެ.

ރޮއިޓާސް، އެސޯސިއޭޓެޑް ޕްރެސް (އޭޕީ)، އަލްޖަޒީރާ އަދި ޑޮއިޗޭ ވެލޭ (ޑީޑަބްލިޔު) ފަދަ ބައިނަލްއަޤްވާމީ ހުރިހާ ވަސީލަތްތަކެއްގެ ފަލަ ސުރުޚީތަކުން ފެނުނީ ތެހެރާނުގެ މަގުތައް ފުރާލި އިންސާނީ ކޯރެވެ. ޑްރޯން ފޮޓޯތަކުން ފެންނަ ގޮތުގައި، ކަޅު ހެދުމުގައި ތިބި މިލިއަނުން މިލިއަނުން މީހުން ވަނީ ތެހެރާނުގެ ބޮޑެތި ހައިވޭތައް މުޅިން ބަންދުކޮށްފައެވެ. މިއީ އީރާނުގެ ތާރީޚުގައި ކުރިމަތިވި އެންމެ ނާޒުކު ދަނޑިވަޅުގައި، ގައުމުގެ ދެމިއޮތުން ދައްކުވައިދިން ގައުމީ މުޒާހަރާއެއް ކަމަށް ރޮއިޓާސްއިން ސިފަކުރިއެވެ.
އޭޕީ އިން ރިޕޯޓްކުރި ގޮތުގައި، މިއީ 2020 ވަނަ އަހަރު އަވަހާރަކޮށްލެވުނު ޖެނެރަލް ޤާސިމް ސުލައިމާނީގެ ޖަނާޒާއަށްވުރެވެސް މީހުން ގިނަ އެއްވުމެކެވެ. ޖުލައި މަހުގެ ގަދަ ހޫނުގެ ސަބަބުން، އެއްވެފައިވާ މީހުން ފިނިކުރުމަށްޓަކައި އަލިފާން ނިއްވާ ވެހިކަލްތަކުން ފެން ޖަހަމުން ދިޔައެވެ.

ފައިނޭންޝަލް ޓައިމްސްއިން ބުނިގޮތުގައި، 6 ދުވަހުގެ މި ރަސްމިއްޔާތުގައި 12 އާއި 15 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. މިއީ ޒަމާނީ ތާރީޚުގައި ދުނިޔެ ދުށް އެންމެ ބޮޑު އެއް ޖަނާޒާއަށް ވެގެންދާނެއެވެ.
ބީބީސީގެ މަޝްހޫރު ނޫސްވެރިޔާ ލައިސް ޑައުސެޓް ތެހެރާނުން ރިޕޯޓްކުރި ގޮތުގައި، މިއީ ހަމައެކަނި ހިތާމަ ފާޅުކުރުމެއް ނޫނެވެ. މިއީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ރޭވިފައިވާ ހަރަކާތެކެވެ. އީރާނުގެ އައު ލީޑަރުން ބޭނުންވަނީ ގައުމުގެ ބާރާއި ދެކޮޅުވެރިކަމުގެ މެސެޖު ދުނިޔެއަށް ދެއްކުމަށެވެ.
އާންމުންގެ ހިތާމަ ސާފުކޮށް ފެންނަން އޮތްއިރު، ބައިނަލްއަޤްވާމީ ނޫސްތަކުން އެންމެ ބޮޑަށް އަލިއަޅުވާލީ މި ޖަނާޒާގެ ތެރެއިން ފެނުނު ސިޔާސީ މެސެޖުތަކަށެވެ. މިއީ އެމެރިކާއާއި އިސްރާއީލާ ދެކޮޅު ރޫޙު އާލާކުރި ބޮޑު މަންސައަކަށް ވިއެވެ.
އިސްލާމޯފޯބިއާ ފަތުރާ ޑެއިލީ މެއިލްއިން ބުނިގޮތުގައި، މީހުން ދިޔައީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ދިދަތަކުގައި ހުޅުޖަހައި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަސްވީރުތަކަށް އުކަމުންނެވެ. މަގުތަކުގައި "ތްރަމްޕް ނައްތާލަންވީ" ލިޔެފައިވާ ބެނާތައް ހުއްޓެވެ. މީގެއިތުރުން ޓްރަމްޕް، ޖޭޑީ ވެންސް، އަދި ބެންޖަމިން ނަތަންޔާހޫ ފަދަ ލީޑަރުންގެ މޫނުތަކަށް ބަޑީގެ ވަޒަން އަމާޒުކޮށްފައިވާ ޕޯސްޓަރުތައް މީހުން އުފުލިއެވެ.
ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބައިވެރިއަކު ބުނީ، "މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް. އެކަމަކު އަހަރެން މިތަނަށް އައީ އަލްވަދާޢު ކިޔާކަށް ނޫން! ބަދަލުހިފަން!" ކަމަށެވެ. ހަމާސްއާއި ހިޒްބުاللهގެ ވަފުދުތައްވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން އެއްބަސްވި ގޮތުގައި، މި ރަސްމިއްޔާތަކީ ހުޅަނގާ ދެކޮޅަށް އިސްލާމީ ޖުމްހޫރިއްޔާއިން ދެއްކި ބޮޑު "ނުގުޑާފަދަ ބާރެކެވެ".
ހަތް މަސް ކުރިން ދާޚިލީ މުޒާހަރާތަކުން ހަލަބޮލިވެފައި އޮތް ގައުމަކުން މިފަދަ ބޮޑު އެއްވުމެއް ދެއްކުމަކީ، ގައުމުގެ މަސްރަހު ބަދަލުވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ދަ ގާޑިއަންއިން ވެސް ފާހަގަކުރިއެވެ.
ޕާކިސްތާނުގެ "ޑޯން" ނޫހުން ބުނިގޮތުގައި، މިއީ މީގެ 40 އަހަރު ކުރިން އާޔަތުﷲ ޚުމައިނީ އަވަހާރަވުމުން އެއްވި މީހުންގެ އަދަދާ އަޅާކިޔޭނެ ފަދަ ބޮޑު އެއްވުމެކެވެ. ފައިނޭންޝަލް ޓައިމްސްއިން ބުނިގޮތުގައި، ބޭރުގެ ހަމަލާއެއްގައި ޚާމަނައީ އަވަހާރަކޮށްލުމުން، ގައުމުގެ މިނިވަންކަމާއި ދިފާއީ ރޫޙުގެ ވަށައިގެން ރައްޔިތުން އެއްބައިވަންތަކުރުމަށް ސަރުކާރަށް ފުރުސަތު ލިބުނެވެ.
ޚާމަނައީގެ ހަށިކޮޅު ތެހެރާނަށްފަހު ޤުމް، ނަޖަފް، އަދި ކަރްބަލާއަށް ގެންދިއުމަށްފަހު، އެންމެ ފަހުން ފަސްދާނުލާނީ އޭނާގެ އުފަން ރަށް ކަމަށްވާ މަޝްހަދުގެ އިމާމް ރިޒާގެ މަޤްބަރާގައެވެ.
ވޮޝިންގޓަން ޕޯސްޓުން ލިޔެފައިވާ ގޮތުގައި، 37 އަހަރު ވަންދެން ގައުމު ހިންގެވުމަށްފަހު، އުމުރުފުޅުން 86 އަހަރުގައި ސޮލީބީ ސަހުޔޫނީ ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލެވުނު ލީދަރުގެ ވަދާޢީ ދަތުރަކީ އީރާނުގެ މުސްތަޤްބަލު ބައްޓަންކުރާނެ ހާދިސާއެކެވެ.
ތެހެރާނުގެ މަގުތައް ހުސްވަމުންދިޔަ ނަމަވެސް، ބަދަލުހިފުމުގެ އަޑުތައް އަދިވެސް ވައިގެ ތެރޭގައި ހަރުލާފައި އެބަހުއްޓެވެ. މިއީ ހަމައެކަނި ވަދާޢީ ސަލާމެއް ނޫނެވެ؛ މިއީ މުޅި މެދުއިރުމަތީގެ ބާރުގެ މިސްރާބު ބަދަލު ވެފައިވާކަމުގެ ބޮޑު އިޢުލާނެކެވެ.







