ބްރެޒިލްގައި ހަރަކާތްތެރިވާ ކުށްކުރާ ދެ ގްރޫޕަކީ "ޓެރަރިސްޓް ޖަމާޢަތްތަކެއް" ކަމަށް ވޮޝިންގްޓަނުން ކަނޑައެޅުމާ ގުޅިގެން، ބްރެޒިލްގެ ސަރަހައްދުގެ އެތެރެއަށް އެމެރިކާއިން އަސްކަރީ ބާރުގެ ބޭނުންކޮށް ހަމަލައެއް ދީފާނެ ކަމަށް ބަލައި ބްރެޒިލް ސަރުކާރުން އިންޒާރު ދީފިއެވެ.
ބްރެޒިލްގެ ޚާރިޖީ ވަޒީރު މައުރޯ ވިއޭރާ ގާނޫނުހަދާ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވިއެވެ. "މިފަދައިން ކަނޑައެޅުން..ބްރެޒިލްގެ މުއައްސަސާތަކާ ދެކޮޅަށް ބޯޑަރު ހުރަސްކޮށް ފިޔަވަޅު އެޅުން ހުއްދަކުރުމުގެ ބަހަނާ އެއް ލިބިގެން ދާނެއެވެ." އަދި "އަހަރެމެންގެ ގައުމުގެ ބިމާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ބާރުގެ ބޭނުންކުރުމުގެ ނުރައްކާ އެބައޮތް" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބްރެޒިލްގެ ވާތުފިޔައިގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑާ ސިލްވާ ވަނީ އެމެރިކާގެ މި ނިންމުމާ ދެކޮޅު ހައްދަވާފައެވެ. އެމެރިކާއިން ދެކޭގޮތުގައި މިފަދައިން ކަނޑައެޅުމުން، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އެ ގްރޫޕްތަކުގެ ލީޑަރުންނާ ދެކޮޅަށް އެމެރިކާއިން އުދުވާނީ ހަމަލަތައް ދިނުމުގެ ހައްގު އެމެރިކާއަށް ލިބިގެންވެއެވެ.
ވޭތުވެދިޔަ މޭ މަހު، އެމެރިކާ ސަރުކާރުން ވަނީ ބްރެޒިލްގެ "ޕްރިމޭރޯ ކޮމާންޑޯ ޑާ ކަޕިޓަލް" އަދި "ކޮމާންޑޯ ވެރްމޭލިއޯ" ގްރޫޕްގެ ބޯޑަރު ހުރަސްކޮށް ހިންގާ "ޣައިރު ގާނޫނީ ނެޓްވޯކްތައް" އެބަހުރިކަން ކަށަވަރުކޮށްދީ، އެއީ ޓެރަރިސްޓް ޖަމާޢަތްތަކެއްގެ ގޮތުގައި އިޢުލާންކޮށްފައެވެ.
މި ދެ ޖަމާޢަތަކީ ޚާއްޞަކޮށް މަސްތުވާތަކެތީގެ ވަގުފާރި ކުރާ، އަދި ބްރެޒިލްގެ ފަގީރު އަވަށްތަކުގައި ޣައިރު ގާނޫނީ ގޮތުން ފައިސާ ހޯދާ އެހެނިހެން ވަސީލަތްތައް ގެންގުޅޭ ދެ ގްރޫޕެވެ.
2025 ވަނަ އަހަރު ވައިޓް ހައުސްއަށް އެނބުރި ވަޑައިގަތުމަށްފަހު، ޑޮނަލްޑް ޓްރަމްޕް ވަނީ އެހެން ގައުމުތަކަށް ހަމަލަ ދިނުން ހުއްދަކޮށް އެކަން ފައްޓަވާފައެވެ. މީގެ ތެރޭގައި މެކްސިކޯގެ "ސިނަލޯއާ ކާޓެލް" އަދި ވެނެޒުއޭލާގެ "ޓްރެން ޑި އަރާގުއާ" ގޭންގުތަކާ ދެކޮޅަށް އެ ގައުމުތަކަށް ދިން ހަމަލަ ހިމެނެއެވެ.
އެމެރިކާއިން ވަނީ ވެނެޒުއޭލާގެ އެތެރޭގައި ތިބި "ޓްރެން ޑި އަރާގުއާ" ގެ މެންބަރުންނަށް އަމާޒުކޮށް ފުރާނައަށް ނުރައްކާވާފަދަ ޙަމަލާތަކެއް ދީފައެވެ. އަދި ކެރީބިއަން އަދި ޕެސިފިކް ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި އުފުލާ ކަމަށް ބުނާ ކުދި ބޯޓުތަކަކަށްވެސް އެމެރިކާއިން ވަނީ އެއްވެސް ޝަރީއަތަކާ ނުލައި ކަނޑު ފޭރުމުގެ ޓެރަރިސްޓް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ.
ބްރެޒިލްގެ އެތެރޭގެ މަސްރަޙަށް ބަލާއިރު، އިދިކޮޅު ކަނާތުފިޔައިގެ ބާރުތަކުން ވަނީ ވޮޝިންގްޓަނުގެ މި ނިންމުމަށް މަރުޙަބާ ކިޔާފައެވެ. އަދި އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު، މި މައްސަލައިގައި ސަރުކާރުން ފަރުވާކުޑަކޮށް، މަޑުމައިތިރިކޮށް އޮތް ކަމަށް ބުނެ އިދިކޮޅުން ދަނީ ސަރުކާރަށް ތުހުމަތުތައް ކުރަމުންނެވެ.






