އިންޑޮނޭޝިއާގެ އެންމެ މަތީ ޝަރަފް ބޮޑުވަޒީރު މޯދީއަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑޮނޭޝިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ އެންމެ މަތީ މަދަނީ ޝަރަފް ކަމަށްވާ "ބިންތަންގް ރިޕަބްލިކް އިންޑޮނޭޝިއާ އަދިޕުރްނާ" އަރުވައިފިއެވެ. ވެރިރަށް ޖަކާޓާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޝަރަފް މޯދީއަށް އަރުވާފައިވަނީ އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ކުރިއެރުވުމަށް ބޮޑުވަޒީރު މޯދީ ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވުނު އެވޯޑެކެވެ.

1959 ވަނަ އަހަރު އުފެއްދި މި އެވޯޑަކީ އިންޑޮނޭޝިއާގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅުންނަށް އެރުވޭ އެވޯޑެއްގެ އިތުރުން، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމުގައި އެހީތެރިވެދޭ ބޭރު ގައުމުތަކުގެ އެންމެ މަތީ ވެރިންނަށް އެރުވޭ ވަރަށް ނާދިރު ޝަރަފެކެވެ.

މި އެވޯޑް ގަބޫލުކުރައްވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، މިއީ އިންޑިއާގެ 1.4 ބިލިއަން ރައްޔިތުންނަށް ލިބުނު ފަޚުރެއް ކަމަށެވެ.

"މިއަދު ހެނދުނު އަޅުގަނޑަށް އިންޑޮނޭޝިއާގެ އެންމެ މަތީ ޝަރަފް މިވަނީ ވަރަށް ބޮޑު ލޯތްބާއި އިހުތިރާމާއެކު ދެއްވާފައި. މި ޝަރަފަކީ އިންޑިއާގެ ރައްޔިތުންގެ ހައްގެއް. މިއިން ރަމްޒުކޮށްދެނީ އިންޑޮނޭޝިއާގެ ރައްޔިތުންގެ ހިތްތަކުގައި އޮތް ޝުއޫރުތަކާއި، ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ އަދި ފުން ގުޅުން. ރައީސް ޕްރަބޯވޯ އަށާއި އިންޑޮނޭޝިއާ ސަރުކާރަށް އަދި ރައްޔިތުންނަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން،" އެކްސްގައި މޯދީ ލިޔުއްވާފައިވެއެވެ.

މޯދީގެ ވާހަކަފުޅުގައި ދެ ގައުމުގެ މެދުގައި އޮތް ގަރުނުތަކެއްވީ ސަގާފަތާއި ތަހުޒީބީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ޔަގީންކަން އެރުވިއެވެ. މީގެ އިތުރުން ދުނިޔޭގެ މަސްރަޙަށް އަލިއަޅުއްވާލައްވައި، ފަލަސްޠީނުގައި ދެ ދައުލަތް އުފެއްދުމުގެ ސިޔާސަތަށް އިންޑިއާއިން ތާއީދުކުރާކަން ތަކުރާރުކުރައްވައި، ސުލްހަވެރި މަޝްވަރާއަށް ގޮވާލެއްވިއެވެ.

ބޮޑުވަޒީރު މޯދީ ހޯމަ ދުވަހު އިންޑޮނޭޝިއާއަށް ވަޑައިގަތުމުން، ރިޔާސީ ގަނޑުވަރު އިސްތާނާ މެރްދޭކާ އިން ވަނީ ވަރަށް ކުލަގަދަ އަސްކަރީ މަރުޙަބާއެއް ކިޔާފައެވެ.މިއީ ބޮޑުވަޒީރު މޯދީ ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި އިންޑޮނޭޝިއާގެ އިތުރުން އޮސްޓްރޭލިއާ އަދި ނިއުޒީލޭންޑަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، މި ދަތުރުފުޅަކީ އިންޑިއާއާއި އިންޑޮނޭޝިއާގެ އިސްތިރާޖީ ބައިވެރިވުން އައު ހިސާބަކަށް ގެންގޮސް، އިގްތިސާދީ އަދި ސަލާމަތީ ދާއިރާތަކުން އައު ފުރުސަތުތައް ހުޅުވިގެންދާނެ ދަތުރެއް ކަމަށެވެ.

އަދި މިއީ އިންޑިއާގެ ސަރަހައްދުގެ އެންމެންގެ ސަލާމަތާއި ކުރިއެރުން ގެ ދަށުން، އިންޑޯ-ޕެސިފިކް ސަރަހައްދު މިނިވަން އަދި ހުޅުވާލެވިފައިވާ ތަނަކަށް ހެދުމަށް އިންޑިއާއިން ކުރާ މަސައްކަތަށް ލިބުނު ބާރެކެވެ. މި ދަތުރުފުޅު ކުރެވިގެން މިދަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ރައީސް ޕްރަބޯވޯ އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ.

ހިއްސާ ކުރައްވާ!