އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑޮނޭޝިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ އެންމެ މުހިންމު ބިޒްނަސް ސުކޫލްތަކުގެ ތެރޭގައި ހިމެނޭ "އިންޑިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް (އައިއައިއެމް ބެންގަލޫރު)" ގެ ފުރަތަމަ ބޭރުގެ ކެމްޕަސް އިންޑޮނޭޝިއާގައި ގާއިމުކުރުމަށް ނިންމައިފިއެވެ.
ސިއްހީ، ތަޢުލީމީ އަދި އެހެނިހެން ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި މިއަދު އަންގާރަ ދުވަހު ސޮއިކުރި މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި މި މަޝްރޫޢު ހިމެނޭކަން ބޮޑުވަޒީރު މޯދީ ވަނީ ރަސްމީކޮށް އިޢުލާންކުރައްވާފައެވެ. އައ.އައިއެމް ބެންގަލޫރުގެ މި އައު ކެމްޕަސް ހުޅުވުމަށް ހަމަޖެހިފައިވަނީ އިންޑޮނޭޝިއާގެ އީސްޓް ޖާވާ ޕްރޮވިންސްގައި އޮންނަ "ސިންގްހަސާރީ ސްޕެޝަލް އިކޮނޮމިކް ޒޯން" ގައެވެ.
އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯއާއެކު ބޭއްވެވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދަނީ އިންޑިއާގެ އައިއައިއެމް ބެންގަލޫރުގެ ބޭރުގެ ފުރަތަމަ ކެމްޕަސް އިންޑޮނޭޝިއާގައި ގާއިމުކުރަމުން. މީގެ ސަބަބުން މުޅި އާސިއާން ސަރަހައްދުގެ ޒުވާނުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ."
މިއީ އިންޑިއާގެ މަތީ ފަންތީގެ ބިޒްނަސް ސުކޫލެއް ގައުމުން ބޭރުގައި ހުޅުވާ ދެވަނަ ފަހަރެވެ. މީގެކުރިން އައިއައިއެމް އަހުމަދުއާބާދުން ވަނީ މިދިޔަ އަހަރު ދުބާއީގައި ކެމްޕަހެއް ހުޅުވާފައެވެ.
ތަޢުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާއިންވެސް ދެ ގައުމުގެ ދެމެދުގައި މުހިންމު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މިގޮތުން އިންޑިއާގެ "ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޯގަނައިޒޭޝަން" އާއި އިންޑޮނޭޝިއާގެ "ނޭޝަނަލް އެޖެންސީ ފޯ ޑްރަގް އެންޑް ފުޑް ކޮންޓްރޯލް" އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ބޭހާއި ބޭސްފަރުވާގެ ސާމާނު ރެގިއުލޭޓްކުރުމުގައާއި މާކެޓް ފުރުސަތުތައް ފަހިކުރުމަށް ގުޅިގެން މަސައްކަތްކުރާނެއެވެ.
ބޮޑުވަޒީރު މޯދީ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އިންޑިއާގައި އުފައްދާ މަތީ ފެންވަރުގެ، އަދި އަގުހެޔޮ ބޭސްތައް ފަސޭހަކަމާއެކު އިންޑޮނޭޝިއާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި ދެ ގައުމުގެ ސިއްހީ މާހިރުންގެ މެދުގައި ތަމްރީނާއި ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމްތައްވެސް ކުރިއަށްދާނެއެވެ.
މޯދީގެ މި ދަތުރުފުޅުގައި ދިފާއީ ދާއިރާ، ކަނޑުގެ ސަލާމަތްތެރިކަން އަދި މުހިންމު މިނަރަލްސް ހިމެނޭހެން ޖުމްލަ 12 އެއްބަސްވުމެއްގައި ދެ ގައުމުން ވަނީ ސޮއިކޮށްފައެވެ. ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ވިޔަފާރިއާއި ސަލާމަތީ ގުޅުންތައް ވަރުގަދަކުރުމަށް އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑަށް ކުރައްވާ ތިން ގައުމުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.







